ދައުލަތާއި އާޒިމާގެ މެޗްތައް
ހުރިހާ މެޗެއްގެ ނަތީޖާ އެނބުރުނީ ބާ ބަންޑާރަ ނައިބުގެ ކޮޅަށް

ކުރީގެ ސަރުކާރު ނިމުމާއެކު އެ ސަރުކާރުގެ ވަޒީރުންގެ ނަންތައް ފަނޑުވެއްޖެ އެވެ. ނަމަވެސް ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަ ނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލާ އައިޝަތު އާޒިމާގެ ނަން ހައްތާ ދަނީ ވިދަމުންނެވެ. ގާނޫނީ ދާއިރާގަ އެވެ. ޝަރުއީ ދާއިރާގަ އެވެ. އާ ސަރުކާރާއެކު އަބަދުމެ ފެންމަތިވަމުން އަންނަ ބޮޑެތި ދުސްތޫރީ މައްސަލަތަކުގައި އެންމެ "ގަދަ" ފަރާތަކީ އާޒިމާ އެވެ. ސަރުކާރުން، ދައުލަތުން އުފައްދާ ކޮންމެ ދޫސްތޫރީ މައްސަލައެއްގައި އޭނާ ކޯޓުން ނުކުމެ ވަޑައިގަންނަވަނީ މޮޅުވުމަކައިގެނެވެ. ކުރީ ސަރުކާރުގެ ބަންޑާރަ ނައިބު ގެންދަވަނީ ކޮންމެ މައްސަލައެއްގައި އާސަރުކާރު ބަންޑާރަ ނައިބު ބަލިކުރައްވަމުންނެވެ. އެ ސަބަބާހެދި ބައެއް މީހުން ސިފަ ކުރަނީ މިދިއަ އަހަރުގެ "އަހަރުގެ ޝަހުސިއްޔަތަކީ" އާޒިމާ ކަމަށެވެ. ތިރީގައި މިވަނީ ސަން އޮންލައިންގެ ހައްވާ ލުބްނާއަށް އާޒިމާ ދެއްވި ޚާއްސަ އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.

މިއަދު އާޒިމާ ސިފަކުރެވިފައިވަނީ ރާއްޖޭގައި ހުންނެވި ދައުލަތާ ދެކޮޅަށް އެންމެ ގަދައަށް ވަކަލާތުކުރައްވާ، އަދި ގިނަ ކޭސްތައް ކާމިޔާބުކުރެއްވި ޤާނޫނީ ވަކީލާގެ ގޮތުގައި. ކޮބައިތޯ އެ ކާމިޔާބީގެ ސިއްރަކީ؟

އަސްލު ރިޕޯޓުކުރެވެނީ ދައުލަތާ ދެކޮޅަށް. ކޯޓުތަކުގައި ހަމަ ހުރިހާ ވަރިކައިވެނީގެ މައްސަލަތައް، ހަޟާނާތުގެ މައްސަލަތަކުގައާއި އަދި ކުންފުނިތަކުގެ އަދި ވަރަށް މަދުން ޖިނާއީ މައްސަލަތަކުގަ އަދި ވަރަށް ގިނައިން އެކިއެކި ކުންފުނިތަކުގެ ދަރަނީގެ މައްސަލަތަކުގައި އަޅުގަނޑު ވަކާލާތުކުރަން. އެކަމަކު ރިޕޯޓުކުރެވޭނީ ހަމަ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ މައްސަލަތައް ކަމަށްވާތީ އެ އެއްޗެހި މީޑިއާގައި ދަނީ. ޕްރެކްޓިސް އަށް އަޅުގަނޑުގެ އޮފީސް އަވަންޓް ގާޑް ލޯޔާސް ހުޅުވީ، ޑިސެމްބަރ 3، 2008 ގައި. އެއީ ސަރުކާރު ބަދަލުވެގެން ދެ ހަފްތާއެއްވަރުވާނީ. އޭރުއްސުރެ މިހާތަނަށް ވަކާލާތުކުރެވުނުއިރު އެންމެ ކޭސް އަކުން ބަލިވީ. އަސްލު ކޮންމެ މައްސަލައެއް ވިޔަސް، ކިތަންމެ އާދައިގެ މައްސަލައެއްވިޔަސް އަދި ބޮޑު މައްސަލައެއްވިޔަސް މިތާނގަ އަޅުގަނޑު އެކަންޏެއް ނޫން މަސައްކަތް ކުރަނީ. އަދި އަމުދުން ބޮޑެތި މައްސަލަތަކުގައި ހަމަ ހުރިހާ ލޯޔަރުންނާ ޓްރެއިނީ ލޯޔަރުން އެކުގައި ތިބެގެން ޑިސްކަސް ކުރާނީ. ކޭސް ފޯމިއުލޭޓްކުރާނީވެސް ވަރަށް ގިނައިން އެކުގައި. އެކަމަކު މިއީ އަމިއްލަ ނޫނީ އަޅުގަނޑުގެ އެކަނި މަސައްކަތެއް ނޫން. ވަކާލާތުކުރައްވާއިރުގައި ވެސް އަޅުގަނޑުގެ ޖޫނިއާ ލޯޔަރުން ޤާނޫނީ ފޮތްބައި ހުޅުވައި މަސައްކަތްކުރައްވާތަން ފެނިވަޑައިގަންނަވާނެ. އެހެންވެ، މީ ޓީމް މަސައްކަތެއް. ކޮންމެ މައްސަލައެއް ވިން ވިޔަސް އަޅުގަނޑުމެން އުފާކުރަން. ހުރިހާ ކޭސްތަކެއް ކާމިޔާބުކުރަމަކީ އަޅުގަނޑުމެންނަށް މުހިންމުކަމެއް. އެހެންވެ، ކޮންމެ އަޑުއެހުމަކަށް އަޅުގަނޑުމެން ވަކި މީޓިން ބާއްވާ، ތައްޔާރުވަން.

ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ގިނަ މައްސަލަތަކުގައި ދައުލަތާ ދެކޮޅަށް ވަކާލާތުކުރައްވަނީ ވަކި އިންޓްރެސްޓެއް ހުންނަވާތީތޯ؟

ނޫން. އަޅުގަނޑުގެ ޕާސަނަލް އިންޓްރެސްޓެއް ނެތް ސަރުކާރާ ދެކޮޅަށް ވަކާލާތުކުރަން. އެކަމަކު އަޅުގަނޑުގެ ޕާސަނަލް އިންޓްރެސްޓެއް އެބަ އޮތް ޤާނޫނު އަސާސީ ނެގެހެއްޓުމަށް. އެ ޤާނޫނު އަސާސީއާ އޭގެ ހުރި އުސޫލުތަކާއި، ޑިމޮކްރެސީގައި އޭގެ ފަހުން އުފެދުނު މުއައްސަސާތަކާއި، އެ މުއައްސަސާތަކަށް ބޭނުންވާ މިނިވަންކަމާއި، އެ އެއްޗެހިތައް ނެގެހެއްޓުމައި ހަމަ ޕާސަނަލް އިންޓްރެސްޓެއް އެބައޮތް. އަނެއްކާ ގާތްގަނޑަކަށް މިދިޔަ ހުރިހާ ދުސްތޫރީ މައްސަލަތަކެއް ހުންނާނީ ހަމަ ހިލޭ ސާބަހަށް ކޮށްދީފައިވެސް. ސިޔާސީގޮތުން ފާހަގަކޮށްލެވޭ، ނޫނީ ދުސްތޫރީ ނިޒާމް ނަގާ ކޮޅަށް ޖެހުމުގައި ހަމަ ޔަގީނުންވެސް އަޅުގަނޑުގެ އިންޓްރެސްޓެއް އެބައޮތް. އެއީ ޑިމޮކްރެސީ ހިފެހެއްޓުމަށް އޮތް އިންޓްރެސްޓެއް. ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ސިޔާދަތު ހިފެހެއްޓުމުގައި އޮތް އިންޓްރެސްޓެއް. އެހެންނޫނީ މި ސަރުކާރާ ދެކޮޅަށް ކޯޓުތަކުގައި ވަކާލާތުކުރުމުގެ ޝައުގުވެރިކަމެއް ނެތް. ފަސޭހައެއްވެސް ނޫން. އަނެއްހެން ބަލާއިރު ވަރަށް ގިނަ މީހުން ޓާގެޓްވެސް ކުރޭ އެ މަސައްކަތް ކުރާތީވެ. އަދި މުވައްޒަފުންގެ ވެސް ވަރަށް ގިނަ ވަގުތެއް، އޮފީހުގެ ވަރަށް ބޮޑު ޚަރަދެއް ހިނގާ އެ މަސައްކަތަށް. އެކަމަކު ރިފޯމް އެޖެންޑާއާއި ޤާނޫނު އަސާސީއާއި ޤާނޫނުތައް ބަދަލުކުރުމުގުއާއި، ޑިމޮކްރެސީ ހަރުދަނާކުރުމުގައި އެންމެ އިސް ދައުރެއް ކުޅެފައި، އެންމެ ގިނަ މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑެއް ނުހުންނާނަން މިހެން ބަލަހައްޓައިގެނެއް މިހެން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދާއިރު.

