ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ބޭނުން ވަނީ ސަރުކާރަށް ފުރައްސާރަ ކުރާ މީހުން ނޫން ކަމަށް އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު ވިދާޅުވެއްޖެ

ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ބޭނުން ވަނީ ސަރުކާރަށް ފާޑުކިޔައި ސަރުކާރަށް ފުރައްސާރަކޮށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކެންޑިޑޭޓުންތަކެއް ނޫންކަމަށް އެމްޑީޕީގެ ކެމްޕޭނު މެނޭޖަރު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނާއި ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ އެމްޑީޕީގެ ކެމްޕޭނުގެ މެސެޖް ރައްޔިތުން ވަރަށް ކައިރިން ބަލައިގެންފި ކަމަށާއި ރައްޔިތުން ބޭނުންވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހު އެމީހުންނަށް ހިދުމަތް ކޮށްދޭނެ ބަޔަކު އިންތިހާބު ކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ރާއްޖެ ރީދޫ ވަމުން ދާތަން. ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އަޅުގަނޑުމެންގެ ކެމްޕެއިން މެސެޖް ބަލައިގަންނަމުން ދާކަން،" ޑރ. ޝަހީދު ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހު އެމްޑީޕީގެ އިސް އެކްޓިވިސްޓް ޝެރީން އެޕާޓީން ވަކިކުރި މައްސަލައިގެ މައްޗަށް އަލިއަޅުވާލައްވަމުން ޑރ. ޝަހީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ އަސާސީ ގަވާއިދާ އެއްގޮތް ވާގޮތުގެ މަތިން ކަމަށާއި ޝެރީން ޕާޓީން ވަކިކުރީ ޕާޓީގެ މަސްލަހަތުތަކާއި ދެކޮޅަށް މަސައްކަތްޕުޅު ކުރައްވާތީ ކަމަށެވެ. ޝެރީން ޕާޓީން ވަކި ކުރީ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކުގެ ނުފޫޒުން ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވަމުން ޑރ. ޝަހީދު ވިދާޅުވީ އެމްޑީޕީ މައްޗަށް ހިނގާ ނުފޫޒަކީ ޕާޓީގެ އަސާސީ ގަވާއިދު ނުފޫޒު އެކަނި ކަމަށާއި ޕާޓީގެ އެއްވެސް މެންބަރަކަށް ގަވާއިދަށް ވުރެ މަތީގައި ނުހުރެވޭނެ ކަމަށެވެ.

"ޕްރައިމަރީއަކުން ކުރިމަތިލައްވާފައި ހުންނެވި ބޭފުޅެއް ސަރަނގު އާދަމް މަނިކަކީ. އޭނައާ ދެކޮޅަށް ޕާޓީ ތެރެއިން އެހެން މީހަކު ނުކުތީމަ އޭރުން ޕާޓީގެ ގަވާއިދުތަކާ ހިލާފު އެވީ. ވަރަށް ސާފު ޕާޓީގެ ގަވާއިދު. ޕާޓީގެ މަސްލަހަތުތަކާ ދެކޮޅަށް މަސައްކަތް ކުރައްވާ މެންބަރުންނާ މެދު ފިޔަވަޅު އަޅަން އޮވޭ. ޝަކުވާ ލިބުނީމާ އެބަ ޖެހޭ ފިޔަވަޅު އަޅަން. އެގޮތަށް އައިސްފައި ހުރި އެހެން މައްސަލަތަކާ ދޭތެރޭ ވެސް ފިޔަވަޅު އަޅާނަން. މި ޕާޓީގަ ވަކި ގޮތަކަށް ވަކި މީހަކަށް ކަންތައް ކުރުމެއް ނޯންނާނެ. މި ޕާޓީގެ ގަވާއިދާ އެއްގޮތަށް އެންމެންނާ ދޭތެރޭ ވެސް ފިޔަވަޅު އެޅޭނެ،" ޑރ. ޝަހީދު ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިހާބުގައި ނިކުންނަވާ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ އެމްޑީޕީގެ އެހެން މެންބަރުންނާ މެދު އަމަލުކުރައްވާނެ ގޮތެއް ނިންމަވާ އެކަން މިއަދު އިއުލާން ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް އެ ފިޔަވަޅު އަޅަން ނިންމެވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ފަދަ ނާކާމިޔާބަކާ މި އިންތިހާބުގައި ކުރިމަތިލައްވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.

"އެމްޑީޕީއަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަގުލަބިއްޔަތު ނުލިބުނީ މިފަދަ މައްސަލަތަކެއްގެ ސަބަބުން. އެމްޑީޕީގެ މެންބަރުންނަށް ގޮޑިތައް ކާމިޔާބު ނުކުރެވިފައި ހުރީ ވަރަށް މަދު ވޯޓަކުން ނާކާމިޔާބުވެގެން. އެތަޖުރިބާއަށް ބަލާފައި އަޅުގަނަޑުމެންގެ ތެރެއިން ބަޔަކު ނުރުހުނަސް އެ ބައި އެ ގޮތަށް އަމަލުކުރަން ޖެހޭ." ޑރ. ޝަހީދު ވިދާޅުވި އެވެ.

ޝެރީން ޕާޓީން ވަކި ކުރީ ސަރަނގު އާދަމް މަނިކުގެ ނުފޫޒުން ނޫން ކަމަށް ޝަހީދު ވިދާޅުވި ނަމަވެސް، އާދަމް މަނިކު ވިދާޅުވީ ޝެރީންގެ ޝަކުވާ އޭނާ އުފުއްލެވިތާ ދެތިން ގަޑިއިރުގެ ތެރޭގައި ޝެރީން ޕާޓީން ވަކިކުރި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު