ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އޭނާ އާ އެކީ ޢެއްކޮށް ކުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިއާ ކަމަށް ބަޔާން މިއުނިކް އަދި ސްޕެއިންގެ މިޑްފީލްޑަރު ޒަބީ އަލޯންސޯ ބުނެފި އެވެ.
މި ސީޒަންގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އާ ގުޅުނު އަލޯންސޯ ބުނީ މި ފަހަރުގެ ފީފާ ބެލެންޑޯ ރޮނާލްޑޯ އަށް ލިބިއްޖެ ނަމަ އެއީ ނުހައްގުން އޭނާ އަށް ލިބުނު އެއްޗެއް ކަމަށް ބަލައިގެން ނުވާނެ ކަމަށާއި ރޮނާލްޑޯ މިދިޔަ ސީޒަން ނިންމާލީ ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގާ އެކު ކަމަށްވާތީ އެވެ. އަދި އޭނާގެ ފަރާތުން ފެނުނު ކުޅުމަކީ ތަފާތު ކުޅުމެއް ކަމަށާއި އެއްކޮށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ރޮނާލްޑޯ އަކީ އެންމެ މޮޅު އަދި އެންމެ ތަފާތު ކުޅުންތެރިއާ ކަމަށެވެ.
"މިފަހަރުގެ ބެލެންޑޯ ރޮނާލްޑޯ އަށް ލިބިއްޖެ ނަމަ ނުބުނެވޭނެ އެއީ ނުހައްގުން އޭނާ އަށް ލިބުނު އެއްޗެކޭ. އޭނާ މިދިޔަ ސީޒަން ނިންމާލީ ޗެމްޕިއަންސް ލީގާ އެއްކޮށް. ރޮނާލްޑޯގެ ފަރާތުން މި ފެންނަނީ އާދަޔާ ޚިލާފް ކުޅުމެއް. އޭނާ އަކީ ތަފާތު ހުނަރުގެ ގޮތުން ބެލި ކަމުގައި ވިޔަސް މޮޅު އަދި ކުރިއަރަމުން އަންނަ ކުޅުންތެރިއެއް. ހަގީގަތަށް ބުނާނަމަ އޭނާ އަކީ އަހަރެންނާ އެކު ދަނޑުމަތީގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު އަދި ތަފާތު ކުޅުންތެރިއާ،" ޒަބީ އަލޮންސޯ ބުންޏެވެ.
ޑެއިލީ މެއިލް އާ ވާހަކަ ދައްކަމުން އަލޮންސޯ ބުނީ ޖަރުމަނުގެ ގޯލްކީޕަރު މެނުއެލް ނޯޔާގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށާއި ވޯލްޑް ކަޕަކީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ ކަމަށެވެ. އެހެން ކަމުން މިފަހަރު އެ ދެކުޅުންތެރިންގެ ތެރެއިން ކޮންމެ މީހަކަށް އެވޯޑް ލިބުނަސް އެއީ ނުހައްގުން ލިބުނު އެއްޗެއް ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
ނިމިގެންދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ބަޔާން މިއުނިކް އާ ގުޅުމުގެ ކުރިން އަލޮންސޯ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑްގައި ފަސް އަހަރު ހޭދަކޮށްފަ އެވެ. އޭނާ ވަނީ ރެއާލް އާއެކު ލަލީގާ އާއި ސްޕެނިޝް ކޮޕާޑެލްރޭގެ އިތުރުން ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.