އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްގައި ހުރި ޔުނިވާސިޓީއަކުން ގެއްލުނުކަމަށް ރިޕޯޓުކުރީ ނައްތާލައިފައިވާ ސިކުނޑިތަކެއް ކަަމަށް އެޔުނިވާސިޓީ އިން ބުނެފި އެވެ.
ރޮއިޓާސް އިން އިއްޔެ ބުނި ގޮތުގައި ޔުނިވާސިޓީ އޮފް ޓެކްސަސްގައި ދިރާސާކުރުމަށާއި ކިޔެވުމަށް ރައްކާކޮށްފައި ހުރި 100 ސިކުނޑިއެއް ގެއްލުނު ކަމަށް ރިޕޯޓު ކޮށްފައިވީ ނަމަވެސް ހަގީގަތުގައި އެ 100 ސިކުނޑިތައް ވަނީ 2002 ވަނަ އަހަރު ނައްތާލާފައި ކަމަށެވެ.
"އަހަރުމެން ގަބޫލުކުރާ ގޮތުގައި މިތާގެ މުވައްޒަފުން ވަނީ 40 އާއި 60 ދެމެދު އަދަދައްގެ ސިކުނޑިތައް ރައްކާކޮށްފައި ހުރި ފުޅިތަކެއް ނައްތާލާފައި، ބައެއް ފުޅިތަކުގައި ހުންނާނެ އެއް ސިކުނޑިއަށް ވުރެ ގިނަ ސިކުނޑި ވެސް ރައްކާކޮށްފައި،" ޔުނިވާސިޓީ އޮފް ޓެކްސަސްގެ އޮފިޝަލަކު ރޮއިޓާސް އަށް ބުނެފައިވެ އެވެ.
ޔުނިވާސިޓީ އޮފް ޓެކްސަސްގެ ސްޕޯކްސްޕާސަން ގޭރީ ސަސްވެއިން އާއި ހަވާލާދީ ރޮއިޓާސް އިން ބުނީ 100 ވަރަކަށް ސިކުނޑި ނައްތާލީ، އެއެއްޗެހި ބޭނުން ކުރެވެން ނެތުމުން ކަމަށާއި "ބައޮލޮޖިކަލް ވޭސްޓް" ނައްތާލުމަށް އޮންނަ ހަމަތަކުގެ ތެރެއިން ކަމަށެވެ.
"އަޅުގަނޑުމެން ސިކުނޑިތައް ނައްތާލީ ކޮންޓްރެކްޓް އުސޫލުން ބައޮލޮޖިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތްކުރާ ބަޔެއް ހޯދައިގެން، ސަލާމަތީކަންކަމަށް އިސްކަންދީގެން،" ޔުނިވާސިޓީ އޮފް ޓެކްސަސްގެ ސްޕޯކްސްޕާސަން ގޭރީ ސަސްވެއިން ބުނިކަމަށްވެ އެވެ.
ޔުނިވާސިޓީ އޮފް ޓެކްސަސް އިން ނައްތާލައިފައިވާ ސިކުނޑިތަކަކީ އެސްޓޭޓުގައި ހުންނަ ނަފްސާނީ ބޭސްފަރުވާ ކުރާ ހޮސްޕިޓަލަކުން 1980 ވަނަ އަހަރު ހަދިޔާކޮށްފައިވާ 200 ސިކުނޑީގެ ސަޕްލައިގައި ހިމެނޭ ސިކުނޑިތަކެއް ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.