ތިވިދާޅުވަނީ ސަރުކާރުން ޤާނޫނުތަކަށް ބޯނުލަނބައޭ އެހެންނޫންތޯ؟ ކޮބައިތޯ އާޒިމާ ދެކެވަޑައިގަންނަވާ ގޮތަކީ؟

އަޅުގަނޑަށް ހީވަނީ އެމީހަކު ދެކޭ ގޮތެއް މެޓާއެއް ނުކުރާހެން މިހާރު. އެއަށްވުރެ މާ ގިނަ ހުކުމްތަކެއް ސަރުކާރާ ދެކޮޅަށް ނުކުމެއްޖޭ. ސަރުކާރުން ކުރައްވާ ކޮންމެ ކަމެއް އަޅުގަނޑުމެން މިހެން ތިބެފައި ހަމަ ޗެލެންޖުކުރަން ކުރަނީކީއެއް ނޫން. ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅު ހަދާ ބަޔަކުވެސް ތިބެދާނެ. އެކަމަކު އެހެން ޗެލެންޖުކުރާ މީހެއް ނޫން އަޅުގަނޑަކީ ގައިމުވެސް. އޭގެ ހެތްކެއް ސަރުކާރާ ދެކޮޅަށް ނެގި ހުރިހާ ކޭސް އެއް ކާމިޔާބުކުރިކަން އެއީ. ޤާނޫނު އަސާސީ ]ސަރުކާރަށް[ އެނގިވަޑައި ނުގަންނަވަނީކަން އަޅުގަނޑަށް އުނދަގޫ ގަބޫލުކުރަން. އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންނާ އެއްވަރަށް ތައުލީމު ހާސިލުކުރައްވައިގެން ތިއްބެވި ބޭފުޅުން އެތަނުގައިވެސް އެތިއްބެވީ. ސަރުކާރު ޖަވާބުދާރީކުރުމުގެ ދައުރު ރައްޔިތުންގެ މަޖިލީހަށް އޮތަސް މިފެންނަނީ ޝަރީއަތަށް ގޮސްގެން އެކަނި ޖަވާބުކުރުވޭތަން. އޭގެ ވަރަށް ބޮޑު ދައުރެއް އޮންނާނެ އަޅުގަނޑަށް އެކަނިވެސް މިދިޔަ ދެ އަހަރު ތެރޭ ކުރެވިފައި. އެއީ ހަމަ ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ނެގެހެއްޓުމަށްޓަކައި ކުރެވިފައި ހުރި މަސައްކަތް.

ޝަރުއީ ދާއިރާ ނޫން އެހެން ދާއިރާއަކުން ނުވަތަ މިނިވަން މުއައްސަސާތަކުން ސަރުކާރު ޒިންމާދާރު ކުރުވަން ކޮން މަސައްކަތެއްތޯ ކުރެވޭނީ؟

ކޮން މަސައްކަތެއްތޯ ކުރެވޭނީ. ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތް އަޅުގަނޑުމެންނަށް މިއޮތީ ފެންނަން. މަޖިލީހުން ޤާނޫނެއް ފާސްކުރިޔަސް ސަރުކާރުން ބޭނުންނޫނިއްޔާ، ޝަރުއީ ހުކުމެއް ނާންނަނީސް އެވެސް އޮންނަނީ ތަންފީޒު ނުވެ. ދެން ހުންނާނެ މުއައްސަސާތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން ކަހަލަ ތަންތަން. މިއިން އެއްވެސް ތަނަކުން ނިންމުމެއް ނިންމިޔަސް ސަރުކާރަށް މުހިންމުވާ ހެނެއް ހިޔެއް ނުވޭ. އެހެންވެ ހަމައެކަނި މި ފެންނަނީ ޝަރުއީ ހުކުމެއް ކުރިއްޔާ ނޫނީ ސަރުކާރުން އެއަށް އިޖާބައެއް ނުދެއްވާތަން.

އެހެންވެ، އެއީ ޝަރުއީ ނިޒާމަށް އޮތް ކިހާވަރެއްގެ ބުރައެއްތޯ؟

އެއީ ސަރުކާރާ ހެދި ޝަރުއީ ނިޒާމުން އުފުލަންޖެހޭ އަންނެސެސަރީ ]ބޭކާރު[ ބުރައެއް. އެއީ ޝަރުއީ ނިޒާމުން އުފުލަން ނުޖެހޭ ބުރައެއް. އަދި ޤާނޫނާ އެއްގޮތަށް ސަރުކާރުން އުޅޭނަމަ މިހާ ހައްސާސް، މިހާ އުނދަގޫ، މިހާ ބޮޑެތި މައްސަލަތަކެއް ދުވާލު ދެއިރަކު ފަނޑިޔާރުން ބައްލަވާކަށް ނުޖެހޭނެ. އަދި ޑިމޮކްރެސީގެ މިހާ ޅަފަތުގައި، އަދި ފަނޑިޔާރުންވެސް އެކުގައި ދާއިމީވެ ނުނިމިގެން މިއުޅެނީ، މިސާލަކަށް ހައިކޯޓަށް ފަނޑިޔާރުން އަދި އައްޔަންވެސް ނުކުރެވޭ، މިހެން މިކަން އޮއްވާ މިއިން ކޮންމެ ކަމެއްގެ ބުރަ ނުވަތަ ހައްސާސް ސިޔާސީ ކޮންމެ މައްސަލައެއް ފަނޑިޔާރުގެއިން ނިންމަން ފޮނުވުމަކީ ވަރަށް ބޭކާރު ކަމެއް. އަދި އެއީ ޝަރުއީ ދާއިރާއަށް ދެވޭ ބޭނުން ނޫން ބުރަ އެއް. ޕޮއިންޓަކީ މިއިން ކޮންމެ މައްސަލައެއް ޝަރީއަތުން، ނޫނިއްޔާ ފަނޑިޔާރެއްގެ މުގުރު ސަރުކާރާ ދިމާނުވެއްޖެއްޔާ ދެން ހަމަދަނީ ދާނެ ގޮތަކަށް. އެހެން ދައުލަތެއް ނުހިނގާނެ. އެހެން ޑިމޮކްރެސީއެއް ނުހިނގާނެ. ޑިމޮކްރެސީ ފެއިލްވަމުންދާތަން ފެންނަންޏާ އެ ފެންނަނީ ޤާނޫނު އަސާސީއާއި ޤާނޫނުން ބޭރުން ގައުމުގައި އިސްކޮށް ތިއްބެވި ބޭފުޅުން އުޅުއްވާތީވެ.

ކޮން ބައެއްތޯ މިކަމުގައި ޒިންމާ ނަގަންޖެހޭނީ؟

އެކަން ކުރާ ފަރާތަކުން ނުންތޯ. އެނޫން ކޮންބަޔެއް. އާއްމު ރައްޔިތުން ޒިންމާ ނަގަންވެއްޖެއްޔާ އެއީ ބޮޑުވަރު. އަޅުގަނޑަށް ހީވަނީ މީގަ ގެއްލިގެން އުޅޭ އެއްޗަކީ ސަރުކާރު މުއައްސަސާއެއް ގޮތުގައި މާނަކޮށްފައި، ސަރުކާރުން ޒިންމާ ނަގަނީއޭ ބުނީމަ ސަރުކާރުގައި ތިބޭ މީހުންގެ ފަރުދީ ޒިންމާގެ މަތިން އަޅުގަނޑުމެން ހަނދާން ނެތެނީހެން. އަޅުގަނޑަށް ހީވަނީ އެޔެއް ރަނގަޅެއް ނޫންހެން. މިސާލަކަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވި މައްސަލައިގަ، މަޖިލީހުން ރުހުން ނުދިނީމަ އޮފީހަށް ނުކުމެވަޑައިގެން ތިއްބެވި މައްސަލައިގަ ހަމަ ވަރަށް ބޮޑަށް ހުރިހާ ބޭފުޅުން ވެސް ވިދާޅުވަމުން ގެންދިޔަ މިގޮތަށް ކަންތައް ކުރައްވަނީ ބަންޑާރަ ނައިބު ވިދާޅުވާތީއޭ. އެކަމަކު އަޅުގަނޑުގެ ވާހަކައަކީ ސަރުކާރުން އެކުއެކީގައި ނިންމުންތަކެއް ނިންމިޔަސް ފަރުދީ ޒިންމާތަކެއް ވެސް މިއިން ކޮންމެ ބޭފުޅެއްގެ ހުރެއޭ. އެހެންވީމަ ޤާނޫނާ ޚިލާފަށް ކަމެއް ކުރައްވައިފި ކަމަށް ވަންޏާ ފަރުދީ ޒިންމާތަކަކާ މުއައްސަސާތަކުގެ ފެންވަރުގަ ނަގަން ޖެހޭ ޒިންމާތަކެއް ހުންނާނެ. އެހެންވެ ޒިންމާ ނަގަންޖެހޭނީ ސަރުކާރުންތޯ، ރައީސް އޮފީހުންތޯ ނޫނީ ޤާނޫނީ ލަފާ ދެއްވާ ބޭފުޅަކުތޯ، މިއީ ވަރަށް އެހެން ކަހަލަ ސުވާލެއް. މިހާރު އަޅުގަނޑުމެން ތެރޭގައި ޤާނޫނާ ޚިލާފަށް އާއްމު ރައްޔިތަކު ކަމެއް ކޮށްފިއްޔާ އޭނަގެ މައްޗަށް ދައުވާވެސް ކުރެވޭ. ހަމަ ވަރަށް ކުދިކުދި ކަންތައްތަކުގަ ޕީޖީ އޮފީހުން މީހުންގެ މައްޗަށް ދައުވާކުރީމަ ޚުދު އަޅުގަނޑުވެސް ދަން ދިފާއުކުރަން. ކުށެއް ކޮށްފިއްޔާ ދައުވާ ކުރަން ޖެހޭނެ. އެކަމަކު އެއަށްވުރެ ބޮޑެތި މިންގަނޑުތަކުން ކަނޑައެޅިގެން ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ހުރި ކަންތައްތަކާއި އަދި ދައުލަތުގެ މުއައްސަސާތަކުން ޤާނޫނާ ޚިލާފަށް ނުކުރާށޭ އެންގެވީމަ ކަނޑައެޅިގެން ކުރާ ކަންތައްތަކާ ބެހޭ ގޮތުން ދައުވާ ނުއުފުލަންޏާ، އެކަން ތަހުގީގުނުކުރެވެންޏާ ޤާނޫނުގެ އަމުރެއް ނުހިނގާނެ. މިހާރު އަޅުގަނޑުމެން ކިތައް ދައުވާތޯ އުފުލިގެން މިދަނީ އާއްމު މީހުންގެ މައްޗަށް ޖިނާއީ ކުދިކުދި ކަންކަމުގައި. މިއަށްވުރެ ބޮޑެތި ކަންކަން ހިނގައިގެން މިދަނީ އަޅުގަނޑުމެންގެ ކުރީމަތީގައި ރޯމަރަދުވާލު. އާއްމު ރައްޔިތުންގެ މައްޗަށް ދައުވާ ކުރެވޭ ފަދައިން މުއައްސަސާތަކުން ޤާނޫނާ ޚިލާފަށް ކަންތައް ކުރީމަ ދައުވާ ކުރެވެން ޖެހޭނެ. ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް މިނިވަން ކޮށްފައި އެއޮތީ ކަމެއް ނުވެގެނެއް ނޫން. އަނެއްކާ ފުލުހުންގެ ތަހުގީގުތަކުގެ މައްޗަށް ޕީޖީގެ ބާރުތަކެއް ލާފަ އެ އޮތީ ވެސް މިނިވަންކަމާއެކު އެކަން ކުރުމަށްޓަކައި. އެހެންވީމަ ފުލުހުންވެސް އެ ތަހުގީގުކޮށްދެއްވަނީކީ ނޫން. ޕީޖީ އޮފީހުން ވެސް އެކަން ބައްލަވަނީކީއެއް ނޫން. ދައުވާއެއްވެސް ކުރަނީކީ ނޫން. އަޅުގަނޑުމެންގެ 18 އަހަރުގެ ދަރިޔަކު ކަމެއް ކުރީމަ އޭނަގެ މައްޗަށް ދައުވާކުރަނީ. އެއަށް ވުރެ ބޮޑެތި ކަންތައް މުޅި ދައުލަތުގެ ފައިސާއާއި ރައްޔިތުންގެ ހައްގު ހިފަހައްޓަން ހުވާކޮށްގެން ތިބި މީހުން ޤާނޫނާ ޚިލާފަށް އުޅުނަސް އަޅާލާނެ ބަޔަކު ތިބެނީކީއެއް ނޫން. ހަމަހަމަކަމާއި އިންސާފާ އެކީގައި މިނިވަން މުސްތަގިއްލު މުއައްސަސާތަކުން ވެސް މަސައްކަތްކޮށްގެން މިކަން ކުރެވޭނީ.

އާޒިމާ ވަނީ ދައުލަތުގެ ބަންޑާރަ ނައިބުކުރަން ކުރައްވައިފަ. ވިދާޅުވެދެއްވަފާނަންތޯ ޤާނޫނު އަސާސީއާ ޤާނޫނުތަކާ ޚިލާފަށް އަމަލުކުރާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ސަރުކާރުގެ ބޮލުގައި އެޅުވެމުންދާއިރު، އެކަމުގައި ސަރުކާރުގެ ބަންޑާރަ ނައިބުގެ އޮތް ޒިންމާ؟

ބަންޑާރަ ނައިބަކީ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ އެއީ މުޅި ދައުލަތުގެ ޗީފް ލީގަލް އޮފިސާ. އެއިކީއެއް ސަރުކާރުގެ ބަންޑާރަ ނައިބެއް ނޫން. ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ކަނޑައެޅިގެން އޮންނާނެ ބަންޑާރަ ނައިބު ޤާނޫނުއަސާސީއާއި ޤާނޫނު ފިޔަވައި އެހެން އެއްޗެކަށް އަމަލުކޮށްގެން ނުވާނެ ކަމާއި އެހެންމީހެއްގެ ނުފޫޒަށް ބޯލަނބައިގެން ނުވާނެ ކަން. އެހެންވެ ބަންޑާރަ ނައިބަކަށް ދައުލަތުގައި މިހިރަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރެވިދާނެ. ބަންޑާރަ ނައިބެއްގެ ވަޒީފާ އަދާކޮށްފައި ހުރި މީހެއް އަޅުގަނޑަކީ. އެހެންވެ އަޅުގަނޑަށް ރަނގަޅަށް އެނގޭ ބަންޑާރަ ނައިބަކަށް އެކަންކަން ރަނގަޅު ކުރުމަށް ކިތަންމެ ކަންތައްތަކެއް ހުންނާނެކަން. އަނެއްކާ ފަނޑިޔާރުގެއަށްވިޔަސް، ރައްޔިތުންގެ މަޖިލީހަށްވިޔަސް މިނިވަން މުއައްސަސާތަކަށްވިޔަސް، ސަރުކާރާ ގުޅުވައިދޭނެ ފޯކަލް ޕޮއިންޓަކީ ބަންޑާރަ ނައިބު. ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އެކަން ހިނގަނީ އެހެން. ބަންޑާރަ ނައިބުގެ އުސޫލުތަކެއް ހުންނާނެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގައި ބަންޑާރަ ނައިބު ސިޔާސީ ބޭފުޅަކަށް ވެގެން އުޅުއްވާތަން. އަޅުގަނޑުމެންނަށް މި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތީސްވެސް މަގާމުގައި ހުންނަވާނަމޭ ވިދާޅުވެފައި، ސުޕްރީމް ކޯޓުން އެ މައްސަލައިގައި ހުކުމް ކުރެއްވުމުންވެސް، އެއާ ޖެހިގެން އޮތް މައްސަލައަށް ވެސް ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ވަދެވަޑައިގެންނެވިތަން. އޭގެ އަނެއްދުވަހު ހަމަ އެ ހުވާ ކުރެއްވިތަން ވެސް އަޅުގަނޑުމެން ދުށިން. ކިހާވަރަކަށްތޯ ހެޔޮ ނިޔަތް މީގަ އޮތީ؟ ކިހާވަރަކަށްތޯ ޤާނޫނުގެ އިންތައް މުގުރާލުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް، މިސާލަކަށް ކުޑަކޮށް ދަމާލާ، މިހެން ބާގަނޑެއް އޮތިއްޔާ ފުޅާކޮށްލާ، އެއީކީ ބަންޑާރަ ނައިބަކު އުޅުއްވަންވާނެ ގޮތެއް ނޫން. އާދައިގެ މީހުން އެހެން އުޅުނަކަސް ދައުލަތުގެ ބަންޑާރަ ނައިބަކަށްވީމަ އެއަށްވުރެ ހެޔޮވިސްނުން ގެންގުޅުއްވަންވާނެ. އެހެންވެ ބަންޑާރަ ނައިބަކަށް ބަންޑާރަ ނައިބުގެ ދައުރު އަދާކުރެއްވޭނެ ކަމަކަށް ގަބޫލުކުރާ މީހުން މަދުވާނެ މިހާރު މިގައުމުގައި.

އެހެންވީމަ، ޑރ.އަހްމަދު އަލީ ސަވާދު ބަންޑާރަ ނައިބަކަށް ނުހުންނެވޭނެތޯ ތި ވިދާޅުވަނީ؟

އަޅުގަނޑު ގަބޫލުކޮށްގެންނެއް ނޫން އެތަނުގައި ޑރ.ސަވާދު ހުންނަވަނީކީ. އެހެންވެ އެ ސުވާލެއް ނުނުކުމޭ އެއްގޮތަކަށް ވެސް.

ޝަރުއީ ދާއިރާ ނެގެހެއްޓުމަށް މިހާރު ކުރަން ޖެހިފައި ހުރި މަސައްކަތްތަކަކީ ކޮބައިތޯ؟

އަޅުގަނޑަށް ހީވަނީ ޝަރުއީ ދާއިރާ ތަރައްގީކުރުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަޖެހޭހެން. އަޅުގަނޑު އާއްމުކޮށް ވަކާލާތުކުރާ ދަށު ކޯޓުތަކަށް މިވަނީ މިހާރު ވެސް ވަރަށް ބޮޑެތި ތަރައްގީތަކެއް އައިސްފައި. އެކަމަކު ހައިކޯޓުގެ ތަރައްގީއަށް އަދި ފުރުސަތު ނުލިބި މިދަނީ ހައިކޯޓުގެ ފަނޑިޔާރުން އައްޔަންނުކުރެވޭތީ މުޅިން. އެހެންނަމަވެސް، ސުޕްރީމް ކޯޓަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފި. އަދި މިއާ ގުޅިލާމެހިގެންވެސް އަންނަންޖެހޭ ގިނަ ބަދަލުތަކެއް އެބަހުރި. އެހެންނަމަވެސް، ޤާނޫނު އަސާސީ އެކުލަވާލުވުނިއިރުވެސް ވަރަށް ބޮޑަށް ޓެކްނިކަލް މީހުންގެ ތެރޭ، ޤާނޫނީ ވަކީލުންގެ ތެރޭ ވަރަށް ބޮޑަށް ދެކެވުނު ވާހަކައެއް އުއްތަމަ ފަނޑިޔާރުގެ ފުރިހަމަ ބާރުތައް ޤާނޫނީ އޮނިގަނޑުގެ ތެރެއަށް ނުދޭ ވާހަކަ. މިސާލަކަށް ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ފަނޑިޔާރުންގެ ހުރިހާ ކަމެއް ބަލަހައްޓާ ތަނަށް ވާއިރު އެތަނުގައި އުއްތަމަ ފަނޑިޔާރެއް ނެތް. އަދި އަޅުގަނޑު ދެކޭ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން ތެރޭ ޖެހޭ ވަރަށް ގިނަ މައްސަލަތަކުގެ އަސްލަކަށްވެސް ވާނެ ކަމަށް އަޅުގަނޑު ދެކެން އެކޮމިޝަނުގައި ޖޭއެސްސީގެ ރެޕްރެސެންޓޭޝަން އޮތް ގޮތް. އެތަނަށް ބަލައިފިކަމަށްވަންޏާ ޖޭއެސްސީގައި ދިހަ ބޭފުޅުން ތިއްބެވިއިރު، ޖުޑީޝަރީގެ އެންމެ ތިންބޭފުޅުން މި ތިއްބަވަނީ. އަނެއްކޮޅުން އޭގެ ތެރޭގައި ޖުޑީޝަރީގެ ހެޑެއް ނެތް. އެއްވެސް ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން މިއޮތީކީއެއް ފަނޑިޔާރުންގެ މިނިވަންކަމާއި ފަނޑިޔާރުގެ ތަރައްގީކުރުމަށްޓަކައި މަގުފަހިވާ ގޮތަކަށް ނޫން.

ދަޒ
ގުޅޭ ޓެގު
comment ކޮމެންޓް