ހިތްހަމަ ނުޖެހުނަސް ބަޖެޓަށް ވޯޓު ދޭނަން: ގާސިމް

އަންނަ އަހަރަށްލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރިނަމަވެސް ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވާނެ ކަމަށް މާމިގިލިީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓު ދިރާސާކުރި ކޮމިޓީން ހުށަހެޅުއްވި ރިޕޯޓަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ ކޮންމެ ރަށެއްގައި މަދުވެގެން އެއް ޕްރީ ސްކޫލް އުފެއްދުމަކީ ލާޒިމް ކަމެއްކަމަށް ގާނޫނުގައި ކަނޑައަޅާފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ފައިސާ ހިމަނާފައި ނުވާ ކަމަށެވެ.

ގާސިމް ވިދާޅުވީ ގާނޫނުން އެކަމަށް ލާޒިމް ކޮށްފައިވާއިރު 200 މިލިޔަނެއްހާ ރުފިޔާއިން ރާއްޖޭގެ ފެންވަރުގައި ޕްރީސްކޫލް ތައުލީމު ރަނގަޅު ހާލަތަކަށް ގެނެވޭނެ ކަމަށެވެ.

"ޅަދަރިންނަށް ތައުލީމް ދޭން ގަސްތުކުރަނީ ކިހިނެއް، ކޮންގޮތަކަށް ތޯ،" ގާސިމް ވިދާޅުވި އެވެ.

ސަރުކާރުން އެކި ކަހަލަ ތައުލީމީ ޕްރޮގްރާމްތަކާއި ސްކޮލާޝިޕްތައް ދޭއިރު ޕީއެޗްޑީ ހަދަން ބޭނުންވާ މީހުންނަށް އެފަދަ ހިދުމަތެއް ސަރުކާރުން ނުދޭތީ ގާސިމްގެ ވާހަކަފުޅުގައި ވަނީ އެކަމާ ވެސް ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ.

"ސަރުކާރުން ތަފާތު ގޮތްގޮތަށް އެބަ އިއުލާން ކުރޭ ތައުލިމީ ޕްރޮގްރާމްތަކާއި ސްކޮލާޝިޕް ނުވަތަ ލޯން ސްކީމްގެ ކަންތައްތައް. އިއުލާން ކުރައްވާ އިރު ޕީއެޗްޑީއަށް ދާން ބޭނުންވާ މީހަކަށް އެއްގޮތަކަށް ވެސް އެކަހަލަ ލޯނެއް ނުވަތަ ސްކޮލާޝިޕެއް ވެސް ސަރުކާރަކުން ނުދެއްވާ ކަން ފާހަގަ ކޮށްލަން. މީ މާދަމާ އަޅުގަނޑުމެންގެ ދަރިންނަށް ކޮލެޖުތަކުގަ އާއި ސްކޫލުތަކުގައި ކިޔަވައިދޭން ތިބި މީހުން. އެހެން ކަމުން އަޅުގަނޑުމެން، ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކޮށްގެން އެ މީހުންނަށް ކިޔެވުމަށް ފުރުސަތު ދީގެން ނޫނީ ކިހިނެއްތޯ އޭ އަޅުގަނޑުމެން ކުރިއަށް ދާނީ؟،" ގާސިމް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޕްރީސްކޫލު ކަންކަމުގައި އަދި މިނިވަން މުއައްސަސާތަކަށް ބަޖެޓުގައި ކަންތައް ކޮށްފައިވަނީ "ވަރަށް ނިކަމެތި" ކޮށް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު