އެތުލެޓިކޯ މެޑްރިޑްގެ ޑިފެންޑަރު މިރާންޑާއަށް އަނިޔާވެ ޗެމްޕިއަންސް ލީގުގައި އޮލިމްޕިއާކޮސް އާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެކަން ޔަގީން ވެއްޖެ އެވެ.
ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު މިރާންޑާއަށް އަނިޔާވުމުގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އޮލިމްޕިއާކޮސް އާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެކަން ޔަގީން ވެއްޖެ އެވެ.
މިރާންޑާއަށް އަނިޔާވީ އެންމެ ފަހުން ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި އޮސްޓްރިއާ އާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު މިރާންޑާ ވަނީ ބަދަލުކޮށްފަ އެވެ.
އެތުލެޓިކޯ މެޑްރިޑްގެ ރަސްމީ ވެބްސައިޓްގައި ހާމަކޮށްފައިވާގޮތުން މިއަދު ހެނދުނު މިރާންޑާ ވަނީ އެމްއާރްއައި ޓެސްޓް ހަދާފަ އެވެ. އަދި ލިބުނު އަނިޔާގެ ސަބަބުން އޮލިމްޕިއާކޮސް މެޗުގައި މިރާންޑާއަށް ނުކުޅެވޭނެ ކަމަށާއި އޭނާއަށް ލިބިފައިވަނީ ގްރޭޑް 2 ގެ އިންޖަރީ އެއް ކަމަށްވެސް އެ ވެބްސައިޓްގައި ހާމަކޮށްފައިވެ އެވެ.
މިރާންޑާ އެނބުރި ޓީމާ ގުޅޭނެ ދުވަހެއް އެޓީމުން އަދި ހާމަކޮށްފައިނުވާއިރު އޭނާ ނެތުމަކީ އެޓީމުގެ މެނޭޖަރު ޑިއޭގޯ ސިމިއޯނީއަށް ދިމާވާނެ ބޮޑު ނުތަނަވަސް ކަމެކެވެ. އުމުރުން 30 އަހަރުގެ މިރާންޑާ އަންނަނީ މިސީޒަންގައި އެތުލެޓިކޯގެ ޖާޒީގައި ރަނގަޅު ކުޅުމެއް ދައްކަމުންންވެ. ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެތްލެޓިކޯ މެޑްރިޑަށް 30 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ މިރާންޑާ ވަނީ އެޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދީފަ އެވެ.