ޖުމްހޫރީ އުފާ އެންމެންނަށް ހަމަހަމަކޮށް ލިބިދިނުމަށް ގާސިމް ގޮވާލައްވައިފި

ޖުމްހޫރީ ދުވަހުގެ ހަގީގީ އުފަލާ ފޮނިމީރުކަން އެއްވެސް ތަފާތުކުރުމެއް ނެތި އެންމެންނަށް ހަމަހަމަ ގޮތެއްގައި ލިބިދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ގައުމުގެ ކަންކަން ހެޔޮމަގުން ހިނގާނީ ގައުމުގެ އެކި ކަންކަމާ ހަވާލުވެ ތިބި އެންމެން އެކީ އެއް ނިޔަތެއްގައި އިހްލާސްތެރިވެގެން ކަމަށެވެ. އަދި ކުލަކުލައިގެ ގާނޫނީ އަސާސީތަކާ އެކި ނަންނަން ކިޔާ ގާނޫނުތައް ދެކޭން ތިބި ބަޔަކު ހައިރާންވާހައި މޮޅަށް ލިޔެ އެކަށައެޅިދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ގާސިމު ވިދާޅުވެފައި ވަނީ ގައުމުގެ އިސްލާހުކުރުމާ ގައުމު ތަރައްގީ ކުރުމުގެ ނަމުގައި އެތައް ކަމަކާ މަޝްރޫއެއް ރާވައި ތަންފީޒު ކުރުމާއިގެން ވެސް ކުރިއަށް ދެވިދާނެ ކަމަށެވެ.

"... ގައުމު އިސްކުރުމުގެ އަމާޒާ، ރައްޔިތުންނަށް މަންފާހުރި ހިދުމަތެއް އަމާނާތްތެރިކަމާ އެކު ދިނުމުގެ ހެޔޮ ނިޔަތް އަޅުގަނޑުމެންގެ ކިބައިގައި ނެތިއްޔާ މި ގައުމު މިއަދަށާއި މާދަމާއަށްޓަކައި ކާމިޔާބު މަސައްކަތްތަކެއް ނުކުރެވޭނެއެވެ. އަމިއްލަ އެދުމުން އިސްކުރުމާ ތިމާގެ ބައި މީހާއަށް މޮޅު ގޮތް ހޯދައިދިނުމާ ދެން ތިބީން ނިކަމެތިކޮށްލުމުގެ ސިޔާސަތު ނުހިންގުމަށް ގައުމުގެ އެންމެހައި މަސްއޫލު ފަރާތްތަކަށް އަޅުގަނޑު އިލްތިމާސްކުރަމެވެ،" ގާސިމް ވިދާޅުވެފައިވެ އެވެ.

ދިވެހި ދެވަނަ ޖުމްހޫރިއްޔަތުގެ ވެރިކަމަށް ބައިގަރުނު ހޭދަ ކުރުމާ ހަމައަށް ދަތުރުކުރާއިރު ވެރިކަމުގެ ނިޒާމު ރާއްޖޭގައި ޒަމާނީވެ ފައްކާވަމުން ދަނީ ފަހުރުވެރިވާ މިންވަރެއްގައި ކަމަށް ވެސް ގާސިމް ވިދާޅުވެފަައި ވެއެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބުރާހީމް ނާސިރު ރަންނަބަނޑޭރިކިލެގެފާނު ރައީސްކަމުގެ ހުވައި ކުރެއްވި ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު