އީސީގެ މެމްބަރު ކަމަށް ސުލައިމާނާއި ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް މ. ވޭވަށް ބުލްބުލާގޭ މުޙައްމަދު ޝަކީލާއި ހުޅުމާލެ އެންދެރި 7 އަޙްމަދު ސުލައިމާން އައަޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސުލައިމާނާއި ޝަކީލު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 54 މެމްބަރުންނެވެ. ނުފެންނަ ކަމަށް ވޯޓުދެއްވީ 16 މެމްބަރުންނެވެ. މިދެބޭފުޅުންނަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ 75 ޕޮއިންޓަށް ވުރެއް މަތިން މާކުސް ލިބިވަޑައިގެންފައެވެ. އެގޮތުން ސުލައިމާނަށް 83 ޕޮއިންޓް ލިބިވަޑައިގެންފައި ވާއިރު ޝަކީލަށް ލިބިވަޑައިގަތީ 86 ޕޮއިންޓެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި އަނެއް ދެ ނަންފުޅަކީ ދަފްތަރު ނަންބަރު 1548 މުހައްމަދު ޒާހިދުއާއި އދ. މަހިބަދޫ ސަނޯރާމާގޭ ފާތިމަތު މުނާ އެވެ. އެ ދެބޭފުޅުންގެ ތެރެއިން މުނާއަށް ލިބިވަޑައިގަތީ 66 ޕޮއިންޓެވެ. އަދި ޒާހިދަށް ލިބިވަޑައިގަތީ 67 ޕޮއިންޓެވެ.

އެކޮމިޝަންގެ މެމްބަރުކަމަށް ރައީސް ޔާމީން ވަނީ މި މަހުގެ 24ވަނަ ދުވަހު ގއ. މާމެންދޫ އަލިވާގޭ އަމްޖަދު މުސްތަފާ އައްޔަން ކުރައްވައިފަ އެވެ. އަމްޖަދު އެ މަގާމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުން އޭނާ އެ މަގާމަށް އައްޔަން ކުރެއްވުމަށް ރުހުން ދިނުމުންނެވެ.

އެ ކޮމިޝަނުގައި ދެން ހިމެނިވަޑައިގެންނަވާ މެމްބަރަކީ އެ ކޮމިޝަންގައި ކުރިން އިންނެވި އިބްރާހިމް ވަހީދު (އޮގަރު) އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ގޮނޑިއަށް އައްޔަން ކޮށްފައިވާ އިސްމާއިލް ހަބީބު އަބްދުއްރަހީމެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު