އެމްޑީޕީގެ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އެމްޑީޕީގެ މެމްބަރުކަމުން ވަކިކުރި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް އޭނާ މިއަދު ހުށަހަޅުއްވައިފި އެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ އޭނާ އެމްޑީޕީގެ މެންބަރުންކަމުން ވަކިކުރި މައްސަލައާ ގުޅޭ ގޮތުން ދެން ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ. އަދި އެ މައްސަލަ މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑު ޕާޓީން ވަކިކުރި މައްސަލާގައި ދެން ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން. އަޅުގަނޑު މިއަދު އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވައިފިން. މިކަންކަން ހިގާފައި އޮތްގޮތް ބަލާދޭށޭ. އެއީ ސިޔާސީ ޕާޓީތަކުގެ ޖަވާބްދާރީފަރާތަކީ އިލެކްޝަންސް ކޮމިޝަން،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ތެރެއިން އޭނާ ޕާޓީން ވަކިކުރި މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި ނަމަ މައްސަލަ ނިމޭނީ އޭނާގެ ކޮޅަށް ކަމަށެވެ.
މޫސަ ވިދާޅުވީ އޭނާ ޕާޓީ ވަކިކުރި ފިޔަވަޅު އަޅާ ކޮމެޓީ މިހާރު އެކުލެވިގެން ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އެ ކޮމެޓީގައި ސީދާ ރައީސް ނަޝީދު އައްޔަން ކުރައްވާފައިވާ ދެ މެންބަރުން ތިއްބަވާ ކަަމަށް މޫސަ ވިދާޅުވި އެވެ. އެހެންނަމެވެސް އެ ދެ މެންބަރުންގެ ނަމެއް މޫސަ ވިދާޅެއްނުވެ އެވެ.
މަޖިލީހުގެ ނައިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މޫސާ މަނިކް ވިދާޅުވީ އޭނާ ޕާޓީން ވަކިކުރުމުގެ މަސައްކަތަކީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ކުރެއްވި މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ މީހުން ފަޟީހަތް ކޮށްލުމަކީ ރައީސް ނަޝީދު ވަރަށް ކުރައްވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ "ރައީސް ނަޝީދުގެ ވަކިތަކާއި ހުދުހުތާރު އުސޫލްތަކުން ސަލާމަތްވެފައި އޮންނަން ޖެހޭ ތަނަކަށް އެމްޑީޕީ ވަން ޖެހިއްޖެ" ކަމަށެވެ.