ހައި ކޯޓަށް އައްޔަން ކުރާނެ ފަނޑިޔާރުން ކަނޑައަޅަފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި އެ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށް އެ ކޯޓުން ނިންމައިފި އެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅި ދައުވާއަކީ ދުސްތޫރީ މައްސަލައެއް ކަމަށާއި ދުސްތޫރީ މައްސަލަތައް އެ ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިގެން ނުވާ ކަމަށެވެ. އަދި އެ މައްސަލަ ސިވިލް ކޯޓުން ނިމި ހައި ކޯޓުގައި އިސްތިއުނާފްކޮށް ނިމެންދެން ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ނުކުރެވި ލަސްވުމަކީ އަދުލް އިންސާފު ގާއިމް ކުރުމުގައި އަސާސީ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން ބުނެފައި ވަނީ ގާނޫނީ ވެރިކަން ނެގެހެއްޓުމަކީ ގާނޫނު އަސާސީން ލާޒިމް ކުރާ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ށ. އާއި 143 ވަނަ މާއްދާގެ ނ. އާއި އެ މާއްދާގެ ރ. އާއި 145 ވަނަ މާއްދާގެ ނ.ގެ ދަށުން އެ ކޯޓަށް ލިބިގެންވާ ބެލެނިވެރިކަމުގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައްގަށް ރިއާޔަތްކޮށް "ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލު ކުރަންވީ ގޮތުގެ ގަވާއިދު"ގެ ދަށުން އެ މައްސަލަ އެ ކޯޓުން ބަލައި ނިންމާ ގޮތަށް ހަމަޖެއްސީ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.
އެ މައްސަލަ ސިވިލް ކޯޓުގައި ހިންގައި ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް އެ ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް މިދިޔަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓަށް އަންގައިފަ އެވެ. އަދި އެ މައްސަލައިގެ ފައިލް އެ ކޯޓަށް ފޮނުވުމަށް ވެސް ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް އަންގާފައިވެ އެވެ.
ސިވިލް ކޯޓަށް ބާރީ ގާޒީ ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައި ވަނީ ހައި ކޯޓަށް ފަނޑިޔާރުން ނެގުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަމަލުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެންމެ މުހިންމު ޕޮއިންޓެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ ހައި ކޯޓަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އަންހެން ބޭފުޅުކާއި ފިރިހެން ބޭފުޅަކު މާކްސްގެ ގޮތުން އެއްވަރުވެއްޖެ ނަމަ އަންހެން ބޭފުޅާއަށް އިސްކަން ދިނުމަށް ނިންމާފައިވު މެވެ.
ބާރީ ގާޒީގެ އިތުރުން އާއިލާއާ ބެހޭ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ވެސް ވަނީ ފަނޑިޔާރުން ކަނޑައެޅި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
ޖޭއެސްސީން ހައި ކޯޓަށް ކަނޑައަޅުއްވާފައި ވަނީ ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ސަމީރާއި އެ ކޯޓުގެ ރަޖިސްޓްރާ އަބްދުއްރައޫފް އިބްރާހިމާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީ ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ޑރ. އަޒްމެރިލްދާ ޒާހިރާއި ވަކީލު އައްބާސް ޝަރީފެވެ.