އަމީނިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ ކުރީގެ އީޕީއެސް ސްކޫލް ހިންގި، މއ. ޗާންދަނީގޭގައި އަރަބިއްޔާ ސުކޫލުގެ ހަތް ބުރީގެ އައު އިމާރާތުގެ ބިންގާ މިއަދު ހެނދުނު އަޅައިފި އެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތް ބާވެ ޖާގައިގެ ދަތިކަން ކުރިމަތިވުމުން އެކަން ހައްލުކުރުމަށްޓަކައި ހަދަން ހަމަޖެހިފައިވާ އެ އިމާރާތުގެ ބިންގާ މިއަދު އެޅީ އަރަބިއްޔާގެ ދެ ދަރިވަރެކެވެ.
އެ އިމާރާތުގެ ބިންގާ މިއަދު އަޅާފައި މި ވަނީ ކުރިން އަރަބިއްޔާ ސުކޫލު ހުރި ބިން ސަރުކާރުގެ ބޭނުމަކަށް ނަގައި ކުރީގެ އީޕީއެސް ހުރި ބިމުގައި އެ ސުކޫލު އެޅުމާ ދެކޮޅަށް ސްކޫލުގެ ބެލެނިވެރިން ނުރުހުން ފާޅުކޮށް ޕެޓިޝަނެއް ވެސް ސްކޫލުގެ ބޯޑަށް ހުށަހަޅާފައި ވަނިކޮށެވެ.
ވެހެމުން ދިޔަ ހިމަފޮދު ވާރޭގެ ތެރޭގައި ބޭއްވުނު އެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހަންމަދު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ބިންގާ އެޅީ އެ ސުކޫލަށް އައު އިމާރާތެއް ނުހަނު ބޭނުންވެފައި ވަނިކޮށް ކަމަށާއި އައު އިމާރާތުގެ ސަބަބުން އަރަބިއްޔާ އަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް އަންނާނެ ކަމަށެވެ. އަދި އެކަމުން އަރަބިއްޔާގެ ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު ވެސް ރަނގަޅުވެގެން ދާނެކަން ޝިފާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ވާގޮތަށް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ޕުރައިމަރީ ގްރޭޑްތަކުން ފެށިގެން ސްކޫލު ދައުރު ނިމެނެދެން އިސްލާމީ ތަރުބިއްޔަތާއި ތައުލީމު މަންހަޖުގެ ތެރޭގައި ހިމެނުމަށް ކަމަށެވެ. ޝިފާ ވިދާޅުވީ އަރަބިއްޔާގެ މައްސަލަ ބޮޑުވެގެން ދިޔައީ ސިޔާސީ އޮޔެވަރެއްގެ ސަބަބުން ކަމަށާއި ސިޔާސީ މަގުސަދަކަށްޓަކައި އެފަދަ ކަންތައްތައް ނުކުރުމަށް އެންމެހާ ސިޔާސީ ވެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.
އަރަބިއްޔާ ސުކޫލުގެ އައު އިމާރާތަކީ 28 ކުލާސްރޫމުގެ 500 ކުދިންގެ ޖާގައިގެ އިމާރާތެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ. މި އަހަރު މަސައްކަތް ފަށައި އަންނަ އަހަރު މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ އެ އިމާރާތުގައި ނަމާދުކުރާ ތަނަކާއި ހޯލަކާއި ކޮމްޕިއުޓަރު ލެބާއި ލެބޯޓްރީއެއް ހުންނާނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.
އެ ސުކޫލްގެ ބިންގާ މިއަދު އެޅިއިރު އަދި އެސުކޫލް އިމާރާތް ކުރުމަށް އެއްވެސް ބަޔަކާއި ހާވަލުކޮށްފައެއްނުވެ އެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސުކޫލު އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް އަންނަ ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި އިއުލާން ކުރާނެ ކަމަށެވެ. އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވެސް ވަނީ އެބިމުގައި ހުރި އިމާރާތް ތަޅާލައި އެބިން ސާފުކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފަ އެވެ.
އަރަބިއްޔާ ސްކޫލުގެ ކުދިން މިހާރު ކިޔަވަމުން ދަނީ ކުރީގެ އެމްއީއެސް އަދި މިހާރުގެ މަންދު ކޮލެޖުގަ އެވެ. މިއަހަރު އަރަބިއްޔާއަށް އަލަށް ވެއްދުމަށް ފޯމް ހުށަހެޅި 130 އަށް ވުރެ ގިނަ ކުދިންގެ ތެރެއިން ސްކޫލުގެ ޖާގައިގެ ދަތިކަން ހުރި ގޮތުން، ސްކޫލަށް ވައްދާފައި ވަނީ އެންމެ 30 ކުދިންނެވެ.
އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ހައްގުތަކެއް ގެއްލޭ ކަމަށް ބުނެ އެ ކުދިންގެ ހައްގުތަށް ހޯދުމަށް އަރަބިއްޔާ ބެލެނިވެރިން ވަނީ އެ މައްސަލަ މިހާރު ސިވިލް ކޯޓަށް ވައްދައިފަ އެވެ.