އަބްދުﷲ ގާޒީ ހައްޔަރު ކުރެއްވުމަކީ ހެއްދެވުނު "ގޯހެއް" ކަމަށް ނަޝީދު ވިދާޅުވެއްޖެ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެއްވުމަކީ ހެއްދެވުނު "ގޯހެއް" ކަމަށް ފުރަތަމަ ފަހަރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި އޮތް އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ)ގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިތުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ނިންމަވާ ނިންމެވުންތަކަށް ސިޔާސީ ބޭފުޅުން ކުއްލި ހަރަކާތް ގެނައުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ.

"އަޅުގަނޑު މީގައި ދަންނަވާލަން ބޭނުން އެނގިވަޑައިގަންނަވާނެ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދަކީ ވަރަށް ފުންކޮށް ކަންކަމުގައި ވިސްނަވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑު މިހާރު ދެކެނީ. އެބޭފުޅާ ނިންމަވާ ނިންމުންތަކަށް ސިޔާސީ ބޭފުޅުން ކުއްލި ހަރަކާތް ގެނައުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގައި 22 ދުވަސް ވަންދެން ގިރިފުށީގައި އަބްދުﷲ ގާޒީ ހައްޔަރުކޮށް ގެންގުޅުމަކީ ހެއްދެވުނު ގޯހެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުގެ ސަރުކާރުގައި އަބްދުﷲ މުހައްމަދު ނިންމެވި ނިންމެވުކީ ގައުމީ ސަލާމަތަށް ހެދުނު ގޯހެއްކަމަށް އޭރުގެ ދައުލަތުގެ ބޭފުޅުން ހާއްސަކޮށް މިނިސްޓްރީ އޮފް ޑިފެންސުން ދެކިވަޑައިގެންނެވި. އެއީ އަޅުގަނޑު ދެކޭ ގޮތުގައި ގޯހެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ތިނަދޫގައި ހުޅުޖެހި މައްސަލާގައި ހެކިން ހާޒިރު ކުރަން ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހުށައެޅުމުން ޕްރޮސިކިއުޓާ ޖެނެރެލް އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރުވެވަޑައިއެއް ނުގަންނަވަ އެވެ. އެހެންކަމުން އެ މައްސަލަ އަބްދުﷲ ގާޒީ ބާތިލު ކުރެއްވުމުން އަލުން އެ މައްސަލަ އަނބުރާ ކޯޓަށް ވެއްދުމަކީ ގާނޫނީ ނިޒާމަށް އަދި ކޯޓުތަކުގެ ހުރުމަތް ކެނޑުން ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގެ ތުހުމަތު ކުރެވޭ 89 މީހުންގެ މައްސަލަ މިއަދު އަލުން ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވަނީ އިއްޔެ ވިދާޅުވެފައި އެވެ. ޕީޖީ ވިދާޅުވީ އެ 89 މީހުންގެ މައްސަލަ އަނބުރާ ބޭރުކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރައްވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު