ޝަރުއީ ދާއިރާގެ މިނިވަންކަމަށް އިހުތިރާމް ނުކުރުން ރާއްޖޭގައި އިތުރުވަމުންދޭ: ޔޫއެން

ރާއްޖޭގައި ޝަރުއީ ދާއިރާގެ މިނިވަންކަމަށް އިހުތިރާމް ނުކުރުން އިތުރުވަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ބުނެފި އެވެ.

އުއްތަމަ ފަނޑިޔާރަކަށް ކުރިން ހުންނެވި އަހުމަދު ފާއިޒާއި ފަނޑިޔާރު މުއުތަސިމް އަދުވާނު މަގާމުން ވަކި ކުރި ކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށް ޔޫއެންގެ ސްޕެޝަލް ރެޕަޓުއާ ފޯ ދަ އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔާސް ގަބުރިއެއްލާ ނައުލް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ގާނޫނުގެ ހުކުމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަމަށް އިހުތިރާމް ނުކުރުން ރާއްޖޭގައި އިތުރުވަމުން އަންނަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށެވެ. ބަޔާނުގައި އޭނާ އަދި ވިދާޅުވެފައި ވަނީ ފަނޑިޔާރުން ވަކިކުރުމުގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަން ކަމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

"... ސުޕްރީމްކޯޓުގެ ދެފަނޑިޔާރުން ވަކިކުރުމުން ގައުމުގެ ޝަރުއީ ނިޒާމުގެ މިނިވަންކަމަށް އިތުރަށް ނުރައްކާވޭ،" ނައުލްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ އެކަމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމުގެ މަސައްކަތަށް ބޮޑެތި ގެއްލުންތައް ވާނެ ކަމަށެވެ. އޭނާ 2013 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތަށް ފަހު ރާއްޖޭގައި ކަން ހިނގަމުން އަންނަ ގޮތް ގާތުން ބައްލަވަމުން ވަޑައިގެންނެވި ކަމަށާއި ޝަރުއީ ނިޒާމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ފަދަ ކަންތައްތައް އޭރުން ފެށިގެން ވެސް ހިނގަމުން އައި ކަމަށެވެ.

"... 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަޅުގަނޑު ރާއްޖެއަށް ޒިޔާރަތް ކުރި ފަހުން އަޅުގަނޑު ގާތުން ބަލަމުން މިއައީ ރާއްޖޭގައި ގާނޫނުގެ ހުކުމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އައި ބަދަލުތަކެއް،" ނައުލް ވިދާޅުވެފައިވެ އެވެ.

ދެފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުން އަލުން މުރާޖައާ ކުރުމަށާއި ރާއްޖޭން ސޮއިކޮށްފައިވާ މުއާހަދާތަކަށް އެކަމުގައި އިހުތިރާމް ކުރުމަށް އޭނާ ވަނީ ގޮވައިލައްވާފަ އެވެ.

ގަބުރިއެއްލާ ނައުލް 2013 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތަށް ފަހު ރާއްޖޭގެ ޝަރުއީ ނިޒާމާއި ބެހޭ ގޮތުން ނެރުއްވި ރިޕޯޓުގައި ގިނަ ކަންބޮވުން ތަކަކާއި އިސްލާހު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވާފައި ވެއެވެ.

އެގޮތުން ފަނޑިޔާރުންގެ ކަންތައްތައް ބެެލެހެއްޓުމާއި މަތިކޮށްފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން ސިޔާސީ ވެފައިވާ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ. އަދި ރިޓަޔާ ކޮށްފައިވާ ފަނޑިޔާރުން ތިބޭ ކޮމިޝަނަކަށް އެ ކޮމިޝަން ހަދަން އޭނާ އޭރު ހުށަހެޅުއްވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެފަދަ ބޮޑީއެއް އެކުލެވިގެން ވާން ވާނީ މުޅިން ވެސް ފަނޑިޔާރުން ނުވަތަ ރިޓަޔާކުރައްވާފައިވާ ފަނޑިޔާރުންގެ މައްޗަށް، ގާނޫނީ ޕްރޮފެޝަން އާއި އިލްމީ ދާއިރާގެ ކޮންމެވެސް ވަރެއްގެ ބައިވެރުން ބޭއްވިދާނެ، ސިޔާސީ ފަރާތްތަކުގެ ބައިވެރިވުން އޮވެގެން ނުވާނެ،" އޭނާ އޭރު ވިދާޅުވެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު