ރައްޔިތުން އޮބަހައްޓައި، ފިއްތައި، ބިރުގަންނަވައިގެން ގަައުމެއް ތަރައްގީީނުވާނެ: ރައީސް ނަޝީދު

ރައްޔިތަކު އޮބަހައްޓައި، ފިއްތައި އަދި ބިރުގަންނަވައިގެން ގައުމެއް ތަރައްގީ ނުވާނެ ކަމަށާއި ރައްޔިތަކު ބޭނުން އެއްޗެއް ބުނުމުގެ ފުރުސަތު ދޫކޮށްލައިގެން ނޫނީ ސަރުކާރުން ބޭނުންވާ ބަދަލު ނުގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ އިހްތިފާލުގައި، ދިވެހި ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުން ބިރުގަންނަވައިގެން ގައުމެއް ތަރައްގީނުވާނެކަމީ އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ހަގީގަތެއް ކަމަށެވެ. އަދި ރައްޔިތުންނަށް އެމީހުން ބޭނުންވާ އެއްޗެއް ބުނުމުގެ މިނިވަންކަން ދޫކޮށްލައިގެން މެނުވީ، ސަރުކާރުން ގެންނަން ބޭނުންވާ ބަދަލު ނުގެނެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަމަކީ، ތަރައްގީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް،" ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވިތާ 451 އަހަރު ފުރޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

އަދި އެ ހައްގުތަކާއި މިނިވަންކަން ނެތް ވެށްޓެއްގައި ރައްޔިތުން އުޅެން ޖެހިއްޖެނަމަ، ފެނިގެންދާނީ "ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުންނަ މަންޒަރު" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
~
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ވަރަށް ކުރިއްސުރެ ވެރިކަމުގެ ބާރުތައް ޖަމާވެފައި ހުންނަނީ މާލޭގައި ކަމަށާއި އެބާރުތައް ރައްޔިތުންނަށް ދިނުމަކީ ނުވަތަ އެ ބާރުތައް ރައްޔިތުންނަށް ބަހާލުމަކީ، ރާއްޖޭގެ ވެރިން ކުރައްވަން ބޭނުންފުޅުވި ކަމެއް ނޫން ކަމަށެވެ. "އެހެންނަމަވެސް، ބާރުތައް ޖަމާކުރުމަކީ، މިސަރުކާރަކުން އެއްގޮތަކަށްވެސް ބޭނުންވާ ކަމެއްނޫން. އެތައް ސަތޭކަ އަހަރެއް ވަންދެން، ވެރިކަމުގެ ފަރާތަށް ޖަމާކޮށްފައި އޮތް ބާރު ހިފަހައްޓައިގެނެއް އަޅުގަނޑުމެން ތަރައްގީއެއް ނުވާނެ،"

މީގެ އިތުރުން ސަރުކާރުން މަސައްކަތްކުރަމުންދަނީ ރާއްޖެއަކީ ހަރުދަނާ ޑިމޮކްރެސީއެއް އޮތް ގައުމަކަށް ހެދުމަށް ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ޑިމޮކްރެސީ ދޮންވެ ފައްކާވަމުން އަންނަ ތަން މިއަދު ފެންނަން ފަށައިފައިވާ ކަމަށެވެ.

"މާދަމާ، ފެބްރުއަރީމަހުގެ 5 ވަނަ ދުވަހަކީ، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ އާ ބިންގަލެއް އަޅުގަނޑުމެން އަޅާ ދުވަސް. އާދެ، ރާއްޖޭގެ ލޯކަލް ކައުންސިލުތަކުގެ އިންތިހާބު ބޭއްވޭ ދުވަސް،" އެމަނިކުފާނު ވިދާޅުވި އެވެ. އަދި އިތުރަށް ވިދާޅުވި އެވެ: "ރައްޔިތުންގެ ގާތުން ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ އިހްްސާސްތަކާ އެދުންތަކާ އެއްގޮތަށް، ކަންކަން ހިންގަމުން ގެންދެވޭނެ ހަރުދަނާ އުސޫލެއް ނެތުމަކީ، ވަރަށް ދެރަކަމެއް. ލާ މަރުކަޒީ އުސޫލުން ކަންކަން ނުހިންގޭނަމަ، ފުރިހަމަ ޑިމޮކްރަސީއެއްގެ ހިމާޔަތް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ،"

އަދި ރާއްޖެ މިއަދު ދެކެމުންދާ ބަދަލުތަކުގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުން ކަމަށާއި އަދި އެ ރައްޔިތުންގެ ހައްގުތައް ހޯދައިދީ، ޒުވާން ދިވެހި ޖީލަށްޓަކައި އެ ހައްގުތައް ރައްކާތެރިކޮށްދިނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މިއަދު ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުއަކީ "ރާއްޖޭގެ ގަައުމިއްޔަތު އަލުން އަނބުރާ ބިނާކުރުން" ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"އެ ގަައުމިއްޔަތު ބިނާކުރެވޭނީ، މާތްވެގެންވާ އިސްލާމްދީނާއި، އިންސާނީ ހައްގުުތަކާއި، އަޅުގަނޑުމެންގެ ސަގާފަތާއި އަދި މި ރާއްޖޭގެ އިގްްތިސާދީ އަދި އިޖްތިމާއީ ތަރައްގީީ އެއީ، ގަައުމިއްޔަތުގެ މައިގަނޑު އަސާސްތައް ކަމަށް ދެކިގެން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވި ހާދިސާއަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، ގައުމީ ދުވަހުގެ ޝަރަފު ހަައްގުވަނީ އުތީމު ބޮޑުތަކުރުފާނަށް ކަމަށާއި އެތަކުރުފާނަށާއި އެތަކުރުފާނުގެ ފަހުލަވާނުންނަށް ދިވެހި ރައްޔިތުން ދަރާފައިވާ ދަރަނި ވަރަށްބޮޑު ކަމަށެވެ.

"ޕޯޗްގީޒުންގެ އަތްދަށުން، ރާއްޖެ ސަލާމަތް ކުރައްވައި، ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވީއެ ތަކުރުފާނު. އެކަން ރަމްޒުކޮށްދެނީ އެ ތަކުރުފާނުގެ ހިތްޕުޅުގައި މި ދިވެހި ފަސްގަނޑަށް އޮތް ވަރުގަދަ ލޯބި. ދިވެހިންނަށްޓަކައި އެ ތަކުރުފާނުގެ ހިތްޕުޅުގައި އޮތް ޤަދަރާއި އިޙްތިރާމް. އެހެންކަމުން، އެތަކުރުފާނަށާއި އެތަކުރުފާނުގެ ފަހުލަވާނުންނަށް ދިވެހި ރައްޔިތުން ދަރާފައިވާ ދަރަނި ވަރަށްބޮޑު."


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު