މިހިނދުން މިހިނދަށް ގާނޫނުތަކަށް އިސްލާހު ގެނެސް މިނިވަން މުއައްސަސާތައް އުވަވައި ނުލެވޭނެ ކަމަށް މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ބަޖެޓު ކޮމިޓީގައި މިއަދު ވާހަކަ ދެއްކެވި ގިނަ މެމްބަރުންގެ ވިސްނުން ހުރީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އާއި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަން ފަދަ ތަންތަން އެއް މުއައްސަސާ އަކަށް ހަދައި ދައުލަތުގެ ބަޖެޓަށް ލުޔެއް ގެނައުމަށެވެ.
ގާސިމް ވިދާޅުވީ އަދުގެ ސަރުކާރުގެ އަމާޒަކީ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށާއި އެހެންކަމުން މުއައްސަސާތައް އުވާލަން ވާހަކަ ދައްކާ އިރު ވިސްނުންތެރިކަމާ އެކު އެ މައްސަލަ އަށް ހައްލެއް ގެނައުން މާ ބުއްދިވެރި ވާނެ ކަމަށެވެ.
"މިހިނދުން މިހިނދަށް ގާނޫނު ނައްތާލައިގެން ކޮމިޝަންތައް އުވާލައި އެކަންކަމެއް ނުކުރެވޭނެ. އަދި އަމުދުން މިއަދުގެ ސަރުކާރުގެ ބޭނުމަކީ ގިނަބަޔަކަށް ވަޒީފާ ހޯދައިދިނުން ކަމަށްވީ ހިނދު އެގޮތަށް އަޅުގަނޑުމެންގެ ވާހަކަތައް ބައްޓަން ކުރުމަކީ މާ ރަނގަޅު ގޮތެއް ހެން އަޅުގަނޑަކަށް ހިއެއް ނުވޭ. އެހެންވީމާ ވިސްނުންތެރިކަމާ އެކު ގެނެވޭ ޕޮއިންޓްތައް ނޯޓްކޮށްގެން ދެން އަންނަ އަހަރަކާ ދިމާލަށް ހަމަޖެހޭ އުސޫލެއް ބަލައިގެން މަސައްކަތް ކުރާނީ،" ގިނަ ދުވަސްތަކެއް ވަންދެން ބަޖެޓު ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ގާސިމްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ގާސިމް އެހެން ވިދާޅުވީ ބަޖެޓު ކޮމިޓީގައި މިއަދު ވާހަކަ ދެއްކެވި ގިނަ މެމްބަރުންގެ ވިސްނުން ހުރީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އާއި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަން ފަދަ ތަންތަން އެއް މުއައްސަސާ އަކަށް ހަދައި ދައުލަތުގެ ބަޖެޓަށް ލުޔެއް ގެނައުމަށެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ދައުލަތަށް ލިބޭ އާމްދަނީއަކީ ހަތަރު ބިލިއަން ކަމަށާއި އޭރު ހުރިހާ ކަމެއް ވެސް ކުރެވޭ ކަމަށް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވި އެވެ. އެހެން ނަމަވެސް މިހާރު ދައުލަތަށް 15 ބިލިއަން ރުފިޔާ ލިބޭ އިރު އެއްވެސް މުއައްސަސާއަކުން އެދެވިގެންވާ ކަމެއް ކުރާ ތަނެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުސައިން މުހައްމަދުގެ ވާހަކަފުޅަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ހުސްނުވާ އާސަންދައެއް ނޯންނަ ކަމަށާއި އުމުރުން ދުވަސްވީ މީހުންނަށްދޭ ފައިސާ ވެސް ނޯންނަ ކަމަށާއި އަދިވެސް އެހެނިހެން ބައިވަރު ކަންތައްތައް ހިމެނޭ ކަމަށެވެ. ގާސިމް ވިދާޅުވީ އެފަދަ ސަބްސިޑީތަކުގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށެވެ.
"ދަންނަވަންތޯ އޭރަކު ނޯވޭ އާސަންދައެއް ވެސް ހުސްނުވާ އާސަންދަ އެއްވެސް އޭރަކު ނޯވޭ މުސްކުޅިންނަށްދޭ އެލަވަންސް އެއްވެސް އޭރަކު ނޯވޭ. ދެން މިހެން ގޮސް އަޅުގަނޑުމެންގެ އަތުންނާއި ހަތަރެސްފައިގެ ހުރިހާ އިނގިލތައް ހުސްވެގެން ދާއިރު ވެސް ރައްޔިތުންނަށްދޭ އެހީއެއް، ސަބްސިޑީގެ ގޮތުގައި މިއަދު ދިވެހި ދައުލަތުން ތަފާތު ގޮތްގޮތަށް އަރާ އެބަ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ." ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި އޮޑިޓަރު ޖެނެރަލް އޮފީހަކީ މިނިވަން މުއައްސަސާތައް ކަމުގައިވީ ނަމަވެސް އުވާލެވޭނެ ތަންތަނެއް ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ އެފަދަ މުއައްސަސާތަކަކީ ޑިމޮކްރަސީގައި ހުންނަން ޖެހޭ ރުކުންތައް ކަމަށެވެ.