އަންނަ އަހަރުގެ ބަޖެޓަކީ އިތުރަށް ދިރާސާ ކުރަން ޖެހޭ ބަޖެޓެއް ކަމަށާއި އެބަޖެޓުގައި ކަންތައް ކޮށްފައި ހުރީ ހަމަހަމަ ނޫން ގޮތަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ގާސިމް މިއަދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ "ވަރަށް ބޮޑަށް" ދިރާސާ ކުރަން ޖެހޭ ބަޖެޓެއް ކަމަށާއި އެ ބަޖެޓުގައި ބޮޑެތި "އިންބެލެންސް"ހުރި ކަމަށެވެ.
"ބަޖެޓުގައި ވަރަށް ބޮޑެތި ތަފާތު ކުރުންތަކެއް އެބަހުރި. އެހެންވީމާ އެ ވަރަށް ބޮޑަށް ދިރާސާ ކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. ވަރަށް ބޮޑެތި އިންބެލެންސް އެބަހުރި. ފުރިހަމަ ބަޖެޓެއްކަން ނުވަތަ ނޫން ކަމެއް ނޭނގޭނެ އެހެން ނޫނީ ބުނާކަށް،" ވޭތުވެދިޔަ ހަތަރު އަހަރުގައި ބަޖެޓް ކޮމެޓީގެ މުގައްރިރުކަން ކުރެއްވި ގާސިމް ވިދާޅުވި އެވެ.
އެގޮތުން ތ. ވިލުފުށީގައި އާއި އދ. މަހިބަދޫގައި ގިނަ މަސައްކަތްތަކެއް ފެށުމަށް ބަޖެޓުގައިވާ އިރު މާމިގިލީގެ އެއްވެސް މަސައްކަތެއް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި އެނޫން ގޮތަކަށް ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދާ ކަމުގައިވާ ނަމަ ޖެހޭނީ ގާނޫނު ބަދަލު ކުރަން ކަމަށެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 24،341،906،072 ރުފިޔާ އެވެ. އަންނަ އަހަރުގެ ބަޖެޓުގެ 65 ޕަސެންޓް ހަރަދުވާނީ ރިކަރަންޓް ހަރަދަށް ކަމަށެވެ. އެއީ 15.8 ބިލިއަން ރުފިޔާ އެވެ. ބަޖެޓުގެ 26 ޕަސެންޓް ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ސޯޝަލް ސެކިއުރިޓީ އާއި ވެލްފެއާ އަށް ބަޖެޓުގެ 13 ޕަސެންޓް ހަރަދުވާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ.