ހިތާއި ހަށިގަނޑާއި ސިކުނޑީގެ ޒުވާންކަމަކީ ކޮންމެ މީހަކުވެސް އުމުރުން ދުވަސްވުމުން އެންމެ ބޭނުންވާނެ އެއް ކަމެވެ. ނަމަވެސް ފަހުން ވާނެ ގޮތަކާ މެދު ނުވިސްނައި ސިއްހަތަށް ބެލުމެއް ނެތި އުޅޭ މީހުން މުސްކުޅިވެ ހަންޓޯޓޯވުމުން ގިނަ ފަހަރު އޮންނަނީ އެހެންމީހެއްގެ އެހީގައި އުޅެން މަޖުބޫރުވެފަ އެވެ.
މިލިޔުމުގައި ކިޔާލަދޭނީ ގިނަ ދުވަހު ޒުވާންކަން މަތީގައި ދެމިހުރުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ވާހަކަ އެވެ.
އެންމެ ފުރަތަމަ ކަމަކަށް ބަލާލާނީ ކެއުމަށެވެ. ހަށިގަނޑުގެ އެތެރެއަށް ވަންނަ ކޮންމެ އެއްޗަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗަކަށް ހަދަން މަސައްކަތްކުރާށެވެ. އެގޮތުން ކެއުމުގައި ވެސް ހަށިގަނޑަށް ފައިދާ ހުރި ކާނާ ކަމަށްވާ ތަރުކާރީ އާއި މޭވާ އާއި އެކި ވައްތަރުގެ މަސް ބޭނުންކުރަން އާދަކުރާށެވެ.
ޒުވާންކަން މަތީގައި ދެމިހުރުމަށް ކެވިދާނެ ހާއްސަ ހަތަރު ބާވަތެއްގެ ކާނާވެ އެވެ. އޭގެއިން އެއް ބާވަތަކީ ގިނަ އަދަދެއްގެ "އެންޓިއޮކްސިޑަންޓްސް" އެކުލެވޭ ބްލޫބެރީޒް އެވެ. ބްލޫބެރީޒް ކެެއުމުން ހަށިގަނޑުގައި ޖަމާވެފައި ހުންނަ ނުރައްކާތެރި ސަރުބީތައް ވިރުމުގެ އިތުރުން މުސްކުޅިވުމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކުން ވެސް ރައްކާތެރިކޮށްދެ އެވެ.
ދެން ބަލާލާނީ ގިނަ އަދަދެއްގެ ފައިބަރު އެކުލެވޭ، ގަހުގައި އަޅާ އޮށެއް ކަމަށްވާ "ފްލެކްސްސީޑް" އަށެވެ. އެމެރިކަން ހާޓް އެސޯސިއޭޝަނުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކެއުމުގައި "ފްލެކްސްސީޑް" ގިނައިން ބޭނުންކުރާ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. އެއީ އެއޮށުގައި ހުންނަ ހާއްސާ މާއްދާއެއް ކަމަށްވާ "އަލްފާ-ލިނޯލެނިކް އެސިޑް"ގެ ސަބަބުން ކަމަށް ވެސްވެ އެވެ.
އަނެއް ދެ ބާވަތަކީ ލޮނުމެދާއި އިނގުރެވެ. "އެންޓިއޮކްސިޑަންޓްސް" އާއި "އެންޓި-އިންފަލަމޭޓާރީ" މާއްދާތައް އެކުލެވޭ ލޮނުމެދާއި އިނގުރު، ހަށިގަނޑުގައި ރޫޖެހުން ލަސްކޮށްދެ އެވެ. ކަށިތަކުގެ ބައްޔެއްކަމަށްވާ އާތުރައިޓިސް ހުންނަ މީހުންނަށް ވެސް އިނގުރަކީ ލާބައެކެވެ. ލޮނުމެދަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށާއި ނަފްސާނީ ބައްޔެއްކަމަށްވާ "އަލްޒައިމާސް" އިން ސިކުނޑި ރައްކާތެރިކުރާ ވަރަށް ފައިދާހުރި ބާވަތެކެވެ.
ހަމުގައި ރޫޖެހުން ކުޑަކުރުމަށާއި ހަމުގެ ކެންސަރުފަދަ ބަލިތަކުން ސަލާމަތްވުމަށް ސަންސްކްރީން ލޯޝަން ލުމަށް އާދަކުރާށެވެ. ގިނަ ވަގުތު އަވީގައި ނޫޅުނަސް، އިރުގެ ނުރައްކާތެރި ދޯދިތަކުން ހަށިގަނޑުގެ ނާޒުކު ހަން ރައްކާތެރިކޮށްދޭނެ ސަންސްކްރީން ލޯޝަނެއް ބޭނުންކުރުމަކީ ފައިދާ ހުރި ކަމެއްކަމަށްވެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ޕިއާނޯ އިން އެކި ރާގުކުޅުމެ މާހިރެއް ކަމަށްވާ މޯޒާޓްގެ ސޮނާޓާ ރާގެއް ދުވާލަކު ދިހަ މިނެޓަށް އަޑުއަހައިލުމުން ވަގުތީ ގޮތަކަށް ސިކުނޑީގެ ވިސްނުން ތޫނެވެ އެވެ. އޭގެ އިތުރުން "ބިންގޯ" ކިޔާ ކުޅިވަރެއް ކުޅުމުން އިންސާނާގެ ވިސްނުމުގެ ބާރު ވަރުގަދަވެ، ވަށައިގެންވާ މާހައުލަށް ހޭލުންތެރިވުމުގެ ބާރު ވެސް ވަރުގަދަވާ ކަމަށް އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކުން ކުރި ދިރާސާއަކުން ދައްކަ އެވެ.
ޒުވާންކަން މަތީގައި ދެމިހުރުމަށް ކުރެވޭނެ އެންމެ ފަހު ކަމަކަށް ބަލާލާނީ ކަސްރަތު ކުރުމެވެ. ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ބައްޓަން ރަނގަޅުކުރުމުގެ އިތުރުން ގިނަ އަދަދެއްގެ ބަލިތަކުން ރައްކާތެރިވުމަށާއި ކަށިތައް ވަރުގަދަކުރުމަށް ކުރަން ވަރަށް ރަނގަޅު ކަމެކެވެ. ކޮންމެ ދުވަހަކު ދުވަން ނޫނީ ހިންގަން ދާން އާދަކުރާށެވެ. އުމުރުން ދުވަސްވާ ވަރަކަށް މަސްތައް ދޫވެ، އެލުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ގަވާއިދުން ކަސްރަތުކުރުމުން މަސްތައް "ޓައިޓް"ވެ ބައްޓަން ނުގެއްލޭގޮތައް ރީތިކޮށް ހުރެ އެވެ.
މައުލޫމާތު: ހެލްތް ޑައިޖެސްޓް