އަދަބު ދީގެން ދަރީން ދޮގުހެދުން ނުހުއްޓުވޭނެ ކަމަށް ދިރާސާއަކުން ދައްކައިފި

ދަރީންނަކީ ތެދުހަދާ ބައެއްކަމުގައި ހެދުމަށް އެންމެ ރަނގަޅު ގޮތަކީ އެކުދީން ދޮގު ހެދުމުން އަދަބު ނުދިނުން ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ކެނެޑާގެ މެކްގިލް ޔުނިވަސިޓީން ހެދި ދިރާސާ އަކުން އެނގުނު ގޮތުގައި ކުޑަކުދީން ތެދު ބުނުމަށް ބާރު އެޅުވުމަށް ބޭނުން ވަނީ މައިންބަފައިންގެ އިތުބާރެވެ. އެ އިތުބާރަކީ ކުދީން ކުރީ ގޯސްކަމެއް ވިޔަސް އެކުރި ކަމެއް ތެދަށް ކިޔައިދިނުމުން މައިންބަފައިންގެ ފަރާތުން ލިބޭ ހިމާޔަތެވެ. ހަތަރު އަހަރާ އަށް އަހަރުގެ 372 ކުދިންނާ އެކު ހެދި މިދިރާސާގައި އެނގިގެން ދިޔަ ގޮތުގައި ބިރުދައްކައިގެން ދަރިން ލައްވައި ތެދުބުނުވަން އުޅުމުން އެކުދީންގެ ފަރާތުން އެންމެ އެދެވޭ ޖަވާބެއް ނުލިބެ އެވެ. އޭގެ ބަދަލުގައި ކުދީންނާ ކުރެވޭ ސުވާލަށް އެކުދީން ދޭ ޖަވާބާ މެދު ހިތްހަމަޖެހޭކަން ފާޅުކޮށްދީގެން އެ ކުދީންނަށް އިތުބާރާއި ޔަގީންކަން ދިނުން މުހިންމު ކަމަށެވެ.

"މީގެން އެނގިގެން މިދަނީ އަދަބުދިނުމަކީ ތެދުބުނުމަށް ދެވޭ ހިތްވަރެއް ނޫންކަން" ވިކްޓޯރިޔާ ޓަލްވަރ މެކްގިލް ޔުނިވަސިޓީގެ އެޑިއުކޭޝަނަލް އެންޑް ކައުންސެލިން ސައިކޮލޮޖީގެ ލީޑް ރިސާޗަރ ބުންޏެވެ.

"އަދި ގަދަބާރުން ތެދުބުނުވަން އުޅުމުން އޭގެން ނުކުންނާނީ ރިވަރސް އިފެކްޓެއް، މި ފަދަ ހާލަތްތަކުގައި ކިތަންމެ ވަރަކަށް ބުންޏަސް އެކުދީން ތެދު ބުނުމަކީ ނާދިރު ކަމެއް" ޓަލްވަރ އިތުރަށް ބުންނެވެ.

މިދިރާސާ ކުރުމަށް ކުޑަކުއްޖާ ވަކިން ކޮޓަރިއަކަށް ލާފައި ކުޅޭއެއްޗެއް އެކުއްޖާގެ ފަހަތުގައި ހުރި މޭޒުމަތީ ބޭއްވުމަށް ފަހު އެކުޅޭ އެއްޗާ ދިމާލަށް ނުބެލުމަށް އިރުޝާދު ދިނެވެ. އަދި އެއް މިނެޓް ވަންދެން ކޮޓަރީގައި ކުއްޖާ ކުރާ ކަންތައްތައް ކެމެރާ ކުރެވުނެވެ.

އެއް މިނެޓަށް ފަހު ދިރާސާ ކުރާ ފަރާތްތަކުން ކޮޓަރިއަށް ގޮސް ކުއްޖާއާ ސުވާލު ކުރެއެވެ. 68 ޕަސެންޓް ކުދީން ފަހަތަށް އެނބުރި އެކުޅޭ އެއްޗަށް ބެލިއެވެ. ނަމަވެސް ކުދީންގެ އުމުރު ދޮށިވާ ވަރަކަށް ކުޅޭ އެއްޗާއި ދިމާލަށް ބެލުން ހުރީ މަދުވެފައެވެ.

ކުއްޖާ ކައިރީ ފަހަތް ބެލިންތޯ ސުވާލު ކުރުމުން 67 ޕަސެންޓް ކުދިން ހެދީ ދޮގެވެ.

ދިރާސާ އިން އިތުރަށް އެނގުނު ގޮތުގައި އުމުރުން ހަގު ކުދީން ބޮޑެތި މީހުން ރުއްސަން ވެގެން ތެދުހެދިލެއް ގިނަ އެވެ. އަދި އުމުރުން ދޮށީކުދިން ތެދު ހެދީ އެއީ ކުރަން އެންމެ ރަނގަޅުކަން ކަމުގައި އެ ކުދީންނަށް ގަބޫލުކުރެވޭތީއެވެ.

"މިއީ މައިންބަފައިންނަށާއި ޓީޗަރުންނަށް ވަރަށް މުހިއްމު ދިރާސާއެއް. ހާއްސަކޮށް ދަރީން ތެދުވެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރާން ބޭނުން ކޮންމެ މީހަކަށް މުހިއްމު މައުލޫމާތެއް." ޓަލްވަރ ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު