އަރްމީނިއާ ރޮށި، ޔުނެސްކޯގެ "އިންޓޭންޖިބަލް ކަލްޗަރަލް ހެރިޓޭޖް" ލިސްޓުގައި ހިމަނައިފި

ޔުނެސްކޯގެ "އިންޓޭންޖިބަލް ކަލްޗަރަލް ހެރިޓޭޖް" ލިސްޓުގައި އަރްމީނިއާގެ "ލަވާޝް" (ތުނިކޮށް މަޑުކޮށް ހަދާފައި ހުންނަ ރޮއްޓެއް) ހިމަނައިފި އެވެ.

ދަ މޮސްކޯ ޓައިމްސްއިން ބުނިގޮތުގައި އަރުމޭނިއާގައި އުފައްދާ "ލަވާޝް" ޔުނެސްކޯގެ "އިންޓޭންޖިބަލް ކަލްޗަރަލް ހެރިޓޭޖް" ލިސްޓުގައި ހިމަނާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. "އިންޓޭންޖިބަލް ކަލްޗަރަލް ހެރިޓޭޖް" އަކީ ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ބޭނުންކުރާ އެންމެ މުހިންމު އަދި ބަދަލެއް ނުގެނެވޭނެ ފަދަ ސަގާފީ ކަންކަމާއި ތަކެތި އެކުލަވާލައި ޔުނެސްކޯއިން ހަދާފައިވާ ލިސްޓެކެވެ.

ލަވާޝް ނުވަތަ "އަރްމީނިއަން ފްލެޓް ބްރެޑް" އަކީ އަރުމީނިއާގެ ކޮންމެ ގެއެއްގައި ވެސް ކެއުމުގައި ބޭނުންކުރާ އެއްޗެކެވެ. މަޑުކޮށް، ތުނިކޮށް، ފަތާކޮށް ހަދާފައި ހުންނަ އެ ރޮއްޓަކީ އަރުމީނިއާގެ ތިން މިލިއަނެއްހާ މީހުންގެ އިތުރުން އިރާނާއި ތުރުކީގައި ވެސް މަގުބޫލު ކަން ހޯދާފައިވާ އެއްޗެކެވެ.

ޔުނެސްކޯގެ ވެބްސައިޓުގައި ބުނެފައިވާގޮތުން "ލަވާޝް" އަކީ އަރުމީނިއާގެ ސަގާފަތް ދައްކާދައިދޭ އެއްޗެކެވެ. އަދި އެރޮށި ހެދުމަށް ގިނަ ދުވަހުގެ ތަޖުރިބާއާއި، ބުރަ މަސައްކަތްތާއި އެކަމަށް ހާއްސަ ހުނަރެއް ވެސް ބޭނުންވާ ކަމަށެވެ. އެރޮށި ހެދުމުގައި ހޭދަވާ ވަގުތަކީ އަރުމޭނިއާގެ ހުރިހާ އާއިލާއެއްގެ މެދުގައި އާއި މުޅި މުޖުތަމައުގެ ގުޅުން އިތުރަށް ވަރުގަދަ ކޮށްދޭ ވަގުތެއް ކަމަށް ވެސް ޔުނެސްކޯގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ޔުނެސްކޯގެ "އިންޓޭންޖިބަލް ކަލްޗަރަލް ހެރިޓޭޖް" ލިސްޓަކީ 2008 ވަނަ އަހަރު އުފައްދާފައިވާ ލިސްޓެކެވެ. އެލިސްޓުގައި އެންމެ ގިނަ ކަންކަން ހިމަނާފައިވާ ގައުމަކީ ޗައިނާ ކަމަށާއި އެގައުމުގެ ސަގާފަތާއި ގުޅުންހުރި ތަފާތު 38 ކަމެއް ހިމަނާފައިވާ ކަމަށްވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު