މި ފަސް އަހަރު ނިމޭއިރު ރައްޔިތުން ފުދުންތެރި ބަޔަކަށް ވާނެ: ސިޔާމް

ޕީޕީއެމް ކޯލިޝަންގެ ސަރުކާރު ނިމޭއިރު ދިވެހި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދޭނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރ. އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ޕީޕީއެމް ކޯލިޝަންގެ ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ދިވެހި ރައްޔިތުންނަކީ ފުރިހަމަ ސިއްހަތެއްގައި ތިބި ބަޔަކަށް ވެގެންދާނެ ކަމަށެވެ. ސިޔާމް ވިދާޅުވީ ޕީޕީއެމް ކޯލިޝަންގެ ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމްގެ އިތުރުން އިޖްތިމާއީ ހާލަތު އޮތީ "ފުނޑުފުނޑު" ކޮށްލާފައި ކަމަށެވެ.

"...ދިވެހިރާއްޖޭގެ އޯގާތެރި ރައީސް ވިޔަފާރިވެރިންނާއި ވާހަކަދެއްކެވީ ދިވެހި ރައްޔިތުންނަށް ދޭ އަދަދުގެ އަށް ޕަސެންޓު އިތުރަށް އެބަ ދެއްވަން ޖެހޭ. އޭގެ ތެރެއިން ބައެއް ވިޔަފާރިވެރިން ވިދާޅުވީ ތިމަންނާއަށް ލިބޭ 22 މިލިއަން ޑޮލަރު ތިމަންނާ އަތުން ގެއްލިގެން ދަނީއޭ. ރައީސް ވިދާޅުވި ވިޔަފާރި ކުރުމަށް ފަހުގައި ރައްޔިތުންނަށް ކާންދިނުމަށް ފަހުގައި ތިބޭފުޅުން ލާރި ނަންގަވާށޭ. އެހެން ކަމުން އަޅުގަނޑުމެން ޓުވަރިޒަމް އިންޑަސްޓްރީން ނިންމެވީ ރާއްޖޭގެ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފުރިހަމަ ގޮތުގައި ދިނުމަށް ފުރިހަމަ ސިއްހަތަކާއި ތައުލީމެއް ދިނުމަށްޓަކައި އާދެ އޯގާތެރި ރައީސް އެ ވިދާޅުވާ ޓެކްސް އަޅުގަނޑުމެން އެބަ ދޭންޖެހޭ،" މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގައި ވަނީ ނާމާންކަން ފެތުރިފައި ކަމަށް ސިޔާމް ވިދާޅުވި އެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުން ހޮއްވެވި ވެރިއެއްގެ ސަަބަބުން މިއަދު ދިވެހިރާއްޖެ މިއަދު ވަނީ ވަރަށް ބޮޑު އަމާން ތަނަކަށް ވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ޒަމާނަކު ވެސް ކުރިއަރާފައިވާ ނުވާ މިންވަރަށް އެ ސިނާއަތް ކުރިއަރާފައިވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.

"މި ރަށަން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންއިރު ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެންމެ ރަށެއް މިތާ އޮތީ. އެކަމަކު މިއަހަރު ނިމިގެންދާއިރު ދެ އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފަސް ރިސޯޓު އިރާދަކުރެއްވިއްޔާ މި އަތޮޅުގެ ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭނެ ވާހަކަ ދަންނަވަން،" ސިޔާމް ވިދާޅުވި އެވެ.

ސަރުކާރުން އަޅައިދޭ ހޮސްޕިޓަލްތަކަކީ ދައުލަތުން ހިންގާ ތަންތަނުގެ ގޮތުގައި ވެގެން ނުވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.

"އޯގާތެރި ރައީސްގެ ވިސްނުންފުޅުގައި ހުންނެވީ މި ހޮސްޕިޓަލުގައި [އުނގޫފާރު ހޮސްޕިޓަލް] ޕްރައިވެޓު ރޫމްތަކެއް އަޅާމި ޕްރައިވެޓު ރޫމްތައް އާދެ ރިސޯޓުތަކުން އަންނަ ގެސްޓުންނަށް އަދި ކާރީގެ ރަށްރަށުގެ ފުދުންތެރިންނަށް ކުއްޔަށްދީ މިރަށުގެ ހޮސްޕިޓަލް އަމިއްލައަށް ހިންގޭނެ ގޮތަކަށް އެމަނިކުފާނު ބައްޓަން ކުރުން،" ސިޔާމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު