ބ. ކަމަދޫ ކަނޑު ތޮށި ހަލާކުވެފައި އޮތް ސަރަހައްދު ހެދުމުގެ މަސައްކަތުގެ 80 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެކައުންސިލުން ބުނެފި އެވެ.
ކައުންސިލްގެ ނައިބް ރައީސް ޢަލީ އިސްމާޢީލް މިއަދު ވިދާޅުވީ ކަނޑު ތޮށީގެ ހަލާކުވެފައި އޮތް ސަރަހައްދު ހެދުމުގެ މަސައްކަތަކީ ސީދާ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ކުރާ މަސައްކަތެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެމަސައްކަތް ކައުންސިލްގެ އާމްދަނީގެ ފައިސާ އިން ޚަރަދު ކުރުމުގެ ކުރިން ސަރުކާރަށާއި، ކަމަދޫގެ ކައިރީގައިވާ އަދި ކަމަދޫގެ ބަނދަރުން ޚިދުމަތް ހޯދަމުންދާ ދެ ރިސޯޓް ކަމުގައިވާ ފޯސީޒަން ލަނޑާގިރާވަރު، އަދި ރީތިބީޗް ރިސޯޓަށް އެހީއެއް ހޯދުމަށް މަސައްކަތް ކުރެއްވި ކަަމށެވެ. އެހެންނަމަވެސް އެދޭވޭ ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިމަސައްކަތް ކުރުމަށް ރަށުގެ ވަރަށް މަދު ރައްޔިތުން އަދި ކައުންސިލް މެންބަރުންގެ އެއްބާރުލުން ލިބެމުންދޭ ގިނަ ރައްޔިތުން މިހާރު ގަބޫލެއް ނުކުރޭ މީ ރައްޔިތުން ކުރަން ޖެހޭ ކަމަކަށް ރައްޔިތުން ބުނަނީ ތިމަންނަމެން ޓެކްސް ދައްކަމޭ ސަރުކާރުން ބަނދަރު ހަދާދޭން ޖެހޭނެ ކަމަށް." އިސްމާޢީލް ވިދާޅުވި އެވެ.
ކައުންސިލްގެ ނައިބް ރައީސް އިތުރަށް ވިދާޅުވީ ކަމަދޫ އަކީ އިރުވައި މޫސުމުގާ ބޮޑެތި ރާޅު ނަގާ ސަރަހައްދެއްކަމުން ކޮންމެ އަހަރެއްގެ ވެސް މިމޫސުމުގައި ތޮށިގަނޑު ހަލާކުވާ ކަމަށެވެ. ނަމަވެސް ސަރުކާރަށް ބަރޯސާވެގެން ތިބެއްޖެ ކަމުގައިވާ ނަމަ އެކަމުގެ ދަތި ރައްޔިތުންނަށް ކުރިމަތި ލާން ޖެހޭނެ ކަމަށާއި އަދި މިކަމަކީ ރަށުގެ ހުރިހާ ރައްޔިތުންނާއި ގުޅުންހުރި ކަމަކަށްވާތީ މަސައްކަތް ކައުންސިލްގެ އާމްދަނީގެ ފައިސާ އިން ކުރަން ނިންމީކަމަށް.
އާބާދީގައި 510 މީހުން އަދި ރަށުގައި 850 މީހުން ދިރިއުޅޭ ކަމަދޫ އަށް އެންމެ ބޮޑަށް ދަތިވެފައިވާ މައްސަލައަކީ ބަނދާރާއި ނަރުދަމާގެ މައްސަލައެވެ. މިހާރު ކަމަދޫގައި ހެދިފައިވާ ބަނދަރަކީ ސީދާ ރައްޔިތުންގެ މަސައްކަތުން ސަރުކާރުގެ އެހީއެއްނެތި ހެދިފައިވާ ބަނދަރެއްކަމަށް ކައުންސިލުން މަޢުލޫމާދި ދިނެވެ.