މިދިޔަ އަހަރުގެ ހަވީރު ސްޕޯޓްސް އެވޯޑް ދިނުމުގެ ޙަފްލާ ރޭ ދަރުބާރުގޭގައި ބޭއްވިއިރު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ފުރަތަމަ ފަހަރަށް މުހައްމަދު އާރިފް(ބަކާ) ހޯދައިފި އެވެ.
ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުލަގަދަ ރަސްމިއްޔާތަކާއެކު ބޭއްވި ޙަފްލާގައި، ވިކްޓަރީއަށް ކުޅުމަށް ފަހު މިހާރު ވީބީއަށް ބަދަލުވެފައިވާ ބަކާ އެއްވަނަ މަގާމު ހޯދީ ވީބީއަށް ކުޅުނު ދެ ޑިފެންޑަރުން ކަމަށްވާ އަކްރަމް އަބްދުލްޤަނީ އާއި މުހައްމަދު އުމައިރާ ވާދަކޮށްގެންނެވެ.
21
އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ހޮވުނީ މާޒިއާ އާއި 23 އަހަރުންދަށުގެ ޓީމުގެ ފޯވަޑް އަލީ ނާފިއު(ކަޅޭ) އެވެ.
ފުޓްބޯޅައިގެ އެހެން އެވޯޑް ތަކަށް ބަލާއިރު އެންމެ މޮޅު ރެފްރީގެ މަގާމުހޯދީ ރާއްޖޭގެ އެލީޓް ރެފްރީ އަލީ ސަލީމެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑް ގެންދިޔައީ ވީބީއަށް ދެ ތަށި ހޯދާދިނުމަށްފަހު މިއަހަރުވެސް ޓީމުގެ ކޯޗުކަން ކުރަމުންދާ ތުރުކީގެ ކޭން ވަންލީ އެވެ.
ވޮލީގެ އެވޯޑްތަކަށް ބަލާއިރު އެންމެ ވާދަވެރި ފިރިހެން މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ދިވެހި ސިފައިންގެ ކްލަބަށް 3 ތަށި ހޯދާދިން އަޙްމަދު އަބްދުލް ކަރީމް(ލޯންގޭ) އެވެ. އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ފުރަތަމަ ފަހަރަށް ހޯދީ އައިޝަތު ޝައްފަ އެވެ. މިދިޔަ ދެ އަހަރުވެސް މޮޅު ކުޅުންތެރިޔާގެ އެވޯޑް ގެންދިޔައީ އައިޝަތު ނާޒިމާ އެވެ. ވޮލީގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑް އިސްމާއީލް ސާޖިދު(ކުޑަކާއްޓޭ) ހޯދިއިރު އަންހެން އެންމެ މޮޅު ކުޅުންތެރިއަކީ ލ. އަތޮޅު ސްޓާރ ޓީމަށް ކުޅޭ އައިޝަތު މާޖިދާ އެވެ.
ބާސްކެޓްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ އަލީ ފަޒްލީ އެވެ. އެންެމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދީ މިދިޔަ އަހަރު ނެޓްބޯޅައިން މި މަގާމު ހޯދި އާމިނަތު ސިއުރާ އެވެ. ބާސްކެޓްގެ 21 އަހަރުންދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ހަރިކޭންގެ އިބްރާހީމް އަންފާލު ހޮވުނުއިރު އަންހެން ކުޅުންތެރިއަކީ ޒުލައިޚާ އިބްރާހީމެވެ.
ގިނަ ދުވަހު ކުޅިވަރަށް ޚިދުމަތްކުރާ ފަރާތްތަކަށްދޭ އެވޯޑް މިފަހަރު ލިބުނީ ވެލެންސިއާގެ އަޙްމަދު މުހައްމަދު(ދޮނާ) އަށެވެ.