އެނުރައްކާާތެރި ބަލިން ސަލާމަތްވެ، ލޭގެ ޕްރެޝަރު ދަށްކުރުމަށް ކުރެވިދާނެ 10 ކަމެއްގެ ވާހަކަ ކިޔާލަދޭނަމެވެ.
1. ކޮންމެ ހެނދުނަކު ވެސް 15 މިނެޓު ހިނގަން ދިޔުން

"ބްރިސްކް ވޯކިންގް": ލޭގެ ޕްރެޝަރު ދަށްކުރުމަށް ހިނގަން ދިޔުން މުހިންމެވެ.
ލޭގެ ޕްރެޝަރު ދަށްކުރުމަށް ކޮންމެ ދުވަހަކު ހެނދުނު 15 މިނެޓު ހިނގަންދިޔުމަކީ ގިނަ ޑޮކްޓަރުން ލަފާދޭ ކަމެކެވެ. މިގޮތައް ހިނގާ އިރު ހިނގަންވާނީ އާންމު ހިނގުންތަކަށްވުރެ ބާރަށެވެ. އެއަށް ކިޔާނީ "ބްރިސް ވޯކިންގް" އެވެ. ޖަޕާނުގެ ހޯދުންތެރިން ކުރި ތަހުލީލަކުން ދައްކާގޮތުގައި "ހައިޕާޓެންޝަން" ހުރެ އެއްވެސް ވަރަކަށް ކަސްރަތު ނުކުރާ މީހަކު، ހަފްތާއަކު 30 މިނެޓަށް ކަސްރަތުކުރުމުން އެމީހެއްގެ ލޭގެ ޕްރެޝަރު ފާހަގަކުރެވޭ ވަރަކަށް ދަށްވާ ކަމަށްވެ އެވެ.
2. ލިންސީޑް ބޭނުންކުރުން

ލިންސީޑް--
ދުވާލަކު ދެ މޭޒުމަތީ ސަމްސާގެ "ލިންސީޑު" ބޭނުންކުރުމުން ހިތުގެ ބަލިތަކުން ދުރުވެ ލޭގެ ޕްރެޝަރު ވެސް ދަށްކުރުމަށް އެހީވެދެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފައިބަރާއި ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާއަކުން މުއްސަނދިވެފައިވާ "ލިންސީޑް" އަކީ ހިތުގެ ބަލިތައް ހުންނަ މީހުނާއި އަދި ހާއްސަކޮށް އެބަލި ޖެހިފައިވުމާ އެކު އިއްދައިން ކެނޑިފައިވާ އަންހެނުން ބޭނުންކުރުމަށް ވަރަށް ރަނގަޅުއެއްޗެއް ކަމަށެވެ.
3. ކޮފީގެ ބަދަލުގައި ސައި ބޭނުންކުރުން
އޮސްޓްރޭލިއާގައި ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދުވާލަކު ދެޖޯޑު ސައިބުއިމުން ލޭގެ ޕްރެޝަރު ބެލުމުގައި ބަލާ "ސިސްޓޯލިކް" ޕްރެޝަރުު ދެ ޕޮއިންޓަށް ދަށްވެ އެވެ. އެއާ އެކު "ޑައިސްޓޯލިކް" ޕްރެޝަރު އެއް ޕޮއިންޓަށް ދަށްވާ ކަމަށެވެ. ވީމާ ހެނދުނު ކޮފީ ބުއިމުގެ ބަދަލުގައި ސައިތައްޓެއް ބޯލަން އާދަކުރުމަކީ ލާބަހުރި ކަމެކެވެ.
4. ގިނައިން "ޕޮޓޭޝިއަމް" މާއްދާގިނަ ކާނަ ކެއުން
އެހެން ހުރިހާ މޭވާ އަކާއި ތަރުކާރީއަކަށް ވުރެ ގިނައިން އެވޮކާޑޯގައި ލޭގެ ޕްރެޝަރު ދަށްކުރުމުގައި އެހީވާ މާއްދާއެއް ކަމަށްވާ "ޕޮޓޭޝިއަމް" އެކުލެވިފައިވެ އެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކޮންމެ މީހަކަށް ވެސް ދުވާލަކު 3500 މިލިގުރާމް ޕޮޓޭޝިއަމް ބޭނުންވާނެ އެވެ.
5. ފޮނި އެއްޗެއް ކާހިއްވެޖެ ނަމަ "ޑާކް ޗޮކޮލެޓް" ކެއުން

ޑާކް ޗޮކޮލެޓް--
ކިރު އަޅާއިގެން ހަދާފައި ހުންނަ ޗޮކުލެޓާ ޚިލާފަށް ގިނައިން ކޮކޯ އަޅައިގެން ހަދާފައިހުންނަ "ޑާކް ޗޮކޮލެޓް"ގައި ގިނަ އަދަދަކަށް "ފްލެވޮނޮއިޑްސް" ހިމެނެ އެވެ. "ފްލެވޮނޮއިޑްސް" އަކީ ހިތުގެ ލޭނާރުތަކުގެ "ފްލެކްސިބިލިޓީ" އިތުރުކޮށްލަދޭ މާއްދާއެކެވެ. "ޑާކް ޗޮކޮލެޓު"ގެ އިތުރުން ގިނަ އަދަދެއްގެ މޭވާ އާއި ތަރުކާރީގައި ވެސް "ފްލެވޮނޮއިޑްސް" އެކުލެވިގެންވެ އެވެ.
6. ލުއި ކެއުމަކަށް ހަނާކޮށްފައި ހުންނަ ސޮޔާބީންސް ކެއުން

ހަނާކުރި ސޯޔާބީންސް---
ދިރާސާތަކުން ދައްކާ ގޮތުގައި ލޭގެ ޕްރެޝަރު މަތިވެފައި ހުންނަ މީހުން ދުވާލަކު 30 ގުރާމު ހަނާކުރި ސޯޔާބީންސް، ދެ ހަފްތާ ވަންދެން ކެއުމުން އެމީހުންގެ ލޭގެ "ސިސްޓޯލިކް" ޕްރެޝަރު 10 ޕޮއިންޓަށް ދަށްވެ އެވެ.
7. ލޮނުގެ ބަދަލުގައި އަސޭމިރުސް ބޭނުންކުރަން އާދަކުރުން
ލޮނަކީ "ހައިޕާޓެންޝަން" ހުންނަ މީހުންނަށް ބޭނުންކުރަން ނުވާ އެއްޗެކެވެ. އެހެންކަމުން ލޮނުގެ ބަދަލުގައި އަސޭމިރުސް ބޭނުންކުރަން އާދަކުރާށެވެ. އަދި އެގޮތައް ބޭނުންކުރަން ފަށާތާ ދުވަސްތަކެއްވުމުން އެމިރުސް ކާން ވެސް ފަސޭހަވާނެ ކަމަށްވެ އެވެ. ސަބަބަކީ އެއީ ވަރަށް ރަހަގަދަ މިރުހަކަށްވުމުންނެވެ. ނަމަވެސް އަސޭމިރުސް ބޭނުންކުރަން ދަތިނަމަ ލޮނުމެދު، ލުނބޯ ނުވަތަ އިނގުރުވެސް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ބޭނުންކުރަން އެންމެ ރަނގަޅީ އަސޭމިރުހެވެ.
8. ހިތާމަވެރި ކަމެއް ދިމާވުމުން ނުވަތަ ހާސްވުމުން 10 މިނެޓުވަންދެން ތިމާއާ އެންމެ ގާތް މީހެއްގެ އަތުގައި ހިފުން
ދެރަވާ ކަމެއް ނުވަތަ ބޮޑު ހާދިސާއެއް ދިމާވުމުން އެކަން ތިމާގެ ހަޔާތުގެ ބައިވެރިޔާ ނުވަތަ ލޯބިވެރިޔާ ނުވަތަ މަންމަ އާއި ހިއްސާކުރުމުން ވެސް ލޭގެ ޕްރެޝަރު ދަށްވާކަމަށްވެ އެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ވަރަށް "ސްޓްރެސް"ވާ ކަމެއް ދިމާވާ ހިނދު ތިމާއާ ގާތްގުޅުމެއް އޮންނަ މީހެއްގެ އަތުގައި ހިފާލައިގެން 10 މިނެޓު ހުރުމުން ލޭގެ ޕްރެޝަރު މަތިނުވެ، ކޮންޓްރޯލް ކުރެވެ އެވެ.
9. ލޭގެ ޕްރެޝަރު މަތިވެގެން ޑޮކްޓަރު ދީފަ ހުރި ބޭހެއް ގަޑިން ގަޑިއަށް ބޭނުންކުރުން

ދުވަސްތަކާއި ބޭސްކާންޖެހޭ ގަޑި ވަކިން އިނގޭގޮތައް ބޭސް އަޅާފައި ބަހައްޓާ ފޮއްޓެ---
ލޭގެ ޕްރެޝަރު މަތިވެއްޖެ ނަމަ އެކަން ކޮންޓްރޯލްކުރުމަށް ޑޮކްޓަރު ބޭހެއް ދީފައިވާ ނަމަ އެބޭސް ކެއުމަށް ބުނެފައިވާ ގޮތަށް، ގަޑިއަށް ފަރުވާތެރިކަން ބަހައްޓައިގެން ކާންވާނެ އެވެ. ބޭސް ކާން ހަނދާންނެތޭ ނަމަ އާއިލާ މީހެއް ކައިރީގައި ހަނދާންކޮށްދިނުމަށް ބުނާށެވެ. ނުވަތަ ކަލަންޑަރުގައި ލިޔެލާށެވެ. ނުވަތަ ފޯނުގައި ރިމައިންޑާއެއް ވެސް ލެވިދާނެ އެވެ.
10. ގޭގައި ލޭގެ ޕްރެޝަރު ބެލޭނެ ކަހަލަ އާލާތެއް ގެންގުޅުން

ޑިޖިޓަލް "ސްފިގްމޮމެނޮމީޓާ"އެއް---
ލޭގެ ޕްރެޝަރު ބެލުމަށް ބޭނުންކުރާ "ސްފިގްމޮމެނޮމީޓާ"އެއް ގަތުމުގެ ކުރިން ވީހާ ވެސް ފަސޭހައަކުން ބޭނުންކުރެވޭނެ "ޑިޖިޓަލް" އެއްޗެއް ގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. "ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަން" އިން ބުނިގޮތުގައި ޑޮކްޓަރަކަށް އެއްފަހަރު ދައްކާލައިގެން ބަލާ ލޭގެ ޕްރެޝަރަށް ވުރެ ކޮންމެ ދުވަކު ގޭަގައި ޕްރެޝަރު ޗެކުކުރުމުން އެމީހެއްގެ ބަލީގެ ހާލަތު ދެނެގަތުމަށް ޑޮކްޓަރުންނަށް ފަސޭހަވާނެ ކަމަށެވެ.
މައުލޫމާތު: ރީޑާސް ޑައިޖެސްޓް