ސުނާމީ ކާރިސާއަށް މިއަދު 10 އަހަރު ފުރޭއިރު ދިވެހި މުޖުތަމަޢު އެކުގައި އަތާ އަތްގުޅާލައި ކުރަން ޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ ޒުވާން ޖީލު މަސްތުވާ ތަކެތީގެ ވަބާއިން ސަލާމަތްކޮށް ކުށުގެ ނުރައްކަލާއި ދުރު ކުރުމުގެ މަސައްކަތް ކަަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުންދާ ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަހާއި ގުޅިގެން ޕޮލިސް މީޑިއާ މެދުވެރި ކުރައްވައި ޕޮލިސް ކޮމިޝަނަރު ނެރުއްވި ހިޠާބުގައި ވިދާޅުވެފައިވަނީ އެ ނުރައްކާތެރި އަދި ހިތާމަވެރި ކާރިސާއަށް މިއަދު ދިހަ އަހަރު ފުރޭއިރު އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢު މިވަނީ ރައްޔިތުން އެކުގައި އަތާ އަތްގުޅާލައި ވަރަށް މުހިއްމު އަދި ޤައުމަށް އެހާމެ ފައިދާހުރި މަސައްކަތެއް ކުރުމަށް ސާބިތުކަމާއެކު ނުކުންނަން ޖެހިފައިކަމަށެވެ. އެއީ ޒުވާން ޖީލު މަސްތުވާ ތަކެތީގެ ވަބާއިން ސަލާމަތްކޮށް ކުށުގެ ނުރައްކަލާއި ދުރު ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒުވާނުންގެ ކުރިއެރުމަށާއި، މަސްތުވާތަކެތީގެ ވަބާއިން ޒުވާން ޖީލު ސަލާމަތް ކުރުމަށް ސަރުކާރާއި ރައްޔިތުންނާއި ފުލުހުންގެ އިތުރުން މަދަނީ ބައެއް ޖަމާޢަތްތަކުން ކުރަމުންދާ ޤައުމީ މަސައްކަތުގައި މިހާރަށްވުރެވެސް ބޮޑަށް ހުރިހާ ފަރާތްތަކުން އަތާ އަތްގުޅާލައި، އެއްރޫޙެއްގައި ނުކުމެ އިޚްލާޞްތެރި މަސައްކަތްތަކެއް ކުރުމަށް ޤައުމީ އެއްބައިވަންތަކަމުގެ ދުވަހު އަޅުގަނޑު އިލްތިމާސް ކުރަމެވެ." ކޮމިޝަނަރު ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވީ، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަޙުގީގުން އެނގެމުންދާ އެންމެ ބޮޑު އެއް ހަގީގަތަކީ ނުރައްކާތެރި ބޮޑެތި ކުށްތައް ކުރުމުގައި ނުވަތަ ބޮޑެތި މާރާމާރީތައް ހިންގުމުގައި އަދި ކުރެވޭ ބޮޑެތި ވައްކަންތައް ކުރުމުގައާއި ފޭރުމުގެ ގިނަ ޢަމަލުތައް ހިންގުމުގައިވެސް މަސްތުވާ ތަކެތި ބޭނުން ކުރުމާއި އެތަކެތި ހޯދުމަށް ކުރެވޭ ކަންކަން ހިމެނިގެންދާ ކަމެވެ.
"އެހެންކަމުން މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވައި، މަސްތުވާ ތަކެއްޗަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރެވި، ޒުވާނުންނާ ދިވެހި މުޖުތަމަޢު މަސްތުވާ ތަކެތީގެ ނުރައްކަލުން ސަލާމަތް ކުރެވިއްޖެނަމަ މި ލޮބުވެތި ދިވެހި ފަސްގަނޑުގައި ހިނގާ ނޭދެވޭ ބޮޑެތި ކުށްތައް އެތައް ތަނަކުން މަދުކުރެވި އުފާވެރިކަމާ ރައްކާތެރިކަން މުޖުތަމަޢުގައި ޤާއިމް ކުރެވިގެންދާނެކަން ޔަޤީނެވެ." ކޮމިޝަނަރުގެ ހިޠާބުގައިވެއެވެ.
ކޮމިޝަނަރު ހުސެން ވަހީދު އިތުރަށް ވިދާޅުވީ، މިޤައުމުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް ޤައުމަށް ޒިޔާރަތްކުރާ އަދި ޤައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ފާގަތިކަމާއެކު މިޤައުމުގައި އުޅުމުގެ ފުރުޞަތު ތަނަވަސް ވެގެންދާނީ ޒުވާން ޖީލް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށްގެން ކަަމަށެވެ.