ހެޔޮ ބަދަލެއް އަންނާނީ ރައްޔިތުން ފަސާދަ ނައްތައިލަން ތެދުވެގެން: ގާސިމް

ގައުމުގެ ކޮންމެ ކަމަކަށް ވެސް ހެޔޮ ބަދަލުތައް އަންނާނީ ބޭއިންސާފާއި ފަސާދަ ނައްތައިލަން ފަސްނުޖެހި އެކަންތައްތައް ނައްތައިލަން ރައްޔިތުން ފަސްނުޖެހި ތެދުވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިރުންގެ މަޖިލީހުގެ މާމިނގި ދާއިރާގެ މެމްބަރު ގާސިމް އިބުރާހީމް ވިދާޅުވެއްޖެއެވެ.

ހިޖުރީ އާ އަހަރާއި މީލާދީ އާ އަހަރާ ގުޅިގެން ތަހުނިޔާ ވިދާޅުވުމަށް ގާސިމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ހެޔޮ ބަދަލުތައް އަންނާނީ ރައްޔިތުން އެމީހުންގެ ފަރުދީ ބައިވެރިވުން އޮވެގެން ކަމަށެވެ.

"... އަޅުގަނޑުމެންގެ ޤައުމުގެ ކޮންމެ ކަމަކަށްވެސް ހެޔޮ ބަދަލުތައް އަންނާނީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ބައިވެރިވުން ޤައުމުގެ ކަންކަމުގައި ފުރިހަމަޔަށް އޮވެގެންނެވެ. ދަތިވާ ކަންކަމާ ނުލިބި ހުރި ޙައްޤުތަކުގެ އަޑު އުފުލައިގެންނެވެ. ނޭއްގާނީކަންކަމާ، ލާއިންސާނީ އަނިޔާއާ، މާރާމާރިއާ، ބޭއިންސާފާ، ފަސާދައާ، ކޮރަޕްޝަން ނައްތައިލަން ފަސްނުޖެހި ތެދުވެގެންނެވެ،" ގާސިމްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ބަޔާނުގައި އޭނާ އަދި ވިދާޅުވެފައި ވަނީ ހެޔޮ ބަދަލުތައް ގެނެވޭނީ އެންމެން އެކުގައި އަތުގުޅާލައިގެން ކަމަށާއި މާޒީގައި ވެސް ކާމިޔާބު ހާސިލުވެފައި ވަނީ އެ ފަލްސަވާގެ މަތީގައި ކަމަށެވެ.

މިއަހަރަކީ ދިވެހިންނަށް ނަސްރުވެރި އަދި ބާރުވެރި އަހަރެއް ކަމުގައި ލެއްވުން އެދިވަޑައިގެން ދުއާ ކުރައްވާ ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު