ފާއިތުވެދިޔަ ދެ ސީޒަންގައި ވީބީ ސްޕޯޓްސްއަށް ކުޅުނު މުޙައްމަދު ޝައްފާޒު އަލުން އެނބުރި ވިކްޓަރީއާ ގުޅި ސޮއިކޮށްފި އެވެ.
ވީބީގެ ކޮންޓްރެކްޓް ހަމަވުމުން ވަކި ގޮތެއް ނުނިންމާހުރި ސައްޕޭ ވިކްޓަރީއަށް އިއްޔެ ސޮއިކޮށްފައިވާ ކަން ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. "ސައްޕޭ އިއްޔެ ވަނީ ވިކްޓަރީއަށް އެއްއަހަރުގެ އެގްރިމަންޓެއްގައި ސޮއިކޮށްފައި. މިއަދު ހަވީރު ޕްރެކްޓިހަށްވެސް ނުކުންނާނެ." ވިކްޓަރީގެ މެނޭޖަރ އަޙްމަދު އަޔާޒު ރަޝީދު މިއަދު ބުންޏެވެ.
ސައްޕޭ ބުނެފައިވަނީ ވިކްޓަރީގެ އިތުރުން ނިއުރޭޑިއަންޓުންވެސް އޭނާގެ އެހީތެރިކަން ހޯދަން ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި ވީބީން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އޭނާ ކުރިން ވަނީ ބުނެފައެވެ.
އަޔާޒު ބުނީ ސައްޕޭގެ އިތުރުންވެސް ދިވެހި ކުޅުންތެރިންނާ ވާހަކަ ދައްކަމުންދާ ކަމަށާއި ޓްރާންސްފާރގެ އެންމެ ފަހު ތާރީޚާ ހަމައަށްވެސް ވިކްޓަރީން ދިވެހި އިތުރު ކުޅުންތެރިން ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. "ފައިސާ ހުރި މިންވަރަކުން ދިވެހި އިތުރު ކުޅުންތެރިން ލިބޭތޯ ބަލަމުން މިދަނީ. އުއްމީދު ކުރަނީ މިދިޔަ އަހަރަށްވުރެ ރަނގަޅު ޓީމެއް މިއަހަރު ނެރެވޭނެ ކަމަށް." އަޔާޒު ބުންޏެވެ.
ވީބީން ބުނެފައިވަނީ ސައްޕޭގެ ކޮންޓްރެކްޓް ހަމަވުމުން ވީބީގެ ހުށަހެޅުން އޭނާއަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ގިނަ ދުވަސްތަކެއްވީއިރުވެސް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
ސައްޕޭ ވެލެންސިއާއިން ވިދާލުމަށްފަހު ވިކްޓަރީއަށްވެސް ވަނީ ކުޅެފައެވެ.
މިދިޔަ އަހަރުގެ ސީޒަންގައި ވިކްޓަރީއަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވީބީގެ ޖާޒީލާފައިވާއިރު ވީބީއަށް ކުޅުނު މުހިއްމު ބައެއް ކުޅުންތެރިން ވަނީ ވިކްޓަރީއާވެސް ގުޅިފައެވެ.