ރައީސްގެ އިސްތިގުބާލުގައި ރައްޔިތުން ނެތުމުން މަކުނުދޫ ކަތީބު ހައްޔަރުކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއްޔެ ހދ. އަތޮޅު މަކުނުދު އަށް ވަޑައިގަތްއިރު އެމަނިކުފާނުގެ އިސްތިގުބާލުގައި އެ ރަށު ރައްޔިތުން ނެތުމުން އެ ރަށު ކަތީބު ފުލުހުން ހައްޔަރުކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.

މަކުނުދޫ އޮފީހުގެ އޮފިޝަލެއް ނަން ހާމަނުކުރުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިއްޔެ މަކުނުދު އަށް ވަޑައިގަތީ އެ ރަށު އޮފީހަށް އެންގެވުމާ ނުލައި ކަމަށާއި އެހެންކަމުން އިއްޔެ ރައީސް އެ ރަށަށް ވަޑައިގަތް އިރު އެމަނިކުފާނުގެ އިސްތިގުބާލުގައި އެއްވެސް މީހަކު އަތިރިމައްޗަކަށް ނުނުކުންނަ ކަމަށެވެ.

މަކުނުދޫ ކަތީބު މުހައްމަދު އަހުމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް ވެސް މިއަދު ކަށަވަރުކޮށްދެއްވި އެވެ.
އޭނާ ވިދާޅުވީ މަކުނޫ ކަތީބު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހޯމް މިނިސްޓްރީން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އޭނާއާ ސުވާލު ކުރުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.

މަކުނުދޫ އޮފީހުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ ފުލުހުން ކަތީބު ހައްޔަރުކުރީ މުވައްޒަފުންގެ މުސާރަ ނެންގެވުމަށް ކަތީބު ކުޅުދުއްފުށީގައި ހުންނަވަނިކޮށް ކަމަށެވެ.

"އިއްޔެ މެންދުރު ރައީސް ވަޑައިގަތް ވަގުތު [ކަތީބު ހުންނެވީ] ކުޅުދުއްފުށީ ބޭންކުގައި މުސާރަ ނަގަންގޮސް. [އެ ރަށުގައި ހުންނަވަނިކޮށް] ކަތީބު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ. މިހާރު ކުޑަކަތީބު ވެއްޖެ ކުޅުދުއްފުއްޓަށް ވަޑައިގެން މުސާރަ ނަންގަވަން." އޭނާ ވިދާޅުވި އެވެ.

މަކުނުދޫ ކުޑަކަތީބު އިބްރާހިމް ޝަރީފު މިއަދު ވިދާޅުވީ އެރަށު ކަތީބު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވީ ނަމަވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކީއްވެކަމެއް އެނގި ނުލައްވާކަމަށެވެ.
"ކުޅުދުއްފުއްޓަށް މުސާރަ ބައްލަވައި ވަޑައިގެން އުޅުއްވަނިކޮށް ގެންދެވީ. އަޅުގަނޑަކަށް ނޭނގެ ކީއްވެކަމެއް." އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ރައީސް އިއްޔެ މަކުނުދުއަށް ވަޑައިގަތް އިރު ރައީސްގެ އިސްތިގުބާލުގައި "ފުދޭވަރަކަށް މީހުން ތިބި" ކަމަށާއި " އެންމެ ވެރިޔަކު ނެތުމަކީ" ރައްޔިތުން ނެތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ކަތީބު ހައްޔަރު ކުރެއްވުމާ އެކަމާ ގުޅުމެއްވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު