ޤާނޫނީ ހަމަތަކުގެ މަތިން ރައީސް ނަޝީދު ވެރިކަމުން "ބޭލުމަށް" ޖުމްހޫރީ ޕާޓީގެ ލީޑާ ގޮވައިލައްވައިފި

ޤާނޫނީ ހަމަތަކުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިކަމުން "ބޭލުމަށް" ހުރިހާ ރައްޔިތުން ނުކުތުމަށް ޖުމްހޫރީ ޕާޓީގެ ލީޑާ ގާސިމް އިބްރާހިމް ގޮވައިލައްވައިފި އެވެ.

އއ.ތޮއްޑޫގައި މިއަދު ބޭއްވި ޑީއާރްޕީގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ، ރައީސް ނަޝީދު "ހަމަ ބިމަށް ތިރިކުރެއްވުމަކީ" އޭނާއާއި އަދި ހުރިހާ ރައްޔިތުންގެ ވެސް މަސްއޫލިއްޔަތެއް ކަމަށެވެ.

"ޤާނޫނު އަސާސީއާ ޤާނޫނުތަކާއި ގަވާއިދުތަކަށް އަރައިއަރައިގެންދާއިރު އަޅުގަނޑުމެން މިތިބެނީ ދިވާނާވެފައިތޯ. ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން ދުނިޔޭގެ އެހެންވެސް ތަންތަނުގައި ގައުމުތަކުގައި ކަންތައްތައް ހިނގަމުންދާ ބީދައިން އަޅުގަނޑުމެން ގެންގޮސް، ވެރިކަމުގައި ހުރީ ކޮންމެ މީހެއް ކަމަށްވިޔަސް ޤާނޫނު އަސާސީއަށް ބެލުމެއްނެތި ޤާނޫނު އަސާސީއަށް ހުރުމަތެއް ނެތި ރައްޔިތުންނަށް އިހުތިރާމެއް ނެތި މިގޮތަށް ކަންތައްތައް ކުރަމުންދާ މީހަކު ވެރިކަމުގެ ދާއިރާއިން ޤާނޫނީ ހަމަތަކުގެ މަތިން ބާލައި ބޭރުކުރުމަށް،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.

"އެކަމަށް އަޅުގަނޑުމެން ނިކުންނަންވީ އިނގޭތޯ. ލަސްވެއްޖެ މާބޮޑަށް ވެސް،" ރައީސް ނަޝީދުގެ ކެބިނެޓުގެ ފުރަތަމަ ހޯމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު 21 ދުވަސްފަހުން އިސްތިއުފާދެއްވި ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ކެހިވެރިކަމުގެ ނުޖެހި، ސަރުކާރުގެ އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތްވުމަށް ވެސް ޖުމްހޫރީ ޕާޓީގެ ލީޑާ މިއަދު އެދިވަޑައިގެންނެވި އެވެ.

"ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އާދޭހާއެކީގައި ދަންނަވަން އޮތީ މި ކެހިވެރިކަމާ މި އަނިޔާވެރިކަމުން އަޅުގަނޑުމެން ސަލާމަތްވަމާ ހިނގާށޭ. ބައްލަވާ ޤާނޫނު އަސާސީ ހަދައިފަ ސިޔާސީ ކުށްވެރިން ތިމަންނަ ނުބަހައްޓާނަމޭ ބުނިއިރު އަޅުގަނޑުމެންނޭ ގެންގޮސް ޖަލަށްލީ. މިއީ ކޮންފަދަ ހަޔާތްކުޑަ ކަމެއްތޯ އިނގޭތޯ،" ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުން ގެންދަނީ އޭނާއާއި ދިވެހި ރައްޔިތުންނާ މެދު އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން "ޓެރަރިޒަމްގެ" އަމަލުތައް ހިންގަމުންނެވެ. "ބައްލަވާ އަޅުގަނޑުގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީއާ އަޅުގަނޑުގެ ހަޔާތް މިހާ ދަށު ދަރަޖައަށް ވައްޓާލީ ކޮން ބައެއްތޯ. މި ރީނދޫ ކުލައަށް ގަންނަ މީހުންނަށް ވެރިކަން ހޯދާ ރާޖާ ތަހުތުގައި ވެޑުވީމައޭ އިނގޭތޯ." ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން، ޕްރޮވިންސްތައް އުފައްދާ ރަށްރަށަށް ކައުންސިލަރުން އައްޔަންކުރެއްވުމަކީ ވެސް ރައީސް ނަޝީދު ޤަނޫނު އަސާސީއާ ދެކޮޅަށް ހިންގަވާފައިވާ ބޮޑު ޖަރީމާއެއް ކަމަށް ގާސިމް ވިދާޅުވި އެވެ. "އެމްޑީޕީގެ ރީނދޫ ކުލަ ޖެހުނު މީހުން އެކި ތަފާތު ނުޒޫފުތައް ހިންގައިގެން ޤާނޫނު އަސާސީގެ ރޫހާ ޚިލާފަށް މިމީހުން މިކުރި ޖަރީމާއަކީ ދިވެހި ރައްޔިތުން ދުވަހަކުވެސް މައާފުކުރާނެ ކަމެއް ނޫން،"

އަދި އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ނެރެފައިވާ ކުރީގެ ކައުންސިލަރުންނަށާއި އިތުރު ކެންޑިޑޭޓުންނަށް ވޯޓު ދީފި ނަމަ، "ރަށްރަށުގައި ހުރި ހުރިހާ ތަނެއް ޣައިރު ދީން ތަކުގެ މީހުންނަށް ވިއްކާލާނެ" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމާއެކު އެ ޖަލްސާގައި ޑީއާރްޕީގެ ލީޑާ އަހްމަދު ތަސްމީން އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ތަސްމީން ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދިވެހިން މިއަދު ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރެޓިކް ނިޒާމް ގަސްތުގައި ފުނޑުފުނޑުކޮށްލުމަށް ކަމަށެވެ.

"މުއައްސަސާތަކުގެ އަގުވައްޓާލާ އެތަންތަނުގެ އިތުބާރު ކަނޑުވާލައި، އެތަންތަން ހީނަރުކުރުމަށްޓަކައި މިއަދުގެ މި ސަރުކާރުން މިކުރާ މަސައްކަތަކީ ހަގީގަތުގައި އަޅުގަނޑުމެން ބަލައިގަތް ޒަމާނީ ޑިމޮކްރެޓިކް ނިޒާމް ފުނޑުފުނޑުކޮށްލުމަށް ގަސްތުގައި ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް." ތަސްމީން ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު