ސުޕްރީމް ކޯޓުގެ ބެންޗަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބޭނުންފުޅުވާ ތައްގަނޑަކަށް އޮންނަން ޖެހޭ އެއްޗެއްތޯ ވިދާޅުވެ، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސަ މަނިކު ގާސިމަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ސުޕްރީމް ކޯޓު ބެންޗުގެ އަދަދު މަދު ކުރުމާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ގާސިމް ދެއްްކެވި ވާހަކަތަކަކީ އެމްޑީޕީގެ ލީޑާޝިޕަށް ބަލައިގަނެވޭނެ ވާހަކައެއް ކަމުގައިވާ ނަމަ މިއޮތް ހުރިހާ ދުވަހު އެ ޕާޓީން ދެއްކީ ކޮން ވާހަކަތަކެއްތޯ ބައްލަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި މިއަދު އެމްޑީޕީގެ ފިކުރަކީ އެއީ ވަކި މީހެއްގެ ފިކުރެއް ކަމަށް އެއްބަސްވެވެން ނެތް ކަމަށާއި ސުޕްރީމް ކޯޓުގެ ބެންޗުގައި އަލީ ހަމީދު ބައިންދަން އެމްޑީޕީ އިން ވެސް ބޭނުންވަނީތޯ ބައްލަވަން ބޭނުންފުޅުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް ވިދާޅުވި ވާހަކަ އެއީ އެމްޑީޕީގެ ލީޑާޝިޕަށް ބަލައިގަނެވޭ އެއްޗެއް ކަމުގައި ވަނީވިއްޔާ، މިއޮތް ހުރިހާ ދުވަހު އަޅުގަނޑުމެން [ދެއްކީ] ކޮން ވާހަކަތަކެއްތޯ، ސުޕްރީމް ކޯޓޭ ކިޔައިގެން ކޮން ވާހަކައެއްތޯ. އަޅުގަނޑުމެންނަށް ލިބުނީ ކޮން އަނިޔާއެއްތޯ، ޖުމްހޫރީ މައިދާނަށް ނުކުމެ ބަގާވަތެއް ގެނައި ދުވަހުގެ ވާހަކަ ދެއްކީއްސުރެ ގާސިމްގެ ވާހަކަ އަޅުގަނޑުމެންގެ ޕާޓީން ދެއްކި ކަމަށްވާ ނަމަ މިއަދު ރައީސް ނަޝީދު ގާސިމާ ގުޅިގެން ކުރުއްވަން އުޅޭ ކަމެއް އަޅުގަނޑު ވެސް ބޭނުން ބަލާލަން، ސުޕްރީމް ކޯޓުގެ ބެންޗް އޮންނަން ޖެހޭނީ ގާސިމް އިބްރާހިމްގެ ތައްގަނޑެއްގެ ގޮތުގައިތޯ އަޅުގަނޑު ބޭނުން ބަލާލަން،" މޫސަ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި މެމްބަރުންގެ އަދަދު މަދުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އަދި ގާނޫނު އަސާސީގައި ސުޕްރީމް ކޯޓުގެ ބެންްޗަށް ފަނޑިޔާރުން އައްޔަންް ކުރަންވާނީ އުމުރު ދުވަހަށް ނުވަތަ އެ މެމްބަރުންގެ އުމުރުން 75 އަހަރު ފުރުމަށްދާންދެން ކަމަށް ކަނޑައަޅާފައިވާ އިރު ގާނޫނު އަސާސީ އަށް ބަދަލު ނުގެނެސް އެ އިސްލާހު އެގޮތަށް ގެނެވިދާނެ ކަމަށް ދެކެވަޑައިގެންނުވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ކަންތައް އެގޮތަށް ކުރުމަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ގާނޫނު އަސާސީ ބަދަލުވެއްޖެ ނަމަ އެ ހާލަތު ބަދަލުވާނެ، އަޅުގަނޑު ގަބޫލެއް ނުކުރަން ގާނޫނު އަސާސީ އަށް ބަދަލު ނުގެނެސް އެކަން އެގޮތަށް ކުރެވޭނެ ކަމަކަށް. އަޅުގަނޑު ދަންނަވާނީ މި ހިނގަނީ ވަރަށް ބޮޑު ޖަރީމާއެކޭ، އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ އެއްވެސް ވަރަކަށް ބަލައިގަންނަން ހެޔޮވާވަރުގެ ބިލެއް ކަމަށް ވެސް،" ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީގެ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ތާޢީދު ނުކުރުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ އެ އިސްލާހުގެ ސަބަބުން ސުޕްރީމް ކޯޓުގެ ބެންޗަށް އަދި ޝަރުއީ ނިޒާމަށް ބަދަލެއް އަންނާނެ ކަމަށް އެމްޑީޕީ އަށް ނުފެންނާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ދެ އިސްލާހުގެ ތެރެއިން ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު މަދު ކުރުމަށް، އެމްޑީޕީ އަށް ނިސްބަތްވާ، މަަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވާފައިވާ އިސްލާހުގައި އެ ބެންޗްގެ މެމްބަރުންގެ އަދަދު އުއްތަމަ ފަނޑިޔާރާ އެކު ފަހަކަށް މަދުކުުރުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދު ކުރުމަށް އެމްޑީޕީ އިން 2012 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ.