ދިއްދޫ ދެ ކުއްޖަކަށް ޑޮކްޓަރުކަން ކިޔެވުމުގެ ފުރުސަތު އެ ދާއިރާގެ މެމްބަރު ފަހިކޮށްދެއްވައިފި

ހއ. ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފު މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމުގެ ގޮތުން ޑޮކްޓަރުކަން ކިޔެވުމުގެ ފުރުސަތު އެ ރަށުގެ ދެކުއްޖަކަށް ފަހިކޮށްދެއްވައިފި އެވެ.

ސަންއާ ވާހަކަ ދައްކަވަމުން ލަތީފު މިއަދު ވިދާޅުވީ ވައުދުވެވަޑައިގެންފައި ވާނީ ތިން ކުއްޖަކަށް ޑޮކްޓަރުކަން ކިޔެވުމުގެ މަގު ފަހިކޮށްދެއްވުމަށް ކަމަށާއި މިހާރު ދެ ކުއްޖަކަށް އެ ފުރުސަތު ފަހިކޮށްދެއްވިއްޖެ ކަމަށެވެ.

"... އަޅުގަނޑު ވައުދު ވެފައި ވާނީ ތިން ކުއްޖަކަށް ކިޔަވައިދޭން. ދެން ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަމާ އެކު ދެ ކުއްޖަކު ކިޔެވުމުގެ ފުރުސަތު މިހާރު މިވަނީ ހޯދައި ދެވިފައި،" ލަތީފު ވިދާޅުވި އެވެ.

ލަތީފުގެ ސިއްހީ ވައުދު ފުއްދަވަން ފެއްޓެވުމުގެ ގޮތުން ޑޮކްޓަރުކަން ކިޔެވުމަށް ހޯއްދަވައި ދެއްވި ފުރުސަތު ލިބުނީ ދިއްދޫ ފެހިވިލާގޭ ފާތިމަތު ފައިރޫޒާއާއި އެ ރަށުގެ ސަބުދެލިގޭ މުޙައްމަދު ޙަމްދާނަށެވެ. ފައިރޫޒާ މިހާރު ބަންގްލަދޭޝްގައި ކިޔަވަމުން އަންނަ އިރު ހަމްދާން އަންނަ ޖެނުއަރީ މަހު ފުރުމަށް ހަމަޖެހިފައިވާ ކަމަށް ލަތީފު ވިދާޅުވި އެވެ.

އެ ދެކުދިންނަށް ކިޔެވުމުގެ ފުރުސަތު ހޯއްދަވައި ދެއްވުނު ކަން ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ލަތީފު ވަނީ ރޭ ހާމަކުރައްވާފަ އެވެ. އެކަމަށް ޓަކައި ދިއްދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ލަތީފު ވަނީ ފުޓްބޯޅަ ކޯޗިން ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ދެ ކުއްޖަކަށް އެކަމުގެ ފުރުސަތު ފަހިކޮށްދެއްވި ކަމުގެ ލިއުން ވެސް ހަވާލުކުރައްވާފަ އެވެ. އެފުރުސަތު ލިބުނީ ދިއްދޫ މާޒީ މުހައްމަދު ރަޝީދާއި އެރަށު ކާމިނީގޭ އަހުމަދު ޝަފީޤަށެވެ.
ލަތީފު ވިދާޅުވީ އެބޭފުޅުންނަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ތަމްރީނު ލިބޭނެ ކަމަށެވެ.

ލަތީފު ވަނީ 100000 ރުފިޔާ ހަރަދު ކުރައްވައިގެން ދިއްދޫގައިގައި ފުޓްބޯޅަ މުބާރާތަކާއި ޤުރުއާން މުބާރާތެއް ވެސް ބާއްވަވާފަ އެވެ.

ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ލަތީފު ވިދާޅުވެފައި ވަނީ ދިއްދޫ އަށް ތަރައްގީ ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު