ރާއްޖޭގެ އިގްތިސާދު ހަލުއިކޮށް ކުރިއަރާ ކަމަށް މަރަދޫ މެމްބަރު ވިދާޅުވެއްޖެ

ދުނިޔޭގައި އެންމެ ހަލުވިކޮށް އިގްތިސާދު ކުރިއަރާ ތިން ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނޭ ކަމަށް އިދިކޮޅު އެެމްޑީޕީ އަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ޗައިނާ ފަދަ ދުނިޔޭގެ އެންމެ ހަލުވި ދުވެއްޔެގައި އިގްތިސާދު ކުރިއަރަމުން އަންނަ ތިން ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

"އެންމެ ބާރަށް [އިގްތިސާދު] ކުރިއަރާ ޗައިނާ ވެސް ކުރިއަރަނީ އަށް ޕަސެންޓާއި 12 ޕަސެންޓާ ދެމެދު. އެ މިންވަރުގައި އަޅުގަނޑުމެން ވެސް މިއޮތީ. ދުނިޔޭގެ އެންމެ ބާރަށް، އެންމެ ހަލުވިކޮށް ކުރިއަރަމުންދާ ތިން ގައުމުގެ ތެރޭގައި ދިވެހި ރާއްޖެ އެބަ ހިމެނޭ، ރާއްޖޭގެ ޓޫއަރިޒަމް އިންޑަސްޓްރީ އެބަ ހިމެނޭ،"

ނަމަވެސް ޝަރީފު ވިދާޅުވީ އެ މިންގަނޑުގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާ އިރު"ރާއްޖޭގެ ރައްޔިތުން ފަގީރުވަމުން، ނިކަމެތިވަމުން މިދަނީ ކީއްވެގެންތޯ މިއީ އުފެދޭ ސުވާލެއް" ކަމަށެވެ.

ރާއްޖޭގެ އިގްތިޞާދު ކުރިއަރަމުން އަންނަ އިރު ރާއްޖޭގެ އިޖުތިމާއީ އަދާލަތު ގާއިމު ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ވިސްނާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރެވޭނީ ހަމައެކަނި ސްޕޯޓްސް އެރީނާތަކެއް އެޅުމުގެ ބަދަލުގައި މަސައްކަތްތެރިކަން ވެސް ދަސްކޮށްދީގެން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު