އޭވައިއެލް ރެލިގޭޓްވެ، ބީޖީއާއި ޓީސީއަށް ދިވެހި ލީގުން ޖާގަ ކަށަވަރުވެއްޖެ

ދިވެހި ލީގު ކޮލިފިކޭޝަންގައި ބުރާސްފަތި ދުވަހު ކުޅުނު ދެ މެޗުގެ ނަތީޖާއާ އެކު، ހަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އޭވައިއެލް ރެލިގޭޓްވެ، ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު ބީޖީ އާއި ޓީސީ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބާއި ޔުނއިޓަޑް ވިކްޓްރީ އެވެ. މި މެޗު 2-16 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީ އެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޓީސީން ވަނީ ޖުމުލަ ހަ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގައި ޓީމަށް މުޅި ޖުމުލަ ފަސް ލަނޑު ކާމިޔާބު ކޮށްދިން ޓީސީގެ އަހުމަދު ނިޒާމް (ނިޒާމްބެ) ވަނީ މި ހާފްގައި ހެޓްރިކެއް ހަދާފައެވެ.

މެޗުގެ ދެވަނަ ހާފްގައި ޔުނައިޓެޑް ވިކްޓްރީން ކައިރި ކައިރީގައި ދެ ގޯލް ކާމިޔާބު ކޮށްފައި ވާއިރު، މި ހާފްގައި ޓީސީގެ ޔާމިން އިބްރާހިމްވެސް ވަނީ ހެޓްރިކެއް ހަދާފައެވެ. އަދި މި ހާފް ގެ އިތުރު ވަގުތު ތެރޭގައިވެސް ޓީސީއިން ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގައި ޔުނިއިޓަޑް ވިކްޓަރީގެ ކުޅުންތެރިން އަތުން ބައި ކޮޅަށްވެސް ދެ ގޯލް ވަދެފައިވެ އެވެ.

ދިވެހި ލީގް ކޮލިފިކޭޝަންގައި މިރޭ ކުޅުނު މެޗުގައި ބައްދަލުކޮށްފައި ވަނީ ބީޖީ ސްޕޯޓްސް ކްލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ. މި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ބީޖީ އެވެ.

މި މެޗުގެ ފުރަތަމަ ދިހަ މިނެޓުތެރޭ ތިން ގޯލް ފެނިފައި ވާއިރު، ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ލީޑް ނަގާފައި ވަނީ އޭވައިއެލް އެވެ. ނަމަވެސް ބީޖީ ވަނީ ޖެހިގެން އައި ހަތަރު މިނެޓު ތެރޭ ދެ ގޯލް ކާމިޔާބުކޮށް، މެޗުގައި ކުރި ހޯދާފައެވެ.

މި ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފް ނިމިފައި ވާއިރު، މެޗުގެ ދެވަނަ ހާފް ފެށިތާ ދިހަ މިނެޓުތެރޭ އޭވައިއެލްއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ނަތީޖާއާއި އެކު މެޗުގެ ފުރިހަމަ ވަގުތު ނިމިފައި ވާއިރު، ބީޖީއަށް ލީޑް ލިބިފައި ވަނީ މި ހާފްގެ އިތުރު ވަގުތު ތެރޭ ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެނެވެ. ޕެނަލްޓީ ކާމިޔާބު ކުރުމަށްފަހު ބީޖީއިން ވަނީ އަނެއްކާވެސް ލަނޑެއް ކާމިޔާބު ކޮށް، ލީޑު ފުޅާކޮށްފައެވެ.

މި މެޗާއެކު ދިވެހި ލީގް ކޮލިފިކޭޝަން ރައުންޑް ވަނީ ނިމިފަ އެވެ. މިއަދު ކުޅުނު މި މެޗުތަކުގެ ނަތީޖާ އާއި އެކު ތާވަލްގައި ޕޮއިންޓުގެ ގޮތުން ހަމަހަމައިގާ އޮތް ޓީސީއިން ތާވަލްގެ ދެވަނަ މަގާމް ކާމިޔާބު ކޮށްފައި ވަނީ އޭވައިއެލްއަށް ވުރެ ފައިދާ ދެ ގޯލް ގެ ކުރި ހޯދައިގެނެވެ. މި ދެ ޓީމަށްވެސް މުބާރާތުގައި ލިބިފައި ވަނީ ޖުމުލަ ހަތަރު ޕޮއިންޓްއެވެ.

ތާވަލްގެ އެއްވަނަ މަގާމްގައި އޮތް ބީޖީ ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، މުޅިޖުމުލަ ނުވަ ޕޮއިންޓް ހޯދާފައެވެ.

ހަ އަހަރަށް ފަހު ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު އޭވައިއެލްއަށް ގެންލުނު އިރު، މިއީ ޓީސީގެ ފުޓްބޯޅަ ތާރީހުގައި އެޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު