ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަނބުރާ ފޮނުއްވާލެއްވުމުން އެ ބިލް އިތުރަށް ދިރާސާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއިން ނިންމިގޮތަށް އެ ބިލް ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލް ފާސްކުރަން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލަށް ކޮމެޓީން ބޮޑެތި ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ.
ބިލް އަނބުރާ ފޮނުއްވި ސަބަބުތައް ބަޔާންކުރައްވައި ރައީސް އަބްދުﷲ ޔާމިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އެ ބިލް ސަރުކާރުން ހުށަހެޅީ ގާނޫނު އަސާސީގައި އުނގެނުމުގެ ހައްގު ބަޔާންކުރާ 36 ވަނަ މާއްދާގައި ބުނާ މިންވަރަށް، އުނގެނުމުގެ ފުރުސަތު ދައުލަތުން ފޯރުކޮށްދިނުން ލާޒިމު ކަމަށް ކުޑަކުދިންގެ ގާނޫނުގައި ވެސް ހިމެނުމަށް ކަމަށެވެ. ނަމަވެސް ބިލް ކުރިން ފާސްވެގެން ދިޔައީ އެގޮތަކަށް ނޫން ކަމަށް އެ މަނިކުފާނުގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށް ތައުލީމު ހިލޭ ފޯރުކޮށްދޭން ދައުލަތަށް ލާޒިމުވަނީ ދިވެހި ކުދިންނަށް އެކަނި ކަމަށް ބިލުގައި އޮތުމަކީ ތައާރުޒުވުމެއް ކަމަށް ރައީސް ޔާމިންގެ އެ ސިޓީފުޅުގައިވެ އެވެ. އެއީ ގާނޫނު އަސާސީ އާއި އެހެން ބައެއް ގާނޫނުތަކާއި އަދި ރާއްޖޭން ބައިވެރިވެފައިވާ ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާއާ ފުށޫއަރާ ކަމެއް ކަމަށް ވެސް ފާހަގަކުރައްވަ އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނެވެ.