ޑރ. ޝަހީދު، އުމަރުގެ މައްޗަށް ކުރެއްވި އަބުރުގެ ދައުވާ އަނބުރާ ގެންނެވުމަށް ނިންމެވުމާ ގުޅިގެން، ޑރ. ޝަހީދަށް ރައީސް މަރްހަބާ ވިދާޅުވެއްޖެ

10:00


ދިވެހި ސަރުކާރުން ކޮސޯވޯގެ މިނިވަންކަން ގަބޫލު ކުރުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަހްމަދު ޝަހީދު ރިޝްވަތު ނެންގެވި ކަމަށް ވިދާޅުވެފައިވާތީ، ކުރީގެ އައިޑީޕީގެ ލީޑަރު އަދި މިހާރުގެ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރ އުމަރު ނަސީރުގެ މައްޗަށް މިދިޔަ އަހަރު ކުރެއްވި އަބުރުގެ ދައުވާ އަނބުރާ ގެންނަވަން ޑޮކްޓަރ ޝަހީދު ނިންމެވުމާ ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މަރްހަބާ ވިދާޅުވެއްޖެ އެވެ.


ރައީސް އޮފީހުން ބުނީ ޑޮކްޓަރ ޝަހީދަށް ރައީސުލްޖުމްހޫރިއްޔާ މަރްހަބާ ވިދާޅުވީ، އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެމަނިކުފާނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.


މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޢުމަރު ނަސީރަކީ މިހާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ޑެޕިއުޓީ ލީޑަރު ކަމަށްވުމާއެކު، މި ސަރުކާރުގެ ވެރިންނަށް ފާޑުކިޔުމުގެ މިނިވަންކަން، ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް އިންތިހާއަށް ދިނުމަށް ޑޮކްޓަރ ޝަހީދުގެ ފަރާތްޕުޅުން ދެއްކެވި ރީތި ނަމޫނާއަކީ، މުޖްތަމައު ބަލައިގަންނާނެ ނަމޫނާއެއް ކަމަށް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.


ޑޮކްޓަރ އަހްމަދު ޝަހީދު، ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރ އުމަރު ނަސީރުގެ މައްޗަށް ކުރެއްވި އަބުރުގެ ދައުވާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަންސާސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯއްދެވުމަށް ވަނީ ހުށަހަޅުއްވާފައި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު