ރާއްޖޭގެ އެތެރޭގެ 'ސަލާމަތްތެރިކަން' ފެންނަނީ ރައްޔިތުން އެދޭ ގޮތަކަށް ނޫން: އެމްޑީޕީ

ދިވެހިރާއްޖޭގެ އެތެރޭގެ "ސަލާމަތްތެރިކަން" ނުވަތަ 'އިންޓާނަލް ސެކިއުރިޓީ' ފެންނަނީ ދިވެހި ރައްޔިތުން ހިތް އެދޭ ގޮތަކަށް ނޫން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

ދައުލަތުން އަންނަ އަހަރަށް ކަނޑައަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހުރި "އުނި" ކަންކަން ފާހަގަކޮށް އެމްޑީޕީގެ ގައުމީ ސަލާމަތު ކޮމިޓީން އެޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، ދިފާއީ ބާރުގެ ކެޕިޓަލް 5.8 މިލިއަން ރުފިޔާގައި ހުރި އިރު ކުށްވެރިންގެ ކަންކަމަށް 30 މިލިއަން ރުފިޔާ ކަނޑައެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ދިފާއީ ބާރުގެ ކެޕިޓަލް ޚަރަދުގެ ގޮތުގައި 5.8 މިލިއަން ރުފިޔާގައި ވާއިރު ކުށްވެރިންގެ ކަންކަމަށް ކެޕިޓަލް ޚަރަދެއްގެ ގޮތުގައި 30 މިލިއަން ރުފިޔާ ޚަރަދު ކުރުމަކީ 'ދުނިޔޭގެ ނިސްބަތުން' ވެސް ކަންބޮޑުވާންޖެހޭ ކަމެއް އިނގޭތޯ،" އިބްރާހިމްދީދީ ވިދާޅުވި އެވެ.

ގައުމުގެ ޒުވާނުން މަގުމަތިވެ އާންމު މަސްލަހަތަށާއި އަމަން އަމާން ކަމަށް ނުރައްކަލަކަށް ވެފައިވާކަން އިބްރާހިމްދީދީ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ފެންނަމުން ދަނީ ޒުވާނުންގެ އަހުލާގު ގެއްލި އިހުލާސްތެރިކަމެއް ނެތް މަންޒަރުކަން ކަމަށެވެ.

ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ، އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ހިދުމަތްތައް މިހާރަށްވުރެއް ފުޅާކުރައްވައި މި ގައުމުގެ ސަރަހައްދުގެ މާސިންގާ ކަނޑު ހިމާޔަތް ކުރުމުގެ މަސައްކަތް މިބަޖެޓުން ކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

"ދިވެހި ފުލުހުންނަކީ ސިޔާސީ ފިކުރުން އެއްކިބާވެގެންވާ ހަނގުރާމަކުރަން ނުޖެހޭ ހަނގުރާމަ ކުރުމަށް ނުވިސްނާ ސިވިލް ޕޮލިސް ސާވިސް އެއްގެ ގޮތުގައި ގައުމާއި ރައްޔިތުންނަށް ފަސާދައާއި ނަޒާހާތްތެރިކަމުގެ އަމަލުތަކުން ދުރުވެ ތިބެ ތެދުވެރިކަމާއި އެކު ހިދުމަތް ކުރާ ބަޔަކަށް ވުން އެދެން،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.

އިބްރާހިމް ދީދީ ވިދާޅުވީ، ސަލާމަތީ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ބަޖެޓުން އޭގެ މަންފާއާއި ފައިދާ ލިބޭނެ ބަޖެޓެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު