ރައީސް ދެއްވާ ހާއްސަ އިނާމު ކޮޕީ އިއްސެއަށް ލިބިއްޖެ

ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދީގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، އެކްޓް ކުރުމުގެ ދާއިރާ އިން މަޝްހޫރު ފިލްމީ ތަރި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަށް ލިބިއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި އޭނާއަށް އެ އެވޯޑް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަރުވާފައިވަނީ ސާކް ފިލްމު ފެސްޓިވަލުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދީފައިވާތީ އެވެ.

އެއީ ފިލްމީ ދާއިރާއިން ރާއްޖޭގެ ފިލްމީ ތަރިއަކަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ.

އޭނާ އަށް އެންމެ މޮޅު އެކްޓަރުގެ އެ ވޯޑް ލިބުނީ ސާކް ކަލްޗަރަލް ސެންޓަރުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސާކް ފިލްމު ފެސްޓިވަލުގައި ރާއްޖެ އިން ބައިވެރިކުރި ދެ ފިލްމްގެ ތެރެއިން ދިވެހި ކުރު ފިލްމް "އިނގިލި" އިން އޭނާ ދައްކައިދީފައިވާ މޮޅު ހުނަރުގެ ސަބަބުންނެވެ.

ދިވެހި ކުރު ފިލްމް 'އިނގިލި'ން އިލްޝާ ފިލްމް އެވޯޑްސްގައި ވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިފައިވާ ކޮޕީ އިއްސެ އަށް ވަނީ ލިބިފަ އެވެ.

ސާކް ފިލްމު ފެސްޓިވަލުގައި މިއަހަރު ސާކްގެ އަށް ގައުމުން 22 ފިލްމެއް ވަނީ ބައިވެރިކޮށްފަ އެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ހާއްސަ އިނާމު ލިބުނު ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ މެޑަލް ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި އެ ޖަލްސާގައި ކޮޕީ އިއްސެގެ އިތުރުން ރާއްޖެއަށް ރީތި ނަން ހޯދައިދިން 20 ފަރާތަކަށް ހާއްސަ އިނާމް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެ އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު