ވާކަންތައްތައް ނުވާ ކަމެއްގެ ގޮތުގައި ވިދާޅުވެ ރެކިވަޑައިގަތުމަކީ ހައްލެއް ނޫން: ނަޝީދު

ހަށިފުރާނައަށާއި މުދަލައް ހަމަލާދެމުންދިނުން އިތުރުވެފައިވާއިރު، އެކަންތައްތަކަކީ ނުވާ ކަންތައްތައް ކަމުގައި ވިދާޅުވެ އެކަމުން ރެކިވަޑައިގަތުމަކީ ހައްލެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކ. މާފުށީގެ ގެސްޓް ހައުސް ވިޔަފާރި ބަލާލުމަށް އެ ރަށަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ އާއްމު ދިރިއުޅުމަށް އެންމެ މުހިއްމު ކަމަކީ ހަށިފުރާނަ އާއި މުދަލުގެ ރައްކާތެރިކަން ކަމަށެވެ. އަދި ކޮންމެ ދުވަހަކު މުޖުތަމައުގައި އާންމުވެފައިވާ ހަމަނުޖެހުންތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ހަމަލާތައް އިތުރުވަމުންދާއިރު، އެކަންކަމަށް ފިޔަވަޅު އަޅަންޖެހޭ. ހޯމް މިނިސްޓަރާއި ފުލުހުންގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ޑިފެންސް މިނިސްޓަރު ވެސް އެކަންތައްތަކަކީ ނުވާ ކަންތައްތައް ކަމަށް ވިދާޅުވެ، ވާކަންތައްތައް ނުވާކަންތައްކަމުގައި ވިދާޅުވެ ރެކިވަޑައިގަތުމުން ހައްލެއް ނުހޯދޭނެ،" އެމްޑީޕީގެ ރައީސް ވިދާޅުވި އެވެ.
ކ. މާފުށީގެ ގެސްޓް ހައުސް ވިޔަފާރި ބަލާލުމަށް ރައީސް ނަޝީދު އެރަށަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަނީ--- ސަން ފޮޓޯ: މުހައްމަދު ސިމާއު

ޗައިނާ އިން އިއުލާނު ކޮށްފައިވާ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޫޓްގައި ރާއްޖެ އިން ބައިވެރިވެފައިވާތީ އެކަމަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ، ސިލްކު ރޫޓުގައި ބައިވެރިވެވަޑައިގަތް އޭގެ ވިޔަފާރިން ދިވެހިންނަށް މާ ބޮޑު ފައިދާ ނުކުރާނެ ކަމަށެވެ.

އޭގެ ބަދަލުގައި ރާއްޖޭގައި ހުރި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ދިވެހިންނަށް ލިބެން އޮތް ހައްގު މިންވަރު ހޯދާ އުއްމީދު ކުރާ ތަނަވަސް ދިރިއުޅުން ދިވެހިންނަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ގެސްޓް ހައުސް ސިޔާސަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގެސްޓް ހައުސް ހެދުމަށް ރަށްރަށުގައި ހުރި ބިންތައް ހޯމް މިނިސްޓްރީން ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެ ބިންތައް ކައުންސިލްތަކަށް ދޫކޮށް، އެ ބިންތަކުގެ މުއާމަލާތްކުރުމުގެ ހައްގު ގާނޫނުގައިވާ ގޮތުގެ މަތިން ފޯރުކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކ. މާފުށީގެ ގެސްޓް ހައުސް ވިޔަފާރި ބަލާލުމަށް ރައީސް ނަޝީދު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން--- ސަން ފޮޓޯ: މުހައްމަދު ސިމާއު

ރާއްޖެ އުފެދިފައި އޮންނަ ގޮތުން ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅާލަދޭންޖެހޭ ކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ މި ސަރުކާރުން ދަތުރުފަތުރުގެ ނިޒާމެއް ހަރުދާ ކުރުމަށް މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ. އަދި އެތެރޭގެ އުދުހުންތަކުގެ އަގު މިހާރު މަތިވެފައިވާއިރު، އެކަމަށް ހައްލެއް އަންނާނީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ އެތެރޭގެ އުދުހުންތައް ދޫކޮށްލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރުގެ އިންވެސްޓަރުންނަށް އެތެރޭގެ އުދުހުންތައް ދޫކޮށްލީމަ އަޅުނގަޑަށް ޔަގީން އެއާ ލަންކާއިން ވެސް މާލެއިން ގަމަށް، ގަމުން ސިލޯނަށް ފްލައިޓްތައް ހަމަޖައްސާނެ. ހަމަ ޔަގީން ދުނިޔޭގެ އެހެން އިންޓަނޭޝަނަލް ފްލައިޓްތަކުން ވެސް ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ވަންނާނެކަން. އެއާ ވިދިގެން ވާދަވެރިކަން އުފެދި އަގުތައް ދަށަށްދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ތައާރަފްކުރި ގެސްޓް ހައުސް ވިޔަފާރި ބަލާލުމަށްޓަކައި ކ. މާފުއްޓަށް މިއަދު ކުރި ދަތުރުގައި އެމްޑީޕީގެ ބައެއް އިސްވެރިންނާއި ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ބައިވެރިވެފައިވެ އެވެ. އަދި ދަތުރާ ގުޅިގެން މާފުށީގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާއިރު، މިރޭ ހާއްސަ ޖަލްސާއެއް އޮންނާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު