މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން އެދުނު ވަރަށް ކަރަންޓް ދެމުން އަންނަ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ބުނެފި އެވެ.
ސްޓެލްކޯގެ ކަރަންޓާ ބެހޭ ގޮތުން ބައެއް ވާހަކަތައް ފެތުރިފައި ވާތީ އެކަމަށް ޖަވާބުދާރީ ވުމުގެ ގޮތުން އެކުންފުނީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިން ޑައިރެކްޓަރު އަބުދުއް ޝުކޫރު ވިދާޅުވީ ފެންކުންފުނިން އެދިފައި ވަނީ 2.5 މެގަވޮޓް (2500 ކިލޯވޮޓް)ގެ ކަރަންޓް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ އެމިންވަރަށް ކަރަންޓް ދެމުން އަންނަ ކަމަށާއި އެކަން އެގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެތަނަށް ކަރަންޓް ދެމުން އަންނަނީ ސްޓެލްކޯ އިން އެތަނުގައި ވަގުތީ ގޮތުން ގާއިމްކޮށްފައިވާ ތިން ޓްރާންސްފޯމަރާއި ތިން ސްވިޗް ގިއާ ބޭނުންކޮށް ކަމަށް ވެސް ޝުކޫރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މިހާރު ދެމުން އަންނަ ގޮތަށް އަދި އިތުރު ހަފުތާއެއް ނުވަތަ އެއް މަސް ދުވަސް ވަންދެން އެމްޑަބްލިއުއެސްސީ އަށް ކަރަންޓް ދޭން ޖެހުނަސް ސްޓެލްކޯއަށް އެކަން ކުރެވޭނެ ކަމަށެވެ.
"...އަޅުގަނޑުމެން ހަމަ މިހާރު އުފައްދާ މިންވަރަށް ކަރަންޓް އުފައްދައިގެން އަދި ހަފުތާއެއް ނޫނީ މަސްދުވަސްވީ ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ކަރަންޓް ފޯރުކޮށްދެވޭނެ އެބޭފުޅުންނަށް،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯ އިން އިސްކުރު ބަރި ހަދައިގެން އާއްމުންނަށް ފެން ދޫކުރަމުން އަންނަ އައުމާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ދޫކުރަމުން އަންނަނީ ޖަނަރޭޓަރުތައް ފިނިކުރުމަށާއި އަލިފާން ނިވުމަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް އުފެއްދޭ ފެން ކަމަށެވެ. އަދި ވިދާޅުވީ އެގޮތުން މިހާތަނަށް ގާތްގަނޑަކަށް 150 ޓަނާއި 200 ޓަނާއި ދެމެދުގެ އަދަދަކަށް ފެން ދޫކޮށްފައިވާ ކަމަށެވެ.