"ދިރާގު އޮންލައިން ބިލް ޕޭ ޕްރޮމޯޝަން"ގެ ނަމުގައި އެކުންފުނިން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ފުރަތަމަ 50 ނަސީބުވެރިން ހޮވައިފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ، މި ޕްރޮމޯޝަނަށް ހާއްސަ ކުރެވިފައިވާ އެކުންފުނީގެ ވެބްސައިޓް ޕޭޖެއްގައި ނަސީބުވެރިންގެ ނަންތައް މިހާރު ޝާއިރު ކުރެވިފައި ވާނެ ކަމަށެވެ. އަދި ދިރާގުން ނަސީބުވެރި ފަރާތްތަކާ ގުޅައި، އެ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ޕްރޮމޯޝަންގައި މުޅިއެކު 100 ނަސީބުވެރިން ހޮވަން ހަމަޖެހިފައި ވާއިރު، އެ ކުންފުނިން ވަނީ މި ނަސީބުވެރިންގެ މެދުގައި މުޅިއެކު 1،00،000 ރުފިޔާގެ އިނާމެއް ބަހާލައިގެން ދޭގޮތަށް ހަމަޖައްސާފައެވެ.
"މި ޕްރޮމޯޝަންއަކީ އަޅުގަނޑުމެންގެ ވެބްސައިޓް މެދުވެރިކޮށް ބިލް ދައްކަވާ ބޭފުޅުންނަށް ހާއްސަ ޕްރޮމޯޝަނެއް. މި ޕްރޮމޯޝަންގައި 100 ނަސީބުވެރި ފަރާތެއްގެ މެދުގައި 1،00،000 ރުފިޔާ ބަހާލެވިގެން ދާނެ. އެގޮތުން ކޮންމެ ނަސީބުވެރިއަކަށް 1000 ރުފިޔާގެ އަދަދެއް އެބޭފުޅުންގެ ފޯނަށް ޖަމާ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އިމްޖާދު ވިދާޅުވީ، މި ޕްރޮމޯޝަންގެ ބާކީ 50 ނަސީބުވެރިން އަންނަ މަހު 15ގައި ހޮވާނެކަމަށާއި، ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވަފައި ކަމަށެވެ.
"މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ހަމައެކަނި ކުރަންޖެހޭނެ ކަމަކީ އަޅުގަނޑުމެންގެ ވެބްސައިޓް މެދުވެރިކޮށް ބިލް ދެއްކުން. މިއީ ކޮންމެ ބޭފުޅަކަށް ކޮންމެ ވަގުތަކުވެސް ހުޅުވާލެވަފައިވާ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ 16ގައި ދިރާގުން ފާށާފައިވާ މި ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޑިސެންބަރު 15 އާ ހަމައަށެވެ.