އެބޯލާ ވެކްސިންގެ "ކްލިނިކަލް ޓްރަޔަލް"ތަކުގެ ނަތީޖާ ވަރަށް ރަނގަޅު

އެބޯލާ ވައިރަސްއަށް ފަރުވާކުރުމަށް އުފައްދާފައިވާ ދެވައްތަރެއްގެ ވެކްސިން ބޭނުންކޮށްގެން ކުރި ޓްރަޔަލްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ބުނެފި އެވެ.

ޗައިނާގެ ނޫސް އޭޖެންސީއެއް ކަމަށްވާ ޒިންހުއާ އިން އިއްޔެ ބުނީ އެބޯލާ ނައްތާލުމަށް އުފައްދާފައިވާ ދެވެކްސިނެއް ބޭނުންކޮށްގެން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ކުރިއަށް ގެންދިޔަ "ކްލިނިކަލް ޓްރަޔަލް"ތަކުން ވަރަށް ރަނގަޅު ނަތީޖާއެއް ލިބިފައިވާ ކަމަށެވެ. އަދި މިއަންނަ އަހަރުގެ ޖެނުއަރީ މަހު ދެކުނު އެފްރިކާގައި އެބޯލާ ޖެހިފައިވާ މީހުންނަށް ފަރުވާކުރުމަށް އެ ވެކްސިންތައް ފޮނުވަން ފަށާނެ ކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ.

އެފްރިކާގެ ގައުމެއްކަމަށްވާ ނައިރޯބީގައި ބޭއްވި ކޮންފަރަންސްއެއްގައި ވާހަކަ ދައްކަވަމުން އޮކްސްފޯޑް ޔުނިވާސިޓީގެ ޖެނާ އިންސްޓިޓިއުޓްގެ ޑައިރެކްޓަރު އޭޑްރިއަން ހިލް ވިދާޅުވީ އެ ދެެ ވެކްސިނަކީ އެބޯލާއާ ދެކޮޅަށް ކުރާ ހަނގުރާމައަށް ލިބިގެންދާނެ އައު ބާރެއް ކަމަށް ޒިންހުއާ ނޫހުގައި ބުނެފައިވެ އެވެ.

"އެ ދެ ވެކްސިން ބޭނުންކޮށްގެން ކުރި ޓްރަޔަލްތަކުގެ ނަތީޖާ ވަރަށް ރަނގަޅު އަދި އެވެކްސިންތައް ބޭނުންކުރުމާ ގުޅިގެން އެއްވެސް ސައިޑްއިފެކްޓެއް ވެސް ފެނިފަކާއެއް ނެތް. އަޅުގަނޑުމެން މިބަލަނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހު އެވެކްސިންތައް "ޑިޕްލޮއި" ކުރެވޭތޯ،" އޭޑްރިއަން ހިލް އެފްރިކާގެ މެޑިކަލް ހޯދުންތެރިންނާ އެކު ބޭއްވި އެކޮންފަރަންސްގައި ވިދާޅުވެފައިވާ ކަަމަށްވެ އެވެ.

އެ ވެކްސިންތަކަކީ އެބޯލާ ޖެހިފައިވާ ގައުމުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެބޯލާ ބަލީގައި މަރުވާ މީހުން ވަޅުލުމުގެ ކަންތައްތައް ބަލަހައްޓާ މީހުންނަށް ވެސް ހުރި ލާބައެއް ކަމަށް ވެސް އޭޑްރިއަން ހިލް ވިދާޅުވިކަމަށް ޒިންހުއާ ނޫހުން ބުނެފައިވެ އެވެ.

އެބޯލާ ނައްތާލުމަށް ތައްޔާރުކުރަމުން އައި އެވެކްސިން އުފެއްދުމަށް ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކުގެ އާއި އެކި ގައުމުތަކުގެ ސަރުކާރުތަކާއި ފައުންޑޭޝަންތަކުގެ އިތުރުން މަލްޓިލޭޓަރަލް ކުންފުނިތަކުން ވެސް ފައިސާގެ އެހީ ލިބިފައިވާ ކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަމަށްވާ ޑަބްލިއުއެޗްއޯ އިން މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ބުނި ގޮތުގައި ދެކުނު އެފްރިކާގެ ލައިބީރިއާ، ސިއެރަ ލިއޯން އާއި ނިއު ގިނިއާގައި އެބޯލާ ބަލި ޖެހިގެން މިހާތަނަށް 6928 މީހުން މަރުވެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު