9/11އާ ގުޅޭ ސީއައިއޭ ރިޕޯޓް: ގައިދީން ނިދިން މަހުރޫމުކޮށް، ޖިސްމާނީ އަނިޔާކުރިކަން ފަޅާއަރައިފި

މީގެ 13 އަހަރު ކުރިން އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި މީހުންނަށް އެމެރިކާގެ ސެންޓްރަލް އިންޓެލިޖަންސް އޭޖެންސީ (ސީއައިއޭ) އިން ލާއިންސާނީ އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމަށް ހާމަވެއްޖެ އެވެ. އެކަން ހާމަވީ އެމެރިކާގެ ސެނަޓް އިންޓެލިޖެންސް ކޮމެޓީން ނެރުނު ރިޕޯޓަކުނެވެ.

ބީބީސީން ބުނި ގޮތުގައި ސީއައިއޭ އިން ހިންގާފައިވާ އެ ހަރަކާތުގައި ސުވާލު ކުރި ގައިދީންނަށް އެ އޭޖެންސީ އިން ބިރު ދައްކައި، ތަޅައި، ލާއިންސާނީ އަނިޔާކޮށްފައިވެ އެވެ. އަދި އެ މީހުންނާ ސުވާލު ކުރުމުގައި އަނިޔާވެރި އަމަލުތަކާއި އުކުޅުތައް ބޭނުން ކުރުމުގެ އިތުރަށް ވޯޓާބޯޑްކޮށް، ނިދިން މަހުރޫމުކޮށްފައިވެ ވެސްވެ އެވެ.

ސީއައިއޭ އިންޓޮރޮގޭޝަން ޕްރޮގްރާމްގެ ނަމުގައި އެ ހަރަކާތް ހިންގާފައި ވަނީ ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި 2002 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމައަށް ކަމަށް ވެސް ބީބީސީ އިން ބުންޏެވެ.

އަލް ގައިދާއިން އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ތުހުމަތު ކުރެވޭ 100 އެއްހާ މީހުން ވަނީ އެ ޕްރޮގްރާމު ދަށުން އެމެރިކާއިން ބޭރު އެތައް "ބްލެކް ސައިޓެއް"ގައި ހައްޔަރުކޮށްފަ އެވެ.

ބަރަކް އޮބާމާ، 2009 ވަނަ އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގެން އެ ޕްރޮގްރާމް ހުއްޓަވާލެއްވި އެވެ. އަދި އެ ކަމުގެ ހަގީގަތް ހޯއްދެވުމަށް ތަހުގީގު ފެއްޓެވި އެވެ. އަދި ސީއައިއޭގެ ލާއިންސާނީ ޖަރީމާތައް ފެންމަތިވުމުން އެމެރިކާގެ އެކުވެރި ގައުމުތަކާ އޮތް ގުޅުމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް އޮބާމާ ވިދާޅުވެފައިވެ އެވެ.

ޖުމްލަ 6000 ގަނޑު ހިމެނޭ އެމެރިކާގެ ސެނެޓް ރިޕޯޓުގައި ގިނަ އަދަދެއްގެ ހެއްކާއި ދަލީލުތައް ހުރިނަމަވެސް އާންމުންނަށް ހާމަކުރަން ހަމަޖެހިފައި ވަނީ އެ ރިޕޯޓުގެ 480 ގަނޑުގެ ހުލާސާއެއް ކަމަށް ވެސް ބީބީސީން ބުންޏެވެ.

އެ ރިޕޯޓުގެ ހުލާސާ އެމެރިކާގެ ސެނެޓަށް ހާމަކުރުމާއެކު ސީއައިއޭ އިން ވަނީ އެ އޭޖެންސީ އިން ބޭނުން ކުރި ލާއިންސާނީ ގޮތްތަކުގެ ތަކުގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ.

"އެޕްރޮގްރާމުން އަހަރުމެން ހޯދި މައުލޫމާތު ތަކަކީ އަލްގައިދާ އާއި ބެހޭ ވަރަށް މުހިންމު މައުލޫމާތު، ކައުންޓާ ޓެރަރިޒަމް އަށް ވެސް އެމައުލޫމާތު ބޭނުންކުރެވޭނެ،" ސީއައިއޭގެ ޑައިރެކްޓަރު ޖޯން ބްރެނަން ބުނެފައިވާ ކަމަށް އެއޭޖެންސީއިން ނެރުނު ބަޔާނެއްގައިވާ ކަމަށް ބީބީސީ އިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު