އެއިޑްސް ކޮންޓްރޯލް ކުރުމުގައި ތައުލީމީ އަދި ދީނީ ދާއިރާގެ ހިއްސާބޮޑު: މިނިސްޓަރު ނާޒިމު

އެޗްއައިވީ އެއިޑްސް ފެތުރުން ހުއްޓުވުމުގައި ތައުލީމީ ދާއިރާއާއި ދީނީ ދާއިރާގެ ހިއްސާބޮޑުކަމަށް އެކްޓިން ހެލްތު މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ހެލްތުމިނިސްޓްރީން މިއަދު މާލޭގައި ބޭއްވި ހިނގައިލުމެއްގެ ނިމުން ފާހަގަކުރެއްވުމުގެތޮން ޖުމްހޫރީ މައިދާނުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމު ވިދާޅުވީ، އެޗްއައިވީން ރައްކާތެރިވުމަށް ނަސޭހަތްތެރިވާން ޖެހޭ ކަމަށެވެ.

"...މިއަދު އަޅުގަނޑުމެންގެ މުޖުތަމައު މިކަމަށް ހޭލުންތެރިކުރަން ޖެހޭ. އެޗްއައިވީއަށް މަގުފަހިވާ ކަންކަމުން ދުރުކުރުވަން އެބަޖެހޭ. ރައްކާތެރިކަމަށް އަޅުގަނޑުމެން މިއަދު ނަސޭހަތްތެރިވާން އެބަޖެހޭ. އެގޮތުން އަމަލުތައް ބަހައްޓައިގެން ނޫނީ އަޅުގަނޑުމެންނަކަށް ކުރިއެރުމެއް ނެތް. ހާއްސަކޮށް ސިއްހީ ދާއިރާއާއި ޒުވާނުންނާއި ގުޅޭ ދާއިރާތަކާއި ތައުލީމާ ބެހޭ ދާއިރާތަކާއި ދީނީ އަދި އިޖުތިމާއީ ކަންކަންތައްތަކާ ގުޅޭ ދާއިރާތައް، މިކަމުގައި ހިއްސާ ބޮޑުކަން އަޅުގަނޑު މިއަދު ފާހަގަކުރަން،" ނާޒިމް ވިދާޅުވި އެވެ.

ސޯޝަލް ސެންޓަރު ކައިރިން ފަށައިގެން ޖުމްހޫރީ މައިދާނުގެ އިސްލާމީ މަރުކަޒާ ވީ ފަޅިއަށް ނިންމައިލި އެހިނގައިލުން ނިންމުމުގެ ގޮތުން ޒުވާން އަންހެން ކުދިން ހިމެނޭ ބޮޑުބެރު ގްރޫޕަކުން ބޮޑުބެރު ޖެހުން އޮތެވެ.

ހިނގައިލުމުގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ސަރުކާގެ އިސް ބައެއް އެހެން އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ހިނގައިލުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު މަލީހު ވިދާޅުވީ، ޒުވާން އާބާދީގެ ތެރޭގައި އެޗްއައިވީ ފެތުރެމުން ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެޗްއައިވީއާ ބެހޭ މައުލޫމާތު ހޯދައި އެކަމަށް ރައްކާތެރިކުރުވުމުގެ ފިޔަވަޅުތައް އެޅުމަށް އަވަސްވެގަތުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

" ... މިކަމަށް ރައްކާތެރިކުރުވުމުގެ ފިޔަވަޅުތައް އެޅުމަށް އަވަސްވެގަތުމަށް އަޅުގަނޑު އިލްތިމާސްކުރަން. އަދި ހާއްސަކޮށް ޒުވާނުންނަށް އަމާޒުކޮށްގެން، ހިދުމަތްދޭ ފަރާތްތަކުން ވީހާވެސް ބޮޑަށް ޒުވާނުންނަށް އެކުދިންނާ ރައްޓެހި އަދި އުމުރާއި ޖިންސާއި ގުޅޭ ގޮތަށް ހިދުމަތް ދިނުމަށް ވެސް އަޅުގަނޑު އިލްތިމާސްކުރަން،" މަލީހު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު