ހުޅުމާލޭގައި އަލަށް ހަދާ ސްކޫލަށް "ރެހެންދި ސްކޫލް"ގެ ނަންދީފި

ހުޅުމާލޭގައި އަލަށް އިމާރާތްކުރަމުންދާ ސްކޫލަށް "ރެހެންދި ސްކޫލް" ނަން ހަމަޖައްސައިފި އެވެ.

ރެހެންދި ސްކޫލްގެ ނަން ނިސްބަތްވަނީ ރާއްޖޭގައި ތިންފަހަރު ރަނިކަން ކުރެއްވި އަލްސުލްތާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާރެހެންދި އަށެވެ. އެކަމަނާ ވަނީ ތިން ފަހަރެއްގެ މަތިން 16 އަހަރު ރާއްޖޭގައި ރަނިކަން ކުރައްވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ސްކޫލްގެ ނަމަކަށް ރެހެންދި ސްކޫލް ހަމަޖެހުމާއި ގުޅިގެން، މިއީ ދިވެހިރާއްޖެ އަށް ޚިދުމަތްކުރެއްވި އަންހެން ބޭކަނބަލެއްގެ ނަންފުޅު ރަމްޒުވާގޮތަށް ނަންކިއުނު ފުރުތަމަ ސްކޫލް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ އަންނަ އަހަރުގެ ދިރާސީ އަހަރު ފެށެންވާ އިރަށް އެ ސްކޫލަށް ކުދިން ވައްދާ މިހާރު ނިމިފައިވާ ކަމަށެވެ.

އަންނަ އަހަރުގެ ދިރާސީ އަހަރާ އެކު ކިޔެވުން ފެށުމަށް ހަމަޖއްސާފައިވާ ރެހެންދި ސްކޫލްގައި 44 ކްލާސްރޫމާއި ހޯލަކާއި ލެބްތަކާއި ލައިބްރަރީގެ އިތުރުން ސްޓާފްރޫމް އާއި އިދާރީ އޮފީސް އެއް ހިމެނެ އެވެ.

ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ފަރާތުން އިމާރާތް ކުރާ ރެހެންދި ސްކޫލްގެ ކޮންޓްރެކްޓަކީ އަމިން ކޮންސްޓްރަކްޝަން އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު