ރެއާލް މެޑްރިޑުން ވޯލްޑް ރެކޯޑް ޓްރާންސްފާ ބިޑް ހުށަނޭޅި ނަމަ އަދިވެސް ހުންނާނީ ޓޮޓެންހަމްގައި ކަމަށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާ ވޭލްސްގެ ގެރެތް ބޭލް ބުނެފި އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިއާ ގެރެތް ބޭލް ބުނީ 2013 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ސްޕެއިންގެ ރެއާލް މެޑްރިޑުން ރެކޯޑް ބިޑެއް ހުށަނޭޅި ނަމަ އޭނާ އަދިވެސް ހުންނާނީ ޓޮޓެންހަމްގައި ކަމަށާއި އެއީ އިނގިރޭސި ކްލަބާއި އެޓީމުގެ ސަޕޯޓަރުންނާއި އޭނާ އާއި ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ކަމަށެވެ.
"އެ ރެކޯޑް ބިޑް ހުށަހެޅީ ރެއާލް ނޫން އެހެން ކްލެބެއް ނަމަ އަހަރެންގެ ޓްރާންސްފާ ކާމިޔާބު ވުމަކީ ވަރަށް އުނދަގޫ ކަމެއް. އަހަރެންނާއި ޓޮޓެންހަމް އާއި އެޓީމުގެ ސަޕޯޓަރުންނާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް. އެމީޙުންނަށް ވިސްނުނު ރެއާލް މެޑްރިޑުން ހުށަހެޅި ބިޑަކީ ކެރިއަރުގައި އަހަރެންނަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަން. އެކަހަލަ ދެވަނަ ފުރުސަތެއް ނުލިބޭނެ. އަނެއްކާ އެދުވަސްކޮޅު އަހަރެން އައީ ވަރަށް މޮޅަށް ކުޅެމުން،" ގެރެތް ބޭލް ބުންޏެވެ.
ޓެލެގްރާފް އާ ވާހަކަ ދައްކަމުން ބޭލް ބުނީ ޓޮޓެންހަމް ދެކެ ލޯބިވާ ކަމަށާއި އެ ޓީމުގައި ހޭދަކުރި ދުވަސްތަކުގައި ސަޕޯޓަރުންގެ ފަރާތުން ލިބުނު ހިތްވަރަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިހާރު ވެސް ޓޮޓެންހަމް އަށް ކާމިޔާބަށް އަދި ވާދަވެރި ކްލަބް އާސެނަލް ބަލިވުމަށް އެދޭ ކަމަށެވެ.
އުމުރުން 25 އަހަރުގެ ވޭލްސްގެ ވިންގަރު ވަނީ ރެއާލް މެޑްރިޑަށް ބަދަލުވުމަށް ފަހު ފުރަތަމަ ސީޒަންގައި ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އޭނާ އަންނަނީ ރެއާލްގެ ޖާޒީގައި ގިނަ ލަނޑުތަކެއް ކާމިޔާބުކުރުމުގެ އިތުރުން އެހެން ކުޅުންތެރިންނަށް އެސިސްޓް ކޮށްދީ މޮޅު ކުޅުމެއް ދައްކަމުންނެވެ.