އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންތައްތަކާ މެދު ގާސިމް ކަންބޮޑުވުން ފާޅުކުރައްވައިފި

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަސް ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންތައްތަކާމެދު މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ބަޖެޓު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ގާސިމް މިއަދު ވިދާޅުވީ، ބައެއް ބާވަތުގެ މުދަލުން ޑިއުޓީ ނަގަން ނިންމާފައިވާ ގޮތުން އެމަނިކުފާނު ކަންބޮޑުވެލައްވާ ކަމަށެވެ. އެގޮތުން ރަނާއި ރަނުގެ ބާވަތުން ނަގާ ޑިއުޑީ 25 ޕަސެންޓުން ސުން ޕަސެންޓަށް ކުޑަކުރުމުން އެމަނިކުފާނު އެކަމާ ސުވާލު އުފައްދެވި އެވެ.

ތެލުގެ ބާވަތްތަކުން ޑިއުޓީ ނަގަން ފެށުމުން އާންމު ދިރިއުޅުމުގެ ހާލަތަށް އޭގެ ނޭދެވޭ އަސަރު ކުރާނޭ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"ރަނުގެ ބާވަތުން ނަގާ ޑިއުޓީ 25 ޕަސެންޓުން ސުން ޕަސެންޓަށް ކުޑަކުރުން އެއީ ކީއްވެގެންބާއޭ އަޅުގަނޑު ހިތަށް އަރާ. އަޅުގަނޑު ހިތަށް އަރާ އެއީ ލަގްޒަރީ އެއްޗެއް ބާއޭ ނޫނީ ކާންބޯން ބޭނުން ކުރާ އެއްޗެއް ބާއޭ. އަޅުގަނޑު ހިތަށް އަރަނީ އެއީ ކޮންބައެއް ރަން ގެންނަން ބޭނުންވާތީ ލިބޭ ފުރުސަތެއް ބާއޭ. ދެން ތެލުގެ ބާވަތުން ޑިއުޓީ ނަގަން ފެއްޓުމުން އާންމު ދިރިއުޅުމުގެ ހާލަތު ބަދަލުވެގެންދާނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާފައިވާ ބައެއް ކަންކަން ދެކޮޅު ނުޖެހޭ ކަމަށެވެ. ޖުމުލަކޮށް މުޅި ބަޖެޓަށް ބަލާއިރު ގާނޫނު އަސީސާގައި ރައްޔިތުންނަށް ކޮށްދޭން ލާޒިމްވާ ކަންތައްތަކެއް އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެހެންނަމަވެސް އޭގެ ބޭރުން އެކަންތައްތަކަށް ރައްޔިތުން އެކަންކަމަށް 'ސަފާ' ކުރަމުން ދަނިކޮށް ގާނޫނު އަސާސީއާ ހިލާފު މިބަޖެޓުގެ އެހެން ދާއިރާތަކަށް ވަރަށް ބޮޑެތި ހަރަދުތަކެއް ހިމަނާފައިވާކަން އަޅުގަނޑު ފާހަގަކުރަން. އެހެންވެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ސަބަބުން އަޅުގަނޑު ވަރަށް ކަންބޮޑުވޭ، " ގާސިމް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ބަލާ އިރު ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން މިހާރު ނަގާ 150 ޕަސެންޓް ޑިއުޓީ 300 ޕަސެންޓަށް ބޮޑު ކުރަން ނިންމާފައިވެ އެވެ. އަދި ކާރުން މިހާރު ނަގާ 100 ޕަސެންޓް ޑިއުޓީ ވެސް 150 ޕަސެންޓަށް ބޮޑުކުރުމަށް ނިންމާފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު