
ލިޔުންތެރިންގެ ފޮތް މައުރަޒުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމް ކޮށްގެން އާޓް ގެލެރީގައި މިރޭ ބޭއްވި "ލިޔުންތެރިންގެ ފޮތް މައުރަޒު" ގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އިލްމަކީ ހުސްނުވާ ހަޒާނާއެއް ކަމަށެވެ. ތިމާ ދިރިއުޅޭ ވެއްޓަށް އިތުރު އިސްލާހެއް ގެންނަން ބޭނުންވާ ކަމަށް ވާނަމަ އިލްމު އުނގެނުމަށް ނުކުތުމަށް ދިވެހި ޒުވާނުންނަށް ނައިބު ރައީސް އިލްތިމާސްކުރެއްވި އެވެ.
"ތިމާގެ މާލީއްޔާތުން އިލްމު އުނގެނުމަށް މިހާރު ކުރައްވާ ހޭދައަށްވުރެއް ބޮޑު އެއްޗެއް މިހާރު ހޭދަކުރަށްވާށޭ. އަޅުގަނޑު ރާއްޖޭގެ ޒުވާނުންނަށް ކުރަން ބޭނުންވާ އިލްތިމާސަކީ ތިމާގެ ދިރިއުޅުމަށް ބަދަލެއް ގެންނަން ބޭނުންވާ ކަމުގައި ވާނަމަ، ތިމާގެ ވެއްޓަށް ތިމާ އިސްލާހެއް ގެންނަން ބޭނުންވާ ކަމުގައި ވަނީނަމަ އިލްމު ހޯދުމަށް ނުކުންނާށޭ،" ނައިބު ރައީސް ޖަމީލްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ލިޔުންތެރިންގެ ފޮތް މައުރަޒުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
ކުރީގައި ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ މަސައްކަތުން ރާއްޖެގައި އިލްމު ފެތުރިފައިވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދަޅުވީ، މިއަދު ދިވެހިން ވިސްނަންވީ ކިޔެވުމާއި އިލްމު ހޯދުމުގެ މައްޗަށް ކަމަށެވެ.
މުސްލިމުން ނިކަމެތިވަނީ އިލްމު ނެތުމުގެ ސަބަބުން ކަމަށާއި އިލްމުގެ އަގު ވަޒަން ނުކުރުމުގެ ސަބަބުން ކަމަށްވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. ނައިބު ރައީސް ވިދާޅުވީ، އިލްމު އުނގެނި ތިބޭ މީހުންނަށް ޖާގަ ނުދޭ މުޖުތަމައުތައް ނިކަމެތިވާނެ ކަމަށެވެ.
"އަޅުގަނޑުމެން މުސްލިމުން ނިކަމެތިވުމުގެ ސިއްރަކީ، ބަލިކަށިވަނީ އިލްމު ނެތުމުން، އިލްމުގެ އަގު ވަޒަން ނުކުރުމުން. އިލްމު ލިބިފައިވާ ފަރާތްތަކަށް ޖާގަ ނުދޭ މުޖްތަމައުއެއް ނިކަމެތިވާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
ދިވެހި ބަހުގެ އެކަޑަމީން މުޅިން އަލަށް ނެރޭ ފޮތްތައް މިރޭގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެރެދެއްވި އެވެ.