އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ދިވެހި ސަރުކާރުގެ ބާރުވެރިކަމުގެ ދަށުގައި އޮތުމަކީ ދިވެހިންގެ ރައްކާތެރިކަމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު ހުށަހެޅުއްވި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ސަރުކާރުގެ ބެލުމުގެދަށުގައި އެއާޕޯޓު އޮތުމަކީ މުހިއްމު ކަމަކަށްވާއިރު އެކަންތައް ކުރަން ބޮޑު ހަރަދެއް ކުރަން ޖެހުނު ކަމުގައި ވިޔަސް އެކަންތައް ކުރަން ޖެހޭ ކަމަށެވެ.
"ކިތަންމެ ބޮޑު އަދަދެއްގެ ފައިސާއެއް ދީގެން ނަމަވެސް މި އެއާޕޯޓު ދިވެހި ރައްޔިތުންގެ، ދިވެހި ސަރުކާރުގެ އަތްދޮށުގައި އޮތުމަކީ އަޅުގަނޑުމެންގެ ރައްކާތެރިކަމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް އަޅުގަނޑު ގަބޫލު މިކުރަނީ. އަދި މިކަމުގައި ޑޮކްޓަރު މުހައްމަދު ވަހީދުގެ ސަރުކާރަށާއި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ގާސިމް ވިދާޅުވި އެވެ.
ޓެކްސް ނެގުމުގެ މައުލޫއަށް ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ގްރީން ޓެކްސް ނެގުމަށް ތާއިދު ކުރެއްވި ކަމުގައި ވިޔަސް، ނަގާ ޓެކްސްތަށް ގިނަ ވެއްޖެ ނަމަ ތަކެތި ވިއްކުމުގައި އަގުތައް ބޮޑުވާނެ ކަމަށެވެ.
އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި ވިދާޅުވީ، ޓޫރިޒަމް ބޮއިކޮޓް ކުރުމަށްޓަކައި މަސައްކަތް ކުރާ މީހުންނަށް އަދި އެ ނޫންވެސް ގޮތްގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންދޭ ފަރާތްތަކަށް އަދަބު ދޭން ޖެހޭ ކަމަށެވެ.
"ބައެއް ބޭފުޅުން ރާއްޖެއިން ބޭރުގައި ގޮސް ދައްކާ ވާހަކަތަކާއި ކުރާ ކަންތަކުގެ ސަބަބުން ގެއްލުން ލިބެނީ ޓޫރިޒަމް އިންޑަސްޓްރީއަށް. އެކަންތައް ކުރާ މީހުންނަށް އަދަބު ދޭން އެބަޖެހޭ. މިނޫން ގޮތަކަށް މިކަންތައް ކޮންޓްރޯލް ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މައުރޫފު ވިދާޅުވި އެވެ.
ގްރީން ޓެކްސް ނެގުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާން ވިދާޅުވީ، ރާއްޖޭގައި ގްރީން ޓެކުހެއް ނެގުމުގެ ކުރިން ޔެލޯ ޓެކުހެއް ތައާރަފުކޮށް މީހުންގެ އަތުން އެ ޓެކްސް ނަގަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ގްރީން ޓެކްސް ނެގުމުގެ ކުރިން އޭގެ އިތުރަށް ނަގަން ޖެހޭ ޓެކުހެއް އެބައޮތް. އެއީ ޔެލޯ ޓެކްސް. ޔެލޯ ޓެކުހަކީ ހަގީގަތުގައި ރާއްޖޭގެ ފަތުރުވެރިކަން ފުނޑާލައި، މާތްވެގެންވާ އިސްލާމްދީން ނައްތާލާ އަޅުގަނޑުމެންގެ މަސްވެރިންގެ މަސްތައް ނުވިއްކޭނެ ގޮތް ހަދައި މަހުގެ އަގު ވައްޓައިލާ މީހުންގެ އަތުން ނަގަން ޖެހޭ ޓެކުހެއް،" ޖަމީލު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވަނީ 58 މެމްބަރުން ބައިވެރިވި ވޯޓުން 57 މެމްބަރުގެ ފުރިހަމަ އަޣްލަބިއްޔަތާ އެކު މަޖިލީހުން ފާސްކޮށްފައެވެ.