އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ފޯވަޑް ޑެނީ ވެލްބެކް ފެނުން ޔަގީން ނޫން ކަމަށް އާސެނަލްގެ މެނޭޖަރު އާސެން ވެންގާ ބުނެފި އެވެ.
ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ޓީމުގެ މެނޭޖަރު ވެންގާ ބުނީ އިނގިރޭސި ގައުމީ ޓީމް އެންމެ ފަހުން ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުގައި ވެލްބެކް އަށް އަނިޔާވެފައިވާ ކަމަށާއި މިރޭ ވެލްބެކްގެ ކުރީގެ ކްލަބް، ޔުނައިޓެޑާ ދެކޮޅަށް އޭނާ ކުޅޭނެ ކަން އަދި ޔަގީނެއް ނުވާ ކަމަށެވެ. އަދި ވެލްކެބްގެ ފިޓްނަސް ލެވެލް ހުރި ވަރެއް އިނގޭނީ މިއަދު ހެނދުނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސެސްމެންޓްގެ ނަތީޖާ އަށް ބެލުމަށްފަހުގައި ކަމަށެވެ.
"ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެލްބެކް އަށް ވަނީ އަނިޔާވެފައި. އެހެން ކަމުން މިރޭގެ މެޗުގައި އޭނާ އަށް ކުޅެވޭނެ ކަމާމެދު ވަނީ ޝައްކު އުފެދިފައި. ވެލްބެކްގެ ފިޓްނަސް ހުރި ވަރެއް އިނގޭނީ މިއަދުގެ އެސެސްމެންޓްގެ ނަތީޖާ އަށް ބަލާފައި،" ވެންގާ ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗު ލުއިސް ވެންހާލް ދާދިފަހުން ވެލްބެކް އާ ބެހޭ ގޮތުން ދެއްކެވި ވާހަކަ އަށް އިޝާރާތް ކުރައްވަމުން ވެންގާ ބުނީ ވެންހާލްގެ ވިސްނުމުގައި ހުރި ހުރިހާ ކަމެއް ރަނގަޅަށް އިނގޭ ކަމަށާއި ވެލްބެކް އާސެނަލް އަށް ބަދަލުވުމުން އޭނާ އަށް ގިނަ ވަގުތު ކުޅުމުގެ ފުރުސަތު ލިބޭ ކަމަށެވެ. އަދި ވެލްބްކް އަކީ ޒުވާން ކުޅުންތެރިއެއް ކަމުން އޭނާ އަށް އެންމެ ބޭނުންވާނީ ވީހާވެސް ގިނައިން ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ކަމަށެވެ.
"އަހަރެންނަށް ވިސްނޭ ވެންގާލް ބޭނުންވާ ގޮތް. ވެލްބެކް އަކީ ޒުވާން ކުޅުންތެރިއެއް. ވެންހާލް ބުނި ފަދައިން ވެލްބެކް އަށް ބޭނުން ވަނީ ވީހާ ވެސް ގިނައިން މެޗުތައް ކުޅުމުގެ ފުރުސަތު. ޔުނައިޓެޑުގައި އޭނާ އަކަށް އެ ފުރުސަތެއް ނުލިބޭ،" ވެންގާ ބުންޏެވެ.
މިރޭ ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައި ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ނުކުންނަ އިރު ފޯވަޑް އޮލިވިއާ ޖިރޫޑް ވަނީ އަނިޔާ އިން އެނބުރި އައިސް ޓީމާ ގުޅިފަ އެވެ. ނަމަވެސް އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރެފައި އަލުން ޓީމާ ގުޅުނު ވޮލްކޮޓް އަށް ނުކުޅެވޭނެ ކަން ވެންގާ ވަނީ ހާމަކޮށްފަ އެވެ.