އެމެރިކާގެ ނިއުޔޯކް ސްޓޭޓްގެ ސިޓީއަކަށް ކުރިމަތިވި ތޫފާނަކީ ތާރީޚީ ތޫފާނެއް: އެންޑްރޫ ކުއޯމޯ

އެމެރިކާގެ ނިއުޔޯކް ސްޓޭޓަށް އިއްޔެ ކުރިމަތިވި ސްނޯގެ ތޫފާނަކީ ތާރީޚީ އަދި ސްނޯގެ ހުރިހާ ރެކޯޑްތަކެއް މުގުރާލާނެ ތޫފާނެއް ކަމަށް ނިއު ޔޯކް ސްޓޭޓްގެ ގަވަނަރު އެންޑްރޫ ކުއޯމޯ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އެންމެ ބޮޑު އެއް ސްޓޭޓް ކަމަށްވާ ނިއުޔޯކްގެ ގަވަނަރު ކުއޯމޯ ވިދާޅުވީ އިއްޔެ ބަފަލޯ ސިޓީ އަށް ކުރިމަތިވި ސްނޯގެ ތޫފާނަކީ ވަރަށް ވެސް ތާރީޚީ ތޫފާނެއް ކަމަށާއި އެ ތޫފާނުގެ ހުރިހާ އަސަރެއް ކެނޑޭއިރު ސްނޯގެ އާ ރެކޯޑްތަކެއް ގާއިމްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސްނޯގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވިފައިވާ ކަމަށާއި އެ ސިޓީގެ ރައްޔިތުންނަށް ތޫފާނުގެ ސަބަބަން ބޮޑު ބިރަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"މިއީ ވަރަށް ތާރީޚީ ތޫފާނެއް. ހީވާގޮތުން ތޫފާނުގެ އަސަރު މުޅިން ކެނޑޭއިރު ސްނޯގެ އާ ރެކޯޑްތަކެއް ގާއިމްވާނެ. ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހު ވެސް ތޫފާނުގެ އަސަރު މުޅި ސިޓީ އަށް ކުރާނެ. މިއީ ފަހަކަށް އައިސް މި ސިޓީ އަށް ކުރިމަތިވި މިފަދަ އެންމެ ނުރައްކާތެރި ތޫފާން. ބަފަލޯ ސިޓީގެ ރައްޔިތުން ތިބީ މިކަމުގެ ސަބަބުން ބޮޑު ބިރެއްގެ ތެރޭގައި،" ކުއޯމޯ ވިދާޅުވި އެވެ.

އިއްޔެ ހެނދުނުއްސުރެ ފަށައިގެން އެ ސިޓީ އަށް ގަދައަށް ސްނޯ ފައިބަމުންދާ އިރު ދިމާވި އެކި ހާދިސާތަކުގައި މިހާތަނަށް ހަތް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި 100 އަށް ވުރެ ގިނަ ކާރު މަގުމަތީގައި ތާށިވެފައިވާ އިރު ނިއުޔޯކްގެ ގަވަނަންސް އިދާރާ އިން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންންނެވެ.

މިއަދު ހެނދުނާ ހަމައަށް އެ ސިޓީގެ ބޮޑު ބަޔަކަށް 1.7 މީޓަރުގެ އުސްމިނަކަށް ސްނޯ ފައިބާފައިވާ އިރު ނިއުޔޯކްގެ ވިއްސާރައާ ބެހޭ އިދާރާ އިން މައުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް 24 ގަޑި އިރުތެރޭގައި އިތުރު 1 މީޓަރަށް ސްނޯ ފައިބާނެ ކަމަށެވެ. އަދި ތޫފާނުގެ އަސަރު މެދުނުކެނޑި އެއް ހަފްތާ އަށް ކުރާ ނަމަ މުޅި ބަފަލޯ ސިޓީ ސްނޯގެ ދަށުވެ ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ކަމަށް ވެސް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.

ބަފަލޯ ސިޓީއަކީ އާއްމުގޮތެއްގައި ސްނޯގެ ތޫފާންތައް ގިނައިން ކުރިމަތިވާ ސިޓީ އެކެވެ. ނަމަވެސް މިފަހަރު ކުރިމަތިވި ތޫފާނަކީ ކުރީގެ ތޫފާންތަކަށް ވުރެ ބާރުގަދަ އަދި ނުރައްކާތެރި ތޫފާނެއް ކަމަށް ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު