ކޮންމެ އަހަރަކުވެސް ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން ހައްޖުވުމަށްދާ މަސްޖިދުލް ހަރަމްގެ ހަރިންމައިގެ ބޮޑު ބަޔެއް ހިޔާކުރަން ނިންމައިފި އެވެ.
ބީބީސީ އިން އިއްޔެ ބުނިގޮތުގައި މާތްވެގެންވާ ކައުބާ ހުންނަ މަސްޖިދުލް ހަރަމްގެ ކޯޓުޔާޑުތަކާއި އެމިސްކިތް ބޮޑުކުރުމަށް އަލަށް އިމާރާތްކުރި ސަރަހައްދުތައް ހިޔާކުރުމަށް 300 ބޮޑެތި ކުޑަ ހަރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެމަޝްރޫއު ނިމުމުން މަސްޖިދުލް ހަރަމްގެ ހަރިންމައިގެ 2.96 މިލިއަން ސްކުއެއާ ފީޓު ހިޔާކުރެވިފައިވާނެ ކަމަށްވެސް އެނޫހުން ބުންޏެވެ.
"އެ މިސްކިތުގެ ކޯޓުޔާޑުތަކާއި އަލަށް ހަދާފައިވާ ސަރަހައްދު ހިޔާކުރުމަށް 300 ކުޑަ ހަރުކުރަން ނިންމާފައިވާނެ،" މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީ އާއި މައްކާގައި ހުންނަ މަަސްޖިދުލް ހަރަމްގެ ޕްރެޒިޑެންސީގައި އެންމެ އިސްކޮށް ހުންނަވާ ޝެއިޚް އަބްދުލް ރަހްމާން އަލް ސުދައިސް އަރަބް ނިއުސް އަށް ވިދާޅުވި އެވެ.
މަސްޖިދުލް ހަރަމް ހިޔާކުރާ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަމަޖެހުނީ ހޫނު މޫސުމުގައި ކުރާ ރަތްގަދަ އަވީގެ ސަބަބުން ހައްޖުވެރިންގެ ސިއްހަތައް ދިމާވާ މައްސަލަތަކަށް ހައްލެއް ގެނައުމަށް ކަމަށް ބީބީސީ އިން ބުންޏެވެ. އަދި އެކުޑަތައް ޑިޒައިންކޮށްފައި ވަނީ މަސްޖިދުލް ނަބަވީގައި ހުންނަ ކުޑަތަކެކޭ އެއްގޮތައް އަވިދޭ ގަޑީގައި އޮޓޮމެޓިކުން ހުޅުވޭގޮތަށް ކަމަށާއި ރޭގަނޑު ލެއްޕޭގޮތައް ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ.
މަސްޖިދުލް ހަރަމްގެ ކޯޓުޔާޑުތައް ހިޔާކުރުމުގެ މަޝްރޫއު އަކީ ހައްޖުވެރިންނަށާއި އުމުރާވެރިންގެ އިތުރުން އެމިސްކިތައް ޒިޔާރަތްކުރާ ހުރިހާ މުސްލިމުންނަށް ވެސް އަޅުކަންކުރުމުގައި ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެންދާނެ ކަމެކެވެ